ޕްލޭއޮފްގައި އޮޅުވެއްޔާއި ވެލައްސަރު، ހާޑްރޮކް އާއި ޖޭޑަބްލިއު

ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޓެކާސް ދިރާގު ރިސޯޓު ކަޕް 2025ގެ ސައުތު ކާފު ޒޯނުގެ ޕްލޭއޮފް ބުރުގެ ފުރަތަމަ މެޗުގައި ސަން ސިޔާމް އޮޅުވެއްޔާއި ވެލައްސަރު، އަދި ދެވަނަ މެޗުގައި ހާޑްރޮކް އާއި ޖޭޑަބްލިއު މެރިއަޓް ބައްދަލުކުރަން ޖެހިއްޖެއެވެ. މުބާރާތުގެ ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުތައް އިއްޔެ ކުޅުނުއިރު، މި މެޗުތަކާއެކު ދެ ގްރޫޕުން ސެމީފައިނަލަށް ދަތުރުކުރި ޓީމުތަކާއި ޕްލޭއޮފް ބުރުގައި ބައްދަލުކުރާ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ ސައުތު ކާފު ޒޯނުގައި ކޮންމެ ގްރޫޕަކުން އެއްވަނައިގައި އޮތް ޓީމަށް ސެމީން ޖާގަ ކަށަވަރުވެއެވެ. ދެ ގްރޫގައި ދެން ހިމެނޭ ޓީމުތަކުގެ ތެރެއިން ދެވަނަ އަދި ތިންވަނަ ޓީމުތަކުގެ މެދުގައި ކުޅެނީ ޕްލޭއޮފް ބުރުގެ މެޗުތަކެވެ. ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުތަކުގެ ތެރެއިން އިއްޔެ ކުޅުނު ފުރަތަމަ މެޗު ދަ މެރީނާ ވަނީ ވެލައްސަރު އަތުން 3-0 އިން މޮޅުވެފައެވެ. މި މެޗާ ކުރިމަތިލިއިރު ވެސް ދަ މެރީނާ ވަނީ ގްރޫޕް އޭގެ އެއްވަނަ މަގާމާއެކު މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދާފައެވެ. އެއާއެކު ވެލައްސަރަށް ލިބެނީ ގްރޫޕް އޭގެ ތިންވަނައެވެ. އެއީ ޖުމްލަ ހަތް ޕޮއިންޓާއެކުގައެވެ. މި ގްރޫޕުގެ ދެވަނަ ހޯދީ ސަން ސިޔާމް އޮޅުވެއްޔެވެ. އެ ޓީމަށްވެސް ހަތް ޕޮއިންޓު ލިބިފައިވާއިރު ތާވަލުގެ ކުރި ލިބެނީ ފައިދާ ގޯލުންނެވެ. އެސްއޯ މޯލްޑިވްސްއާއި އެނބޫދޫ ވިލެޖު ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ޓެކާސް ދެވަނަ މެޗުގައި ބައްދަލުކުރީ އެސްއޯ މޯލްޑިވްސްއާ އެނބޫދޫ ވިލެޖެވެ. މި މެޗު 9-1 އިން އެސްއޯ މޯލްޑިވްސް ކާމިޔާބު ކުރި ނަމަވެސް، މި މެޗާ ކުރިމަތިލިއިރު ދެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ. އެއާއެކު ޕްލޭއޮފްގެ ފުރަތަމަ މެޗުގައި ބައްދަލުކުރަނީ ގްރޫޕް އޭގެ ދެވަނަ ސަން ސިޔާމް އޮޅުވެއްޔާއި ގްރޫޕް އޭގެ ތިންވަނަ ވެލައްސަރު މޯލްޑިވްސްއެވެ. މި މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ ހޯދި އޮޒެން ލައިފް މާދޫ އާއެވެ. ދެވަނަ ޕްލޭއޮފްގައި ބައްދަލުކުރަނީ ގްރޫޕް ބީގެ ދެވަނަ ހާޑްރޮކް އާއި އެ ގްރޫޕުގެ ތިންވަނަ ޖޭޑަބްލިއު މެރިއަޓްއެވެ. މި މެޗުން މޮޅުވާ ޓީމެއް ސެމީގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ދަ މެރީނާ އާއެވެ. މުބާރާތުގެ ޕްލޭއޮފް ބުރުގެ މެޗުތައް ބުދަ ދުވަހު ކުޅޭއިރު، ސެމީ ފައިނަލުގެ ދެ މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހެވެ. އަދި ފައިނަލް ކުޅޭނީ އަންނަ އާދީއްތަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ