މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަތުމަށް މަޝްވަރާކުރަނީ

މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ދޭދޭ ޤައުމުތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އީރާނަށް ދެވުނު ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ސަރަހައްދުގެ ހާލަތު ބެލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންގެ ކޮމިޓީއެއް އުފައްދަވާފައެވެ. މި ކޮމިޓީން އެ ސަރަހައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށާއި، ބައިނަލްއަޤްވާމީ އެޖެންސީތަކާއެކު މަޝްވަރާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަންނަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އީރާންގެ ޚާރިޖީ ވަޒީރާއެކު މަޝްވަރާތައް ކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ ސިޔާސަތަކީ ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުން ކަމަށާއި، އެއް ޤައުމުން އަނެއް ޤައުމަށް ހަމަލާދިނުމަކީ ސުލްހަވެރި ހައްލެއް ނޫންކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މި ނާޒުކު ދަނޑިވަޅުގައިވެސް ރާއްޖެއާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ސަރުކާރުން ބަސްބުނަމުން ގެންދާކަން ޚާރިޖީ ވަޒީރު ވަނީ އިތުރަށް ފާހަގަކުރައްވާފައެވެ. އަދި ކަމާގުޅޭ އެންމެހާ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ