އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުގެ މަސައްކަތުގެ 98 އިންސައްތަ މިހާރު ވަނީ ނިމިފައިކަމަށާއި، އަދި އެ ލެބުގެ ޚިދުމަތް 4 މަސް ދުވަހުގެ ތެރޭގައި ފެށޭނެކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސިއްޙީ ވަޒީރު މި މަޢުލޫމާތު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި ލެބު ހިންގުމަށްޓަކައި ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މިހާރު ވަނީ އިޢުލާން ކުރެވިފައެވެ. މާލީ ވުޒާރާއިން ހުޅުވާލާފައިވާ މި ފުރުސަތުގައި، ކެތު ލެބު ފަސް އަހަރު ދުވަހުގެ މުއްދަތަށް މެނޭޖްކޮށް އޮޕަރޭޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ދެއްވާފައިވެއެވެ.
މާލީ ވުޒާރާއިން އަންގާފައިވާ ގޮތުގައި، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހަޅަންޖެހެއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކެތު ލެބެއް ޤާއިމުކުރުމަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް މުހިންމު ކުރިއެރުމެކެވެ. މި ޚިދުމަތް ފެށުމުން، ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް މާލެ އަންނަންޖެހޭ މިންވަރު މަދުވެގެންދާނެކަމަށް ބެލެވެއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުގެ މަސައްކަތުގެ 98 އިންސައްތަ ނިމިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ