އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ ދެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެމްބަރުން އައްޔަނުކުރެއްވުމަށްޓަކައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. މިހާރު އެ ކޮމިޝަންގައި ތިއްބަވާ މެންބަރުންގެ ގޮތުގައި ވެބްސައިޓުން ފެންނަނީ: ކޮމިޝަންގެ ރައީސް - މަރްޔަމް މުނާ ކޮމިޝަންގެ ނައިބު ރައީސް - މުއުމިނާ ވަޙީދު ހިއުމަން ރައިޓްސް ކޮމިޝަނަރު - އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ހިއުމަން ރައިޓްސް ކޮމިޝަނަރު - ސަމާޢު އަޙްމަދު ނަޖީބު ހިއުމަން ރައިޓްސް ކޮމިޝަނަރު - އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤް އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ, އޭގެ ތެރެއިން މެންބަރުކަމުގެ މުއްދަތު ހަމަވެފައިވާ ދެ ބޭފުޅުންނަކީ މުއުމިނާ އަދި ޝިފާއަތު ކަމަށެވެ. ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ, އެޗްއާރްސީއެމް މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ކަމަށެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ. އެޗްއާރްސީއެމް މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އަންނަ ޖުލައި މަހުގެ ނުވައެއްވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ