ކޭ-ޕާކް ރެސިޑެންސްގެ ފްލެޓްތައް މަކަރާއި ހީލަތުން ވިއްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ އުފުލާފައިވާ އެ ތަނުގެ ކުރީގެ އެއް ހިސާދާރު މުހައްމަދު މަމްދޫހު (ކޭޕާކް މަންޑޭ) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރުމާ އެކު އޭނާ ހައްޔަރުކޮށް، ހުޅުމާލޭ ޖަލުގައި ބަންދުކޮށްފި އެވެ.
ވީ ކިހިނެއް؟ - އޭނާ ހައްޔަރުކޮށް، މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރީ އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އަޑުއެހުންތަކަށް ތަކުރާރުކޮށް އެކަށީގެންވާ ސަބަބެއް ނެތި ހާޒިރުނުވެ ހުރުމުން އިއްޔެ އެ ކޯޓުން އޭނާ ބަންދުގައި ބަަހައްޓަން ކުރި އަމުރަކާ ގުޅިގެންނެވެ.
ތަފްސީލް - ޕީޖީ އޮފީހުން މިއަދު 'ދައުރު'އަށް ބުނި ގޮތުގައި، އެ އަމުރާ ގުޅިގެން އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭނާ ހުޅުމާލެ ޖަލުގައި ބަންދުކޮށްފައިވާކަން ކަރެކްޝަންސް އިން ވެސް 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ.
މަމްދޫހު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށް، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އިއްޔެ ވިދާޅުވި ގޮތުގައި، އޭނާ އަޑުއެހުންތަކަށް ހާޒިރުނުވަނީ ބަލިވެގެން ކަމަށް ބުނެ އެވެ. އެކަމަށް ޑޮކްޓަރުންގެ ލިޔެކިޔުން ވެސް ހުށަހަޅާފައިވެ އެވެ.
އެކަމަކު އެ ލިޔެކިއުންތަކުން ކޯޓަށް ހާޒިރުނުވެވޭ ވަރުގެ ބައްޔެއް ފާހަަގަކުރެވެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.
ނަދީމު ވިދާޅުވީ:
ބަލިވެގެން ކަމަށް ބުނެ ޝަރީއަތަށް ހާޒިރުނުވެ ހުރި ބައެއް ދުވަސްތަކުގައި ގެއިން ބޭރުން މަމްދޫހު ފެނިގެން އެކި ފަރާތްތަކުން ކޯޓަށް އެކަން އަންގާފައިވޭ
އޭގެ ތެރޭގައި ކޯޓަށް ހެކިބަސް ދޭން ޖެހޭ ފަރާތްތައް ވެސް ހިމެނޭ
ފަސްމަންޒަރު - ހުޅުމާލޭގައި ކޭ-ޕާކް ފްލެޓްތައް ހަދަމުން އަންނަ ހަންބޯ މޯލްޑިވްސް ކުންފުނީގެ ކަސްޓަމަރުންނަށް ނުއަގުގައި ފްލެޓް ވިއްކައި އެ ކުންފުންޏަށް ނޭނގި މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފެންމަތިވީ އޭޕްރީލް 2023ގަ އެވެ.
އެ ކުންފުނިން އޭރު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި:
މަމްދޫހު އާއި އިތުރު މީހަކު ވަނީ ބޮޑު އޮޅުވާލުމަކުން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައި
މިކަން ކޮށްފައިވަނީ އެ ކުންފުނީގެ %95 ހިއްސާ އޮންނަ މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން
މި މައްސަލަ ފެންމަތިވެފައި ވަނިކޮށް މަމްދޫހު ބޭރަށް ފުރަން މަސައްކަތް ކުރަނިކޮށް، އެ އަހަރުގެ ޖުލައި މަސް ތެރޭގައި ހައްޔަރު ވެސް ކުރި އެވެ. ނަމަވެސް އޭރު ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުން ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު، އޭނާ ބަންދުން ދޫކޮށްލީ އެވެ.
މި މައްސަލައިގައި ތަހުގީގަށް އެއްބާރުލުން ނުދީ ހެކި ނައްތާލުމަށް މަމްދޫހު މަސައްކަތް ކުރަމުންދާ ކަމަށް ހަންބޯ ކުންފުނިން މީގެ ކުރިން ވަނީ ތުހުމަތުކޮށްފަ އެވެ.
އެނގުން މުހިންމު - މި މައްސަލާގައި މަމްދޫހުގެ އިތުރުން ދެން ދައުވާ ކުރަނީ ޖައިޝާން ސައީދު، ކިނާރާގެ/ރ. އަލިފުށީގެ މައްޗަށެވެ. މަމްދޫހުގެ މައްޗަށް 104 ދައުވާއަކާއި ޖައިޝާންގެ މައްޗަށް 98 ދައުވާއެއް ކުރެ އެވެ.
މި ދެ މީހުންގެ މައްޗަށް ތުހުމަތުކުރަނީ މަމްދޫހު އިސްކޮށް ހުރެ، ކޭޕާކުގެ 41 އެޕާޓްމަންޓް 107 މީހުންނަށް ވިއްކާފައިވާ ކަމަށެވެ. މި މީހުންގެ މައްޗަށް ފަސް ބާވަތެއްގެ ދައުވާ ކުރެ އެވެ. އެއީ:
ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ
އޮޅުވާލުމުގެ ކުށުގެ ދައުވާ
ޓެކުމުގެ ކުށުގެ ދައުވާ
މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ
ޓެކުމުގައި ބައިވެރިވުމުގެ ދައުވާ
މަމްދޫހު ހައްޔަރުކޮށް، ހުޅުމާލޭ ޖަލުގައި ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ