އިއުލާނު ކުރުމެއް ނެތި ކައުންސިލް އިމާރާތް އަޅަން އާރުސީސީއަށް ދޭން ފާސްކުރީ އިކޮނޮމިކް ކައުންސިލުން އިއުލާނު ކުރުމެއް ނެތި ކައުންސިލް އިމާރާތް އަޅަން އާރުސީސީއަށް ދޭން ފާސްކުރީ އިކޮނޮމިކް ކައުންސިލުން

ރަށު ކައުންސިލް އޮފީސް އިމާރާތް ކުރުމުގެ މަޝްރޫއު ހިންގާނެ ބަޔަކު ހޯދަން އާންމުކޮށް އިއުލާނު ނުކޮށް، ސަރުކާރާ ގާތް ގުޅުމެއް އޮންނަ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އާރުސީސީއާ ހަވާލުކުރަން ފާސްކުރީ އިކޮނޮމިކް ކައުންސިލުން ކަން އެނގިއްޖެ އެވެ.
މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް އިން ކޮންސްޓްރެކްޓާ ފައިނޭންސިންގެ އުސޫލުން 55 ރަށެއްގައި ކައުންސިލު އޮފީސް އިމާރާތްތައް އަޅަން ސޮއިކުރުމަށްފަހު އެ އެއްބަސްވުން ބާތިލުކޮށް، އާރުސީސީ އާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ އިއްޔެ އެވެ.
މި މަޝްރޫއުގެ ފުރަތަމަ އެއްބަސްވުން ބާތިލުކުރުމަށްފަހު، އިއުލާނު ނުކޮށް އާރުސީސީއާއި ހަވާލުކުރީ ކީއްވެތޯ ސުވާލުކުރުމުން، އެކަން އެގޮތަށް ކުރީ އިކޮނޮމިކް ކައުންސިލުން ކަން ޔަގީން ކޮށްދެއްވީ ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އެވެ.
"އިކޮނޮމިކް ކައުންސިލުން ނިންމައިގެން ދިނީ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން. އެއީ މާލިއްޔަތު ގަވާއިދު ހުއްދަ ކުރާ ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މި މަޝްރޫއު އާރުސީސީއަށް ދިނީ ކުރިން ހެދި އެއްބަސްވުމަށްވުރެ އަގު ބޮޑުކޮށެވެ.
އެގޮތުން، އެއްބަސްވުމުގެ ޖުމްލަ އަގަކީ 631 މިލިއަން ރުފިޔާ ކަމާއި އިމާރާތްތައް ނިމުމުން އެ ފައިސާ ފަސް އަހަރުގެ ތެރޭގައި ސަރުކާރުން އާރުސީސީއަށް ދައްކަން ޖެހޭކަން މިނިސްޓަރު ކަށަވަރުކޮށްދެއްވި އެވެ. އެ ރޭޓުން އިމާރަތަކަށް ޖެހެނީ 11.5 މިލިއަނެއްހާ ރުފިޔާ އެވެ.
މި މަޝްރޫއު ނިންމަން ސަރުކާރުން ހެކްސްޓާއާއެކު ސޮއި ކުރި އެއްބަސްވުމުގެ އަގަކީ 36 މިލިއަން ޑޮލަރެވެ. ރަސްމީ ރޭޓުން ހިސާބުކުރާއިރު އެއީ 555 މިލިއަން ރުފިޔާ އެވެ. އެ އެއްބަސްވުމުގެ ދަށުން ފައިސާ އަނބުރާ ދައްކަން ލިބެނީ ހަ މަސް ދުވަހެވެ.
މަޝްރޫއުގެ ދަށުން ތިން ގިންތިއެއްގެ ކައުންސިލް އިމާރާތް ހިމެނެ އެވެ. އެއްބަސްވުމުގެ ދަށުން ހުރިހާ އިމާރާތެއް ވެސް ސަރުކާރާ ހަވާލުކުރަން ޖެހެނީ ތަނުގެ ފިނިޝިން އާއި ފަރުނީޗަރު އަދި އެހެނިހެން ވަސީލަތްތައް ވެސް ފުރިހަމަކުރުމަށް ފަހު އެވެ.
ހެކްސްޓާ އެއްބަސްވުން ބާތިލުކުރިކަން ސަރުކާރުން ފުރަތަމަ ހާމައެއް ނުކުރެ އެވެ. އެކަމަށް އެއްބަސްވީ މަޝްރޫއު އާރުސީސީއަށް ދޭން އުޅޭ ކަމަށް ނޫސްތަކުން ރިޕޯޓުކުރުމުންނެވެ.
ކައުންސިލް އިމާރާތްތައް ތަރައްގީކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފާ މައި ޕްރޮޖެކްޓެކެވެ. މި ސިޔާސަތުގެ ދަށުން 100 އަށް ވުރެ ގިނަ ރަަށެއްގައި މުޅިން އާ ކައުންސިލު އިމާރާތްތައް ތަރައްގީކުރެވިގެން ދާއިރު، އޭގެ ތެރެއިން 50 ކައުންސިލު އަޅަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ