އަންނަ ހަފުތާ ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ އަންނަ ހަފުތާ ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ

އަންނަ ހަފުތާ ތެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސް ވަފުދެއް ރަސްމީ ދަތުރެއްގައި އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ޖުލައި 16، އިން ޖުލައި 19، އަށެވެ. އަރިހުގައި ގިނަ ވަޒީރުންނާއި ސަރުކާރުގެ އެކި ކުންފުނިތަކުގެ ވެރިން އަދި އިސް އޮފިޝަލުން ވަޑައިގަންނަވާނެ އެވެ.
މި ދަތުރާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އާއި ސުވާލުކުރުމުން ވިދާޅުވީ، ރައީސް ދަތުރެއް ކުރައްވާނަމަ ކަނޑައެޅިފައި އޮންނަ ގޮތުގެ މަތިން އެކަމުގެ ތަފުސީލު ހާމަކުރާނެ ކަމަށެވެ. އިނގިރޭސިވިލާތަށް ރައީސް ވަޑައިނުގަންނަވާނެ ކަމަކަށް ވިދާޅެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުގެ ތެރެއިން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތެރިކަން މާކެޓު ކުރާ ސަރުކާރުގެ ބްރޭންޑެއް އިފްތިތާހުކުރާނެ އެވެ. އެއީ މި ސަރުކާރުން އުފެއްދި އައު ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ގެ ދަށުން ހިންގާ ބްރޭންޑެކެވެ.
އެ ކުންފުނީގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ދެ ބްރޭންޑަކީ "ފްރޮމް މޯލްޑިވްސް އޯޝަންސް ފައިނެސްޓް"، އަދި "ފްރޮމް މޯލްޑިވްސް" އެވެ.
ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ. އެއީ ނޮވެމްބަރު 2024، ގައި ރައީސްގެ ދެ ކަނބަލުން ކުރެއްވި ނުރަސްމީ ދަތުރާއި އެޕްރީލް މަހު އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރެވެ.
މީގެތެރެެއިން، ރައީސް ފަހުން ކުރެއްވި ދަތުރާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެގޮތުން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ރަސްމީ ދަތުރެއްގައި ޔޫކޭއަށް ވަޑައިގެންނެވީ އެ ގައުމުގެ ލީޑްސްގައި ތައުލީމު ހާސިލުކުރަމުންދާ އެމަނިކުފާނުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒު އާއި ބައްދަލުކުރެއްވުމަށް ކަމަށް ބުނެ އެވެ.
ފާޑުކިޔުންތަކާއެކު ރައީސް އޮފީހުން ވަނީ ލީޑްސް ގައި ކިޔަވާ ދިވެހި ދަރިވަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ވީޑިއޯއިން ޔާސްމީން ނުފެންނަ ގޮތަށް އެޑިޓު ވެސް ކޮށްފަ އެވެ.
މިއީ މި ފަހުން ރައީސް ކުރައްވާ ދެވަނަ ރަސްމީ ދަތުރުވެ. މިދިޔަ މަހުގެ ފަހުކޮޅު އެމަނިކުފާނު ވަނީ ރަސްމީ ދަތުރެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ. އެ ދަތުރުގައި އަރިހުގައި ގިނަ އަދަދެއްގެ ވަޒީރުން އަދި އަނބިކަނބަލުން ވެސް ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ