ޖޯޖިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 6) - ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ބަޔާން މިއުނިކްގެ ޖަމާލް މުސިއާލާ އަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން، ޕީއެސްޖީގެ އިޓަލީ ގޯލްކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ އަށް ބަޔާންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ރޭ ޕީއެސްޖީ 2-0 އިން މޮޅުވި މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގައި، އެ ކީޕަރު، ޑޮނަރުންމާގެ ގައި ދަށުވެ، މުސިއާލާގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގައި އޭނާ ދަނޑުން ބޭލީ އަށިގަނޑުގަ އެވެ. ޕީއެސްޖީގެ ޑިފެންޑަރު، ވިލިއަން ޕަޗޯ އާއި މުސިއާލާ މެދުތެރެއަށް ވަދެ، ޑޮނަރުންމާ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، މުސިއާލާ އަށް އަނިޔާވީ އެވެ.
މެޗަށް ފަހު، ބަޔާންގެ ކީޕަރު، މެނުއަލް ނޯޔާ ބުނީ، ޑޮނަރުންމާ އެ ގޮތަށް ބޯޅަ ނެގީ ރިސްކު ނަގަން ނުޖެހޭ މިންވަރަށް ނަގައިގެން، އިދިކޮޅު ކުޅުންތެރިޔާ އަށް ފިޒިކަލީ ޗެލެންޖެއް ދޭ ގޮތަށް ކަމަށާއި އެކަމަކު، އެ ވަގުުތު ހާލަތު އޮތީ އެހެނެއް ނޫން ކަަމަށެވެ. އަދި، އެ ވާހަކަ ޑޮނަރުންމާ އަށް ވެސް ހިއްސާކުރި ކަމަށާއި އޭގެ ފަހުން، ޑޮނަރުންމާ ގޮސް، މުސިއާލާގެ ހާލު ބެލި ކަމަށް ނޯޔާ ވަނީ ބުނެފަ އެވެ.
ރޭގެ މެޗުގެ ތެރެއިން މުސިއާލާގެ އަނިޔާއާ ގުޅިގެން، ޑޮނަރުންމާ ދަނޑުމަތީގައި
މުސިއާލާ އަށް ލިބުނީ ސީރިއަސް އަނިޔާއެއްކަން އެނގުނު ވަގުތު، ޑޮނަރުންމާ އަށް ވެސް ޝޮކެއް ލިބި، ދަނޑުމަތީގައި އިށީނދެގެން ވެސް ވަގުތު ކޮޅެއް ވަންދެން ހުރިއިރު، ފުރަތަމަ ހާފަށް ފަހު، އޭނާ ދަނޑުން ފޭބިއިރު ވެސް ހުރީ ފެންކަޅިވެފަ އެވެ.
ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު، މެކްސް އާބަލް ވެސް ވަނީ ޑޮނަރުންމާ އަށް ފާޑުކިޔައިފަ އެވެ. އާބަލް ވިދާޅުވީ، މިއީ، ޑޮނަރުންމާ ގަސްދުގައި ކުރި ކަމެކޭ ނުބުނާ ކަމަށެވެ. އެކަމަކު، ފިޒިކަލީ އެ ވަގުތު ޑޮނަރުންމާ އަށް ބޭނުންކުރެވުނީ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ކަމަށް އާބަލް ފާހަގަކުރި އެވެ.
މެޗަށް ފަހު، ޑޮނަރުންމާ ވަނީ، މުސިއާލާ އަށް އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށް، ހިތްވަރުގެ މެސެޖެއް ލިޔެފަ އެވެ.
މުސިއާލާ އަނިޔާވެގެން ދަނޑުމަތީގައި.
ރިޕޯޓްތައް ބުނާގޮތުން، މުސިއާލާ އަށް ދެން މި އަހަރު ކުޅުމުގެ ތެރެއަށް އެނބުރި އާދެވުމުގެ ފުރުސަތެއް ނެތެވެ. އެ ފަދަ އިންޖަރީ އަކުން އެންމެ އަވަހަށް ވެސް ކުޅުމުގެ ތެރެއަށް އައީ ލިވަޕޫލްގެ ހާވީ އެލިއަޓް އެވެ. އޭނާ ވަނީ ތިން މަސް ދުވަސް ތެރޭ ރިކަވާވެގެން އެނބުރި ކުޅުމުގެ ތެރެއަށް އަތުވެފަ އެވެ.
އެކަމަކު، ޖަރުމަނުގެ މީޑިއާ ރިިޕޯޓްތައް ބުނާގޮތުން، މުސިއާލާގެ އަނިޔާ އެލިއަޓަށް ވުރެ ގޯސްވުމުގެ ފުރުސަތު އެބައޮތެެވެ. ރިކަވަރީ އަށް ނަގާނެ މުއްދަތެއްގެ ފުރިހަމަ މައުލޫމާތު އެނގޭނީ، ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ހަދާ ޓެސްޓްތަކަށް ފަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މުސިއާލާގެ އަނިޔާއާ ގުޅިގެން ބަޔާންގެ ނުރުހުން ޑޮނަރުންމާ އަށް މުސިއާލާގެ އަނިޔާއާ ގުޅިގެން ބަޔާންގެ ނުރުހުން ޑޮނަރުންމާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ