ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުޅުވާލައިފިއެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ މަހުގެ 15 ވަނަ ދުވަހުގައެވެ.
އެ ބައި-އިލެކްޝަނުގައި ވޯޓުލާން ރީ-ރެޖިސްޓްރީ ވުމުގެ ފުރުސަތު، މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ކ.ގުރައިދޫ، ކ.މާފުށި އަދި ކ.ގުޅީގެ ރައްޔިތުންގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން އެކަންޏެވެ.
މިކަމާ ގުޅިގެން އީސީން ބުނީ، މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެ ކަމަށެވެ. ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް ނުވަތަ އީސީގެ މައި އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅައިގެންނެވެ.
ގުރއިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ ތިން ޕާޓީއަކުންނެވެ. އެއީ އިދިކޮޅު ޕީޕީއެމްއާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ.
މި އިންތިހާބުގައި ކެންޑިޑޭޓުނގް ނަމްބަރު ތަރުތީބުވެފައިވާ ގޮތަށް ބަލާއިރު، ކެންޑިޑޭޓު ނަންބަރު އެކަކަށް ހޮވިފައިވަނީ ޕީޕީއެމްއިން ކުރިމަތިލީ މެންބަރު، ހުސައިން ރިޒާއެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ލިބިފައިވަނީ އެމްޑީޕީން ކުރިމަތިލީ މެންބަރު އިބްރާޙިމް ޝާޒްއަށެވެ. އަދި ކެންޑިޑޭޓް ނަންބަރު ތިނަކީ އެމްއެންޕީން ވާދަކުރާ ކެންޑިޑޭޓް އަލީ އާރިފްއެވެ.
މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި މިވަނީ، އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި، އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާހޯއްދަވަމުން ގެންދަވާތާ ދެ އަހަރެއްހާ ދުވަސްވެފައި ވަނިކޮށް، ފަރުވާ ހޯއްދެވުމަށް މެލޭޝިއާގައި ހުންނަވަނިކޮށެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ