އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ގައުމުގެ ކޮންގްރެސްގައި އިއްޔެ ދެއްވި 'ސްޓޭޓް އޮފް ދަ ޔޫނިއަން' ތަގުރީރުގައި އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އެޅުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެ، އެކަމަށް ބާރުދެއްވައި ވާހަކަ ދައްކަވައިފި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، ދުނިޔޭގައި ޓެރަރިޒަމަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތެއް އޭނާ ނުދެއްވާނެ އެވެ. ނަމަވެސް، ހަނގުރާމައަކަށް ދާންޖެހޭ ސާފު ސަބަބުތަކެއް އޭނާ ތަފްސީލުކޮށްދެއްވާފައެއް ނުވެ އެވެ.
މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރު ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި ދެއްވި މި ތަގުރީރުގައި، ޓްރަމްޕް ވަނީ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވުމާއި މުޒާހަރާކުރާ މީހުން މެރުމާއި މިސައިލް އަދި ނިއުކްލިއާ މަޝްރޫއުތައް އަލުން ފެށިކަމުގެ ތުހުމަތު އީރާނުގެ މައްޗަށް ކުރައްވާފަ އެވެ.
"އީރާނުގެ ސަރުކާރާއި އެ ގައުމުގެ މަދަދުވެރިން ދުނިޔެއަށް ފަތުރަނީ ހަމައެކަނި ޓެރަރިޒަމާއި މަރުގެ ބިރުވެރިކަމާއި ނަފުރަތު،" ޓްރަމްޕް ވިދާޅުވި އެވެ.
އީރާނުން އުފައްދާ މިސައިލްތައް މާ ލަސްތަކެއް ނުވެ އެމެރިކާއާ ހަމައަށް ފޯރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވި ނަމަވެސް، ނިއުކްލިއާ ހަތިޔާރު އުފެއްދުން ދޫކޮށްލާނެކަމުގެ ޔަގީންކަން ދީފައިނުވާ ކަމަށް ޓްރަމްޕް ފާހަގަކުރެއްވި އެވެ. ނަމަވެސް، އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ މަސައްކަތްތަކަކީ ހަމައެކަނި އާންމު ބޭނުންތަކަށް ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ.
މި ތަގުރީރާ ގުޅިގެން ވޮޝިންޓަންގައި ވަނީ އަނެއްކާވެސް ދިގު މުއްދަތެއްގެ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑުވެފަ އެވެ. ސެނެޓުގެ ޑިމޮކްރެޓިކް ލީޑަރު ޗަކް ޝޫމާ ވަނީ މިކަމުގައި ހާމަކަން ބޮޑު ގޮތަކަށް އަމަލުކުރުމަށް ގޮވާލައްވާފަ އެވެ. އޭނާ ވިދާޅުވީ ދިގު ހަނގުރާމަތަކާއި ހިތާމަވެރި ހާދިސާތަކާއި ބޮޑެތި ހަރަދުތަކާ އަދި ގޯސްތަކުން ސަލާމަތްވުމަށްޓަކައި އަސްކަރީ ފިޔަވަޅެއް އެޅުމުގެ ކުރިން އާންމުކޮށް ބަހުސްކުރެވެން ޖެހޭނެ ކަމަށެވެ.
ޓްރަމްޕްގެ ގާތްގަނޑަކަށް ދެ ގަޑިއިރުގެ ތަގުރީރުގެ ބޮޑު ބައެއް އެމެރިކާގެ އެތެރޭގެ ކަންކަމަށް ހާއްސަކުރެއްވި ނަމަވެސް، އީރާނާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކުން އޭނާއަށް ތާއީދުކުރާ 'އެމެރިކާ ފަސްޓް' ފިކުރުގެ މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދުނެވެ. ސަބަބަކީ އެ ފިކުރުގެ މީހުންނަކީ އާންމުކޮށް ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމަތަކާ ދެކޮޅު ބަޔަކަށް ވާތީ އެވެ.
ހިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި، އެމެރިކާގެ ރައްޔިތުން ބޭރު ގައުމުތަކުގައި އަސްކަރީ ހަރަކާތްތައް ހިންގުމާ މެދު އަދިވެސް ތިބީ ޖެހިލުންވެފަ އެވެ. ނަމަވެސް ޓްރަމްޕް ބާރުއަޅުއްވައި ވިދާޅުވީ އޭނާ ބޭނުންވަނީ ސުލްހަ ނަމަވެސް، އެމެރިކާއަށް ކުރިމަތިވާ ނުރައްކާތަކާ ކުރިމަތިލުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
ޓްރަމްޕް ކޮންގްރެސްގައި ވިދާޅުވީ އީރާނަށް ހަމަލާދެވިދާނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ