ނިއުކްލިއަ އެއްބަސްވުމެއް ނުވަތަ 'ބޮޑު ހަނގުރާމައެއް': އެމެރިކާ-އީރާންގެ މަޝްވަރާތައް ހޮނިހިރު ދުވަހު ފަށަނީ

އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް "ސީދާ" މަޝްވަރާތަކެއް ފެށޭނެކަމަށް ވިދާޅުވިތާ ތަންކޮޅެއް ފަހުން، އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެފައިވަނީ "ނުސީދާ"  މަޝްވަރާތަކެއް ހޮނިހިރު ދުވަހު އޮމާންގައި ބޭއްވޭނެކަމަށެވެ.
މަޝްވަރާތަކުގެ ތާރީޚު: ޓްރަމްޕް މާރިޗު މަހުގެ ކުރީކޮޅު އީރާންގެ އެންމެ ލީޑަރު އާޔަތުﷲ އަލީ ޚަމެނީއަށް މަޝްވަރާތަކަށް ހުށަހަޅައި ސިޓީއެއް ފޮނުއްވީއްސުރެ، މަޝްވަރާތައް ސީދާ ގޮތެއްގައި ކުރިޔަށްދާނެތޯ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވެ އެވެ.
ޚާރިޖީ ސިޔާސަތުގެ އެންމެ މަތީ ބާރު ލިބިވަޑައިގެންފައިވާ ޚާމެނީ ވަނީ 2015 ގެ ނިއުކްލިއަ އެއްބަސްވުން ނިމުމަކަށް ގެނައުމުގައި، އޭނާގެ ނަޒަރުގައި، ޓްރަމްޕްގެ ސަރުކާރު ޒިންމާ ނަގަންޖެހޭކަމަށް ވިދާޅުވެ، އެފަރާތާއެކު ސީދާ މަޝްވަރާތައް ކުރިޔަށް ގެންދިއުމާއި ދެކޮޅަށް އޭނާގެ ވިސްނުން ތަކުރާރުކޮށް ހާމަކުރައްވާފަ އެވެ.
ޓްރަމްޕްގެ ކުއްލި އިއުލާން: ހޯމަ ދުވަހު ޓްރަމްޕް ވިދާޅުވީ ވޮޝިންގްޓަނާއި ތެހެރާން އީރާންގެ ނިއުކްލިއަ ޕްރޮގްރާމާ ގުޅޭގޮތުން ސީދާ މަޝްވަރާތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މި ހައިރާންކުރުވަނިވި އިއުލާންގައި މަޝްވަރާތައް ބާއްވާ ތަނެއް ކަނޑައެޅިގެން ވިދާޅެއްނުވެ އެވެ.
"އަޅުގަނޑުމެން އީރާނާއެކު ސީދާ މަޝްވަރާތައް ކުރިއަށް ގެންދަނީ، އަދި އެކަން ފަށައިފި. ހޮނިހިރު ދުވަހު ކުރިޔަށް ދާނެ. އަޅުގަނޑުމެންގެ ވަރަށް ބޮޑު ބައްދަލުވުމެއް ބާއްވާނެ އަދި ބަލާނަން ކޮން ކަމެއްތޯ ކުރެވޭނީ،" ޓްރަމްޕް އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ޒިޔާރަތުގެ ތެރޭގައި އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންނަށް ވިދާޅުވި އެވެ.
އަރަގްޗީގެ ބަހުން: އަރަގްޗީ މަޝްވަރާތަކުގެ ތާރީޚާއި ތަން ކަށަވަރުކުރެއްވި ނަމަވެސް، އެއީ ދުރުން ކުރިއަށް ގެންދާ ނުސީދާ މަޝްވަރާތަކެއްކަމަށް ވިދާޅުވި ވިއެވެ. "މިއީ ފުރުސަތެއް އަދި ހަމައެކަނި ޓެސްޓެއްވެސްމެ. ބޯޅަ އޮތީ އެމެރިކާގެ ކޯޓުގައި،" އޭނާ އެކްސްގައި ވިދާޅުވިއެވެ.
އެމެރިކާއާއި އީރާނާ ދެފަރާތާވެސް ރަނގަޅު ގުޅުމެއް ބާއްވާ އޮމާން ވަނީ ދެ ޖިއޯޕޮލިޓިކަލް ދުޝްމިނުންގެ ދެމެދުގައި މުހިންމު މެދުވެރިއެއްގެ ދައުރު އަދާކޮށްފަ އެވެ. ކުރިއަށް އޮތް މަޝްވަރާތަކާ ގުޅޭގޮތުން އެ ގައުމުން އެއްވެސް އެއްޗެކޭ އަދި ނުބުނެ އެވެ.
އީރާނުގެ ވަފުދަކީ ދެފަރާތަށް ފައިދާހުރި އެއްބަސްވުންތަކަށް ވާސިލުވުމުގެ ގާބިލުކަމާއި އަޒުމު ސާބިތުކޮށްދީފައިވާ ބައެއް ކަމަށާއި، އެމެރިކާގެ ޓީމަށްވެސް މިފަދަ ގާބިލުކަން ދެއްކޭނަމަ، ރަނގަޅު މުސްތަގުބަލަކަށް މަގުފަހިވާނެ އެއްބަސްވުމަކަށް ވާސިލުވެވިދާނެ ކަމަށް އީރާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް އެކްސްގައި ވިދާޅުވި އެވެ. އަދި ބޯޅަ އޮތީ އެމެރިކާގެ ކޯޓުގައި ކަމަށް ވިދާޅުވި މި ޓްވީޓް މިހާރުގެ ޚާރިޖީ ވަޒީރު ވަނީ އަލުން ޕޯސްޓް ކުރައްވައިފަ އެވެ.
އިންޒާރުގެ ހަނގުރާމަވެރި ބަސްތައް: ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް ވާސިލުވުމަށް ކުރިމަތިވެފައިވާ އުނދަގޫ މަގުގެ އިތުރު ހެއްކެއްގެ ގޮތުން، ޓްރަމްޕް އިންޒާރުދެއްވައިފައިވަނީ މަޝްވަރާތައް ކާމިޔާބުނުވެއްޖެނަމަ، "އީރާން ބޮޑު ނުރައްކަލެއްގައި ޖެހިދާނެ" ކަމަށެވެ. ޖެނުއަރީގައި އޮފީހާ ހަވާލުވެވަޑައިގަތުމަށްފަހު ގަލްފް ސަރަހައްދުގައި އެމެރިކާގެ ސިފައިން އިތުރުކުރައްވާފައިވާ ޓްރަމްޕް ވިދާޅުވީ އީރާނާއެކު ހަނގުރާމައަށް ދިއުމަށްވުރެ އެއްބަސްވުމަކަށް ވާސިލުވުމަށް ބޮޑަށް އިސްކަންދެއްވާކަމަށެވެ.
"އީރާނަށް ނިއުކްލިއަ ހަތިޔާރެއް ނުއުފެއްދޭނެ.  އަދި މަޝްވަރާތައް ކާމިޔާބުނުވެއްޖެނަމަ އަހަރެން ހަގީގަތުގައި ހިތަށްއަރަނީ އެއީ އީރާނަށް ވަރަށް ނުބައި ދުވަހަކަށް ވާނެ ކަމަށް،" ޓްރަމްޕް ވިދާޅުވިއެވެ. "އަދި ހުރިހާ އެންމެންވެސް އެއްބަސްވެވޭ އެއްބަސްވުމަކަށް ވާސިލުވުމަކީ އިސްކަންދެވޭނެ ކަމެއް ކަމަށް."
ސަރަހައްދީ ހަލަބޮލިކަން: އޭނާގެ ހަނގުރާމަވެރި ފިޔަވަޅުތަކުގެ އިންޒާރުތައް އަންނަނީ ސަރަހައްދަށް ހަލަބޮލިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި، ގާޒާ އާއި ލެބަނަންގައި އިޒްރޭލްގެ ހަމަލާތައް ކުރިއަށްދާއިރު، އަދި ޔަމަނަށް އެމެރިކާގެ ހަމަލާތައް އިތުރުވަމުންދާ ވަގުތެއްގަ އެވެ.
2015 ގެ ނިއުކްލިއަ އެއްބަސްވުން: 2015 ގައި ދުނިޔޭގެ ބާރުގަދަ ގައުމުތަކުން، އެމެރިކާ ހިމެނޭގޮތުން، އީރާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، އެގައުމުގެ ނިއުކްލިއަ ޕްރޮގްރާމްގެ މައްޗަށް މިންތަކެއް ކަނޑައަޅާ، އެކަމުގެ ބަދަލުގައި ސެންކްޝަންތަކުން އިރާނަށް ލުއިތަކެއް ލިބުނެވެ. ޓްރަމްޕް އޭނާގެ ފުރަތަމަ ދައުރުގައި އެމެރިކާ އެއްބަސްވުމުން ވަކިވެ، އީރާނާ ދެކޮޅަށް  އިގްތިސާދީ ކެމްޕޭނެއް ފެއްޓެވި، އަދި އެކަން މިއަހަރު ރައީސްކަމާ ހަވާލުވުމަށް ފަހު އަލުން އިއާދަކުރެއްވި އެވެ.
މޭޒުމަތީގައި ހުރިހާ އޮޕްޝަންތަކެއް: އެމެރިކާގެ ފަރާތުން ބާރުއަޅަމުންދަނީ "ހުރިހާ އޮޕްޝަންތަކެއްވެސް މޭޒުމަތީ ގައި އޮތްކަމަށް" ބުނެ، ޑިޕްލޮމަސީން ނިއުކްލިއަ މައްސަލަ އަދި އީރާންގެ ސަރަހައްދީ ހަރަކާތްތަކުގެ މައްޗަށް ނަތީޖާއެއް ނުފެންނަނަމަ ހަނގުރާމަވެރި ފިޔަވަޅު އެޅުމުގެ ފުރުސަތު ހިމެނޭގޮތަށެވެ. އެހެންނަމަވެސް، އެމެރިކާ އަދި މެދުއިރުމަތީގެ އޮފިޝަލުން ދަނީ ފުރިހަމަ، ސުލްހަވެރި ހައްލެއް ގެނައުމަށް ހަމަނުޖެހުން ދާއިމީ ގޮތެއްގައި ކުޑަކުރުމަށް ޖާގަ ހޯދަމުންނެވެ.
ބެކްޗެނަލްތަކުގެ ވައުދުތައް: ބެކްޗެނަލްތަކާއި ސަރަހައްދީ މެދުވެރިން މެދުވެރިކޮށް، އީރާންގެ އޮފިޝަލުން ފަހަކަށްއައިސް ވައުދުވެފައިވަނީ މަޝްވަރާތަކަށް ތައްޔާރަށް ތިބިކަމަށާ، އެންމެ ފުރަތަމަ މަޝްވަރާތައް ހަނިކޮށް ނިއުކްލިއަ ފައިލްގެ މައްޗަށް ބިނާކުރެވެންވާނެކަމަށް، އެއަށްފަހު އެހެން މައްސަލަތަކަށް ބަދަލުވުމަށް ޝަރުތުކޮށްފަ އެވެ.
އީރާންގެ ސަރަހައްދީ ސްޓްރެޓެޖީއަށް އަންނަމުންދާ ބަދަލު: އީރާނުގެ ތެރޭގައި ސިޔާސީ އެނަލިސްޓުން އަދި އެކަޑެމިކުން ބަހުސްކުރަމުންދަނީ ތެހެރާނުން ސަރަހައްދީ ސްޓްރެޓެޖީއަށް އަސާސީ ބަދަލެއް ގެންނަންޖެހޭތޯއެވެ.  ބައެއް ފަރާތްތަކުން ބުނެފައިވާގޮތުން، ލީޑާޝިޕްގެ ފެންވަރުގައި ދިރާސާކުރެވެމުންދަނީ ސަރަހައްދީ ވަރުބަލިކަމާއި އިތުރުވަމުންދާ ޚަރަދުތަކަށް ރިޔާއަތްކޮށް ހިންގާ ހަތިޔާރުއަޅައިގެން ތިބޭ މިލިޓަންޓް ގްރޫޕްތަކަށް އެހީތެރިވުން މަދުކުރުމުގެ ބަދަލެކެވެ. މި ބަހުސް އިތުރަށް ހަލުވިވެފައިވަނީ އީރާންގެ ޕްރޮކްސީ ބާރުތަކަށް ފަހަކަށްއައިސް ލިބެމުންދާ ގެއްލުންތަކަށްފަހުގަ އެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ޓައިމްލައިން:
1957: އެމެރިކާއާއި އީރާން ސިވިލް ނިއުކްލިއަ އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރި، އެއީ އެމެރިކާގެ "އެޓަމްސް ފޯ ޕީސް" ޕްރޮގްރާމްގެ ދަށުން.
1967: ތެހެރާން ނިއުކްލިއަ ރިސާޗް ސެންޓަރު ގާއިމުކުރެވޭ، އެމެރިކާއިން ފޯރުކޮށްދީފައިވާ ރިސާޗް ރިއެކްޓަރެއް ބަހައްޓައިގެން.
1970: އީރާނުން ނިއުކްލިއަ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ) ތަސްދީގުކޮށް، ނިއުކްލިއަ ޓެކްނޮލޮޖީ ސުލްހަވެރި ބޭނުންކުރުމަށް އެއްބަސްވޭ.
1974: އޭޓޮމިކް އެނާޖީ އޯގަނައިޒޭޝަން އޮފް އީރާން (އޭއީއޯއައި) ނިއުކްލިއަ ހަރަކާތްތައް ބެލެހެއްޓުމަށް އުފައްދައިފި. އެމެރިކާގެ އެހީއާއެކު ގައުމުގައި 20 އަށްވުރެ ގިނަ ނިއުކްލިއަ ޕަވާ ސްޓޭޝަންތައް ބިނާކުރުމުގެ ޕްލޭންތައް އެކުލަވާލައިފި.
2002: އީރާނުން ފިލައިގެން އުޅޭ އިދިކޮޅު ގްރޫޕްތަކުން ނަޓަންޒްއާއި އަރަކްގައި ހުރި ޢާންމުނުކުރެވޭ ނިއުކްލިއަ ފެސިލިޓީތަކެއް ހުރިކަން ހާމަކޮށްފި.
2003: އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ރިޕޯޓު ބުނިގޮތުގައި ސިއްރު ޔުރޭނިއަމް އެންރިޗްމަންޓާއި ހެވީ ވޯޓާ ފެސިލިޓީތައް ހާމަވުމާ ގުޅިގެން އީރާން އެންޕީޓީ ގެ ގަވާއިދުތަކާ އެއްގޮތަށް އަމަލުކޮށްފައިނުވާކަމަށް.
2006: އީރާނުން ނަޓަންޒްގައި ޔުރޭނިއަމް އެންރިޗްމަންޓް އަލުން ފަށައިފި، މިކަމާ ގުޅިގެން ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލްގެ ސެންކްޝަންތައް ތައާރަފުކުރި.
2015: އީރާނާއި ޕީ5+1 ގައުމުތަކުން ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އެއްބަސްވުމަށް ވާސިލުވެއްޖެ، ސެންކްޝަންތަކުން ލުއިތަކެއް ލިބުމާއެކު ބަދަލުގައި އީރާންގެ ނިއުކްލިއަ ޕްރޮގްރާމަށް ހަނިކުރުންތަކެއް ތައާރަފުކޮށްފި.
2018: އެމެރިކާ ޖޭސީޕީއޯއޭއިން ވަކިވެއްޖެ، ސެންކްޝަންތައް އަލުން ތައާރަފުކޮށްފި. މިކަމަށް ރައްދުދީ، އީރާނުން އެއްބަސްވުމުގެ މާއްދާތަކާ އެއްގޮތަށް އަމަލުކުރާ މިންވަރު މަދުކުރަން ފަށައިފި.
2021: އީރާނުން ނަޓަންޒްއާއި ފޯޑޯ ސައިޓުތަކުގައި 60% ޕިއުރިޓީއަށް ޔުރޭނިއަމް އެންރިޗްކުރަން ފަށައިފި، ހަތިޔާރު ފެންވަރަށް ދަނީ ކައިރިވަމުން.
2024: އައިއޭއީއޭއިން އީރާންގެ ނިއުކްލިއަ ހަރަކާތްތަކުގައި ހާމަކަންބޮޑުކަން މަދުވާކަމަށް އިންޒާރުދީފި.
މިހާރު ހުރި އީރާންގެ ނިއުކްލިއަ ފެސިލިޓީތައް:
ނަޓަންޒް: ޔުރޭނިއަމް އެންރިޗްކުރުމުގެ މައިގަނޑު ސައިޓެއް، ބިމުއަޑީގައި އަދި ބިމުގެ މަތީގައި ހުރި ފެސިލިޓީތައް ހިމެނޭގޮތުން.
ފޯޑޯ: ގޮމް ކައިރީގައި ހުރި ފަރުބަދައެއްގެ ތެރޭގައި ބިނާކޮށްފައިވާ ބިމުއަޑީގެ އެންރިޗްމަންޓް ފެސިލިޓީއެއް.
އިސްފަހާން: ޔުރޭނިއަމް އޯ ޔުރޭނިއަމް ހެކްސަފްލޫރައިޑް (ޔޫއެފް6) ގޭހަށް ބަދަލުކުރާ ފެސިލިޓީއެއް ހިމެނޭ.
އަރަކް (ކޮންދަބް): ހެވީ-ވޯޓާ ރިއެކްޓަރެއް ހުރި ތަނެއް، ބައި-ޕްރޮޑަކްޓެއްގެ ގޮތުގައި ޕްލޫޓޯނިއަމް އުފައްދަފާނެ.
ބުޝަހާ: އީރާންގެ ހަމައެކަނި ހިންގަމުންދާ ނިއުކްލިއަ ޕަވަރ ޕްލާންޓް.
ތެހެރާން ރިސާޗް ރިއެކްޓާ: ރިސާޗް މަގްސަދުތަކަށާއި މެޑިކަލް އައިސޮޓޯޕް އުފެއްދުމަށް ބޭނުންކުރެވޭ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ