ސިއްހީ ދާއިރާގެ ކުރީގެ ހިދުމަތްތެރިން އަލުން ހިދުމަތަށް ނުކުތުމަށް ފަހި ގޮތްތަކެއް ހަމަޖައްސައިފި

އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ނަރުހުންނާއި ސިއްހީ މަސައްކަތްތެރިން މަސައްކަތަށް ނުކުތުމަށް މަގުފަހި ކޮށްދޭން ހާއްސަ ގަވާއިދެއް އެކުލަވައިލުމަށް ކެބިނެޓުން ނިންމައިފިއެވެ.
ކެބިނެޓުގެ އެ ނިންމެވުމާ ގުޅޭ އިތުރު ތަފުސީލު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަކްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެއީ ހެލްތް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރުމަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ.
އެގޮތުން ސިއްހީ ދާއިރާގެ ކުރީގެ ހިދުމަތްތެރިން މިހާރުން މިހާރަށް ވަޒީފާއަށް ނުކުތުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހާއްސަ ސްކީމެއްގެ ދަށުން ސިއްހީ ދާއިރާއަށް ހާއްސަ އަވަސް ރެކްރޫޓްމެންޓް ޕްރޮސެސްއެއްގެ ތެރެއިން ވަޒީފާ ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
އެ ނިންމުމުގެ ތެރެއިން ފްލެކްސިބްލް ވޯކިން އަވާސް ތައާރަފުކޮށް، އަށް ގަޑިއިރަށްވުރެ މަދުން މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ދިނުމަށް ސިވިލް ސާވިސްގެ ގަވާއިދުގެ ތެރެއިން އެ ފަރާތްތަށްވެސް މަސައްކަތަށް ނުކުތުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށާއި އެ މަސައްކަތްތެރިންނަށް އުޖޫރަ ދޭނީ، މަސައްކަތް ކުރާ ވަގުތަށް ރިއާޔަތްކޮށްގެން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އަދި މިހާރު ރިޓަޔާ ވެފައިވާ މަސައްކަތްތެރިނަށްވެސް އެ ގަވައިދުގެ ދަށުން ކޮންޓްރެކްޓު އުސޫލުން މަސައްކަތަށް ނުކުމެވޭނެ ކަމަށް ވިދާޅުވިއެވެ.
"ތިންވަނަ ކަމަކީ 55 އަހަރު ވެފައިވާ ނުވަތަ ރިޓަޔާ ވެފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އަނބުރައި ނުކުންނަން ބޭނުންވާ ފަރަތްތަކަކީ ސިއްހީ ގޮތުންނާއި ތައުލީމާއި ތަޖުރިބާ އަދި ހުނަރުގެ ގޮތުން ގާބިލު ފަރާތެއް ކަމުގައިވާ ނަމަ، ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުމުގެ ފުރުސަތު އެ ބޭފުޅުންނަށް ދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުން" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހެލްތް މިނިސްޓްރީގެ މެންޑޭޓުގެ ދަށުން އެ މަސައްކަތް ކުރާނެ ގޮތްތަށް އިތުރަށް ތަފުސީލު ކުރާނެ ކަމަށާއި އެ ތަފުސީލުތައް އެ މިނިސްޓްރީން އާންމު ކުރާނެ ކަމަށެވެ. ސިޔާސަތުތައް އެކުލަވާލާނީ ރަށްރަށުން މާލެ އައިސް މަސައްކަތަށް ނުނިކުމެވި ތިބި މީހުންނަށްވެސް ރިއާއަތްކޮށްގެން ކަމަށާއި މަސައްކަތަށް ނެރޭނެ މީހުންގެ އެއްވެސް ލިމިޓެއް ކަނޑައަޅާފައި ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ