އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރުމަށް އަންނަ މަހު އާ ޖަނަރޭޓަރެއް ބަހައްޓަނީ

އަންނަ އޯގަސްޓު މަހު، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރުމަށް އައްޑޫ ސިޓީ ހިތަދޫއަށް ޖަނަރޭޓަރެއް ފޮނުވަން ތައްޔާރު ވެއްޖެއެވެ.
އައްޑޫގެ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި ސުވާލު ކުރެއްވުމުން، މިނިސްޓަރު ވަނީ އައްޑޫ ސިޓީ ހިތަދޫއަށް އައު ޖަނަރޭޓަރެއް ފޮނުވަން ތައްޔާރުވަމުންދާކަން ފާހަގަކުރައްވައިފައެވެ.
”މިކަންތައް ހައްލު ކުރުމަށް ސަރުކާރުން ވަނީ، 1.5 މެގަވޯޓްގެ އާ ޖަނަރޭޓަރެއް ގަނެފަ، އެ ޖަނަރޭޓަރު ބަހައްޓާ، އޯގަސްޓްމަހުގެ ތެރޭގައި، ބަހައްޓާ ނިންމާނެ. އަދި އިތުރު ތިން ޖަނަރޭޓަރަށް ބޭނުންވާ ސްޕެއަރ ޕާޓްސް ވެސް ވަނީ ހޯދިފަ، އަދި ތިން ޖަނަރޭޓަރު ވެސް އޯގަސްޓު މަހުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ތޯރިގު ވަނީ ކުރީ ސަރުކާރުން ހިތަދޫ ޕަވާސްޓޭޝަންގެ އެއްވެސް މަރާމާތެއް ނުވަތަ އަޕްގްރޭޑެއް ގެނެސްފައި ނުވާކަން ފާހަގަކުރައްވައި، ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވަނީ އެ ސަބަބާ ހުރެ ކަމުގައި ވިދާޅުވެފައެވެ.
އިންޖީނުގެޔަށް ބޭނުންވާ ޖަނަރޭޓަރުތައްވެސް ނުގެނެވި ކަރަންޓުގެ ނިޒާމު ފުނޑިފައިވާ ކަމަށާއި އާ އިންޖީނުގޭގެ ބައެއް ހަދާފައިވީ ނަމަވެސް އެ މަސައްކަތް ކުރިޔަށް ނުގޮސް މަޑުޖެހިފައިވަނިކޮށް މި ސަރުކާރުން އެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށް ތޯރިގު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ