ދަނބު މޫސުން އަތުވެއްޖެ، ނުކައި ދޫކޮށްލާ ވަރު އެއްޗެއް ނޫން

ހުޅުމާލޭގެ އެކި މަގުތަކުގެ ދެ ފަރާތުގައި ހައްދާފައި ހުރި ގަސްތައް ބަލައިލައިފި ނަމަ މި ދުވަސްކޮޅު ހުންނާނީ ގަސްތައް ފުރެންދެއް މޭވާއެވެ. މިއޮތީ އަނެއްކާ ވެސް ދަނބު އަޅާ މޫސުން އައިސްފައެވެ. ދިވެހިންގެ މެދުގައި އެތައް ޒަމާނެއް ވަންދެއް މަގުބޫލު ކަމެއް ހޯދާފައިވާ ދަނބަކީ އޭގެ މޫސުމާ އެކު މަގުމަތިން ފުރާލާ މޭވާއެކެވެ. ހުޅުމާލޭގެ މަގުތަކުގައި މި ގަސް ހައްދާލާފައިވާ މިންވަރުގެ ސަބަބުން މިހާރު މަގުތަކުން ފެންނާނީ ހުސް ދަނބެވެ. ރާއްޖޭގެ އިތުރުން އިންޑިއާގައި ވެސް މި ދުވަސްވަރު އެންމެ ގަދައަށް ވިކެމުން ދަނީ ދަނބެވެ. އަނގަޔަށް މީރު މި މޭވާއަކީީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެއްކަން އެނގެނީ ކިިތައް މީހުންނަށް ހެއްޔެވެ؟ ދަނބަކީ އެކި ޒާތުގެ ފައިދާތައް އިންސާނާގެ ހަށިގަނޑަށް ލިތްބައިދޭ ވަރުގަދަ މޭވާ އެކެވެ. ދަނބު ނުވަތަ ޖާވާ ޕްލަމަކީ އެންޓި އޮކްސިޑެންޓުން ފުރިގެންވާ މޭވާ އެކެވެ. އެންޓި އޮކްސިޑެންޓްގެ ބާވަތެއް ކަމުގައިވާ ވިޓަމިން ސީ އަކީ މި މޭވާގައި ހިމެނޭ އެއްޗެކެވެ. މި އެންޓި އޮކްސިޑެންޓް އަކީ އިންސާނާގެ ހަށިގަނޑުގައި ހިމެނޭ ސެލްތަކަށް ރައްކާތެރިކަން ގެނެސްދޭ އެއްޗެކެވެ. ލޭގެ ހަކުރުގެ މިންގަނޑު ކޮންޓްރޯލުކުރުމަށް ވެސް ދަނބަކީ ވަރަށް ބޭނުންތެރި މޭވާއެކެވެ. އެތައް ޒަމާނެއް ވަންދެއް ބައެއް ކަހަލަ ބޭސްތަކުގައި ދަނބު ބޭނުންކޮށްފައިވެއެވެ. މިއީ އެންޓައި ޑައިބީޓިކް ސިފަތައް ވެސް ހިމެނޭ މޭވާއެއް ކަމަށް ބެލެވެއެވެ. މޭވާގައި ގިނަ އަދަދަކަށް ފައިބާ ހިމެނިފައިވުމަކީ އިންސާނާގެ ލޭގެ ހަކުރުގެ މިންގަނޑު މެނޭޖު ކުރުމަށް މި މޭވާ އެހީތެރިވެދޭ ސަބަބެކެވެ. މިހާ ހިސާބުން މޭވާގެ ފައިދާތައް ނިމުނީއެއް ނޫނެވެ. ދަނބުގައި ހިމެނޭ ޑައިޓަރީ ފައިބާގެ މާއްދާގެ ސަބަބުން މިއީ ހަޖަމު ކުރުމުގެ ނިޒާމަށް ވެސް ބޮޑު ފައިދާ ކުރާ މޭވާއެކެވެ. އާންމުކޮށް ބަނޑަށް އުނދަގުވާ މީހުންނަށް މިއީ ބޭނުން ކުރަން ރަނގަޅު މޭވާއެކެވެ. ފާހާނާއަށް ދިޔުމަށް އުނދަގޫތައް ކުރިމަތިވާ ނަމަ މިއީ ބައެއް މީހުންނަށް އެ ކަމުން ފަސޭހާ ކޮށްދޭ މޭވާއެކެވެ. މީގެ އިތުރުން ވެސް ދަނބަކީ އިންސާނާގެ ހަމުގެ ދުޅަހެޔޮ ކަމަށް ވެސް ފައިދާ ހުރި މޭވާއެކެވެ. އަދި، ހަމަ އެއާއެކު ހިތުގެ ދުޅަހެޔޮކަމަށް ވެސް މި މޭވާ އަކީ އެހީތެރިވެދޭ މޭވާއެކެވެ. އެހެންވީމާ ދަނބު ނުކައި ދޫކޮށްލެވޭކަށް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ