އެމީހަކާ އެކީގައި ސިޔާސީ މަސައްކަތް ނުކުރާނެ މީހަކީ ރައީސް ނަޝީދު: އުމަރު ނަސީރު

ސިޔާސީ އެއްވެސް މަސައްކަތެއް އެބޭފުޅަކާ އެކީގައި ނުކުރައްވާނެ ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ކުރީގެ ހޯމް މިނިސްޓަރު، އަދި މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ސީއެންއެމުން ގެނެސްދިން "2023 ރިޔާސީ ރޭސް" ޕްރޮގްރާމުގައި, ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އުމަރު އެ ބޭފުޅަކާއެކު މަސައްކަތް ނުކުރައްވާނެ ބޭފުޅަކީ ކޮބައިތޯ ސުވާލުކުރުމުން އުމަރު ދެއްވި ޖަވާބަކީ އެއީ ނަޝީދު ކަމަށެވެ. އުމަރު ވިދާޅުވީ، ނަޝީދާއެކު މަސައްކަތް ނުކުރައްވާނެ މައިގަނޑު ސަބަބަކީ ދެ މީހުންގެ ވިސްނުމުގައި ހުރި ތަފާތުކަމަށެވެ. "ނަޝީދުގެ އައިޑިއޮލޮޖީއާ އަޅުގަނޑާ ވަރަށް ތަފާތު. އަޅުގަނޑުގެ ތިމާގެވެސް ބޭފުޅެއް އެއީ. ދެބެންގެ ދެދަރި ގުޅުމެއްވެސް އޮންނާނެ. ނަޝީދުގެ އައިޑިއޮލޮޖީއަކީ ވަރަށް ލިބަރަލް އައިޑިއޮލޮޖީއެއް. އަޅުގަނޑަކީ ވަރަށް ކޮންޒެވޭޓިވް މީހެއް. އަޅުގަނޑަކީ އިސްލާމީ ޝަރީއަތުގައި ހިފަން ބޭނުންވާ މީހެއް،" އުމަރު ވިދާޅުވިއެވެ. ނަޝީދަކީ ދީނާ ބީރައްޓެހި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި އުމަރު ވިދާޅުވީ، ނަޝީދުގެ ވެރިކަމުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ހުއްދަކުރުމަށް އެމަނިކުފާނު މަސައްކަތްކުރެއްވި މަންޒަރު ފެނުނު ކަމަށެވެ. "އިނގިރޭސިވިލާތުގެ ލިބަރަލް ޕާޓީގެ ވިސްނުމަށްވުރެވެސް ރައީސް ނަޝީދުގެ ވިސްނުން ލިބަރަލްވާނެ،" އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ރައީސް ނަޝީދުގެ ސިޔާސީ ތަރި އޮއްސިއްޖެ ކަމަށާއި، އެމަނިކުފާނަށް ދެން ރާއްޖޭގެ ވެރިކަމާ ހަމައަށް ވަޑައިނުގަނެވޭނޭ ކަމަށެވެ. މިހާތަނަށް ބޭއްވި ދެ އިންތިޚާބަކުން ނަޝީދު ނާކާމިޔާބުވެފައިވާކަން ފާހަގަކުރައްވަމުން އުމަރު ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް ނަޝީދަށް ނާދެވުނު ނަމަވެސް އެމަނިކުފާނަށް ވެރިކަން ލިބޭތޯ މަސައްކަތް ކުރެވިދާނޭކަމަށެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ނަޝީދާއި އުމަރަކީ އަބަދުވެސް ވާދަވެރި ދެބޭފުޅުންނެވެ. މިގޮތުން ދީނީ ކަންކަމުގައި މީގެކުރިން އުމަރު ނަޝީދަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވާފައިވާއިރު، މީސްމީޑިއާގައި ނަޝީދު ފޭކް އެކައުންޓުތައް ހަދައިގެން ދީނަށް ފުރައްސާރަ ކުރައްވާކަމަށް މީގެކުރިން އުމަރު ތުހުމަތު ކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ