ތޫފާން 'ދިތުވާ' ސްރީ ލަންކާއަށް އަރައި ގިނަ ބަޔަކު މަރުވެ، 228 މީހަކަށް ވީނުވީއެއް ނޭނގި ގެއްލި، ބޮޑެތި ގެއްލުންތަކެއް ވުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ އިއުލާނުކޮށްފި އެވެ.
އެ ތޫފާނުގެ ސަބަބުން އެ ގައުމުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވަނީ ހިނގައިފަ އެވެ. އަދި މެދުތެރޭ ސަރަހައްދުތަކަށް ލިބުނު ގެއްލުންތައް މިހާރު ވަނީ ވަރަށް ބޮޑަށް ސާފުވެފަ އެވެ. އެ ސަރަހައްދުތަކުގައި މީހުން ސަލާމަތް ކުރުމަށާއި އެ ނޫން ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން މިހާރު ވަނީ މަގުތައް ވެސް ސާފުކޮށް ހުޅުވައިފަ އެވެ.
"ތޫފާން މިހާރު ވަނީ ލަންކާ ފަހަނައަޅާ ގޮސްފައި. ނަމަވެސް ބޯކޮށް ވެހިފައިވާ ފެންގަނޑު ކެލާނީ ކޯރުގެ އައްސޭރިފަށުގައި ހުރި ތިރި ހިސާބުތަކާ ހަމައަށް ވަނީ ފޯރާފައި،" ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުތުރުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ކޮލަމްބޯގެ އުތުރުން 250 ކިލޯމީޓަރު ދުރުގައި އޮންނަ މަނަމްޕިޓިއާ ހަމައަށް މިހާރު ވަނީ ފެންގަނޑު ފޯރައިފަ އެވެ. އަދި ގެއްލުމުގެ މިންވަރު އެ ތަނުން ފެނެ އެވެ.
"މަނަމްޕިތިޔާއަކީ ފެންބޮޑުވާ ހިސާބެއް، އެކަމަކު މިހާ ބޮޑަށް ފެންބޮޑުވި ތަން ދުވަހަކު ވެސް ނުދެކެން،" 72 އަހަރުގެ މީހަކު ބުންޏެވެ.
ލަންކާ އިން ބޭރުގައި ދިރިއުޅޭ ލަންކާގެ ރައްޔިތުންނާއި އެ ނޫން ވެސް ފަރާތްތަކުން އެހީވުމަށް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.
ފެންބޮޑުވުމާ ގުޅިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ