ކުންފުނިތައް ހަފުސްވަނީ! ވެރިންނަށް ވާ ކަހަލަ މީހުން ހޯދަން މި ގޮތް ކިހިނެއް؟

އޭނާގެ ދިރިއުޅުމުގެ އެންމެ މުހިންމު ތަނަކީ ހުޅުލޭގައި ހިންގާ އެއާޕޯޓްކަން އެންމެންނަށް ވެސް އެނގެއެވެ. އޭނާ ދަންނަތާ ލައްކަ ދުވަސްވެފައިވާތީ އަޅުގަނޑަށް ވެސް އެކަން އޮޅިފައެއް ނެތެވެ. އަޅުގަނޑު އުމުރުން ވީ ދުވަހަށް ވުރެ އޭނާ އެ ތަނުގައި މަސައްކަތް ކުރާތާ ގިނަ ދުވަސްވެއްޖެއެވެ. މި ފަހަކުން މަގުމަތިން ބައްދަލުވެ, ސަލާންކޮށްލުމަށް ފަހު ހާލު އަހާލުމުން އަމިއްލަ ވާހަކަދައްކާކަށް އޭނާ ގަސްތެއް ނުކުރިއެވެ. އޮއްސާލީ އޭނާގެ ހިތާ ގުޅިފައިވާ އެއާޕޯޓްގެ ޝަކުވާތަކެވެ. "މިތަން ފެނަކައަށް ހަދައިފި," ޝަކުވާތައް ފަށަމުން އޭނާ އެމްއޭސީއެލްގެ ހާލަތު ސިފަކޮށްދިނީ އެގޮތަށެވެ. މުވައްޒަފުން ނެގުމުގައި ހައްދެއް މިނެއް ނެތް ވާހަކައެވެ. ކުރާނެ ކަމެއް ނެތި އެތައް ބަޔަކު ތިބި ވާހަކައެވެ. ތަޖުރިބާކާރު, އަދި ކުންފުނީގައި ދުވަސްވީ މުވައްޒަފުން ޚިދުމަތުގައި ތިއްބައި ކުއްލިއަކަށް ގެންނަ, ދާއިރާއާ ގުޅުން ނެތް މީހަކު އެ މީހުންގެ މައްޗަށް ވެރިއަކަށް ހަދާ ވާހަކައެވެ. ކުންފުނީގެ މެންޑޭޓުން ބޭރު މަސައްކަތްތައް ނަގައި, ސިޔާސީ ބޭނުމަށް ކުންފުނި ބޭނުންކުރާކަމުގެ ޝަކުވާއެވެ. މިހެންގޮސް ދެތިން މިނެޓްގެ ތެރޭގައި އެމްއޭސީއެލްއާ ގުޅުވައި ލައްކަ ކަންބޮޑުވުން އޭނާ އޮއްސާލިއެވެ. "ހަ ވެރިކަން ދެކެފިން އަހަރެން މިތާ ހުއްޓައި. އެކަމަކު މި ހާލަތަށް ކުންފުނި ވައްޓައިނުލާ އެއް ވެރިކަމެއްގައި ވެސް," ވާހަކަ ނިންމާލީ މި ޖުމުލައިންނެވެ. https://www.sun.mv/209573 މީގެ ކުރީ ސަރުކާރުތަކުގައި ފެނަކައާއި ރޯޑް ކޯޕަރޭޝަނާއި އެމްޕީއެލްއާއި އެޗްޑީސީ ފަދަ ކުންފުނިތައް ވަރަށް ސިޔާސީކޮށް ހިންގި ނަމަވެސް, އެމްއޭސީއެލްއަކީ ޕްރޮފެޝަނަލް މީހުން ބައިތިއްބައިގެން, ވަރަށް ރަނގަޅަށް ހިންގަމުން ދިޔަ ކުންފުންޏެކެވެ. އޭގެ ގިނަ ސަބަބުތަކެއް ވެސްވެއެވެ. އެއީ، ރާއްޖެއަށް ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ކުންފުންޏެވެ. އަދި، މައި ވައިގެ ދޮރާށި ކަމަށްވާތީ, އެއީ ގައުމީ ސަލާމަތާ ވެސް ގުޅުން ހުރި ކުންފުންޏެކެވެ. ނަމަވެސް، މި ސަރުކާރާ އެކު އެ ކުންފުނި ހިންގުން ދޯހަޅިވެފައިވާކަމުގެ ޝަކުވާ އިވުން ވަނީ އާއްމުވެފައެވެ. އަދި، ފައިދާގައި ހިންގި ނަމަވެސް މި މަގުން އެ ކުންފުނި ހިންގާނަމަ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މާލީ ގޮންޖެހުންތަކާ ކުރިމަތިވާނެކަމުގެ ބިރު ބޮޑެވެ. ޒަމާނުންސުރެ ރާއްޖޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ސިޔާސީ ހަރުގެތަކެވެ. ސިޔާސީ ބާރުވެރިކަން ހޯދުމަށް އޭރަކު އޮންނަ ސަރުކާރަކުން ގާބިލު މީހުންނަށް ބެލުމެއް ނެތި ވަޒީފާތައް ބެހުމާއި ޕްރޮޖެކްޓްތައް ދީގެން ކަޓް ނެގުން ފަދަ ކަންކަން ކުރުމަކީ އެ ކުންފުނިތައް ބޭނުން ކުރާ ގޮތެވެ. ސަރުކާރުން ގާތްގަނޑަކަށް 30 އަކަށް ކުންފުނި ހިންގާއިރު އޭގެ ތެރެއިން ފައިދާއެއް ލިބެނީ މަދު ކުންފުންޏަކުންނެވެ. އެއީ، ބީއެމްއެލްއާއި އެސްޓީއޯއާއި އެޗްޑީސީއާއި އެމްއޭސީއެލް ފަދަ ދެތިން ކުންފުންޏެވެ. ގިނަ ކުންފުނިތައް އެތަން ހިންގައިގެން ލިބޭ އެއްޗަކުން ވެސް ނުހިންގެއެވެ. ސަރުކާރުން ފައިސާ ނުދީފިއްޔާ މަހު މުސާރަ ވެސް ނުދެވެއެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ލިބެން ހުރި ތަފާސްހިސާބުތަކަށް އެކަނި ބެލި ނަމަވެސް ސަރުކާރު ކުންފުނިތަކުގެ ޖުމުލަ ދަރަނި ހުރީ 54 ބިލިއަން ރުފިޔާގައެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މި ފަހުގެ ތަފާސްހިސާބުތައް ހާމަނުކުރާތީ މިހާރުގެ ހާލަތެއް ނުވެސް އެނގެއެވެ. ކުންފުނިތަކަށް, ސިންގަޕޫރުން ފިލާވަޅެއް! މި ހާލަތަށް ކުންފުނިތައް ގޮސްފައިވާ ސަބަބުތައް ބައިވަރެވެ. އެތައް ރިޕޯޓެއްގައި އެ ވާހަކަ ދައްކައިފީމެވެ. ދެން ގިނައިން ދައްކަންވީ ހައްލުގެ ވާހަކައެވެ. ހައްލުކުރަން ފަށާއިރު އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ ކުންފުނިތަކުގެ އެންމެ މަތިން ފެށިގެން އިސްލާހުކުރުމެވެ. އިސްލާމް ޓީޗަރުންނާއި މިލިޓަރީ މީހުންނާއި ރިޓަޔާޑް ފުލުހުންނާއި ވަޑިންނަކީ ވެސް އެ ބޭފުޅުންގެ ގޮތުގައި ބޭނުން ހިފިއްޖެނަމަ ހަމަ ރަނގަޅު ވާނެ މީހުންނެވެ. ނަމަވެސް، ކުންފުންޏެއް ހިންގަން މީހަކާ ހަވާލުކުރާއިރު އެންމެ ބޭސިކް ކަމަކީ އެ މީހަކީ ގަވާނަންސް އެނގޭ މީހަކަށް ވުމެވެ. ހަމައެއާއެކު ފައިނޭންޝަލް ބެކްރައުންޑް ހުރި, ވިޔަފާރި ކުންފުނިތަކުގެ އޮޕަރޭޝަންސް ހިނގާ ގޮތް އެނގޭ މީހަކަށް ނޫނީ އެކަމެއް ނުވާނެއެވެ. މިހާރު ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ބަލާލުމުން އެ ފެންވަރާއި އެ ބެކްރައުންޑް ނެތް އެތައް ބޭފުޅުންނެއް އެބަފެނެއެވެ. ރާއްޖެއާ އެކު އެކީހެން މިނިވަންކަން ލިބުނު ސިންގަޕޫރަކީ އޭރު ވަރަށް ހާލުގައި އޮތް ގައުމެކެވެ. ގުދުރަތީ ވަސީލަތެއް ނެތްތަނުގައި, ގައުމުގައި ހަމަނުޖެހުމާއި ކުށްކުރުން އިންތިޚާއަށް އިތުރެވެ. ނަމަވެސް، އެ ގައުމަށް ލިބުނު, ޖަވާހިރެއްފަދަ ވެރިޔާ, ލީ ކުއާން ޔޫގެ ލީޑާޝިޕާ އެކު މިއަދު އެއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ. އެ ހިސާބަށް އެ ގައުމު ދިއުމުގައި އެ ގައުމުގެ ސަރުކާރު ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑެވެ. ސިންގަޕޫރުގެ ބާނީ ލީ ކުއާން ޔޫ: -- ފޮޓޯ: އޭޕީރާއްޖެއެކޭ އެއްގޮތަށް ސިންގަޕޫރަށް ވެސް އޭރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އާބާދީ ކުޑަ ގައުމަކަށް ވުމުން ބޭނުންވާ ހުރިހާ ދާއިރާއަކުން ގާބިލު މީހުން ނެތުމެވެ. އެ ހަގީގަތް ގަބޫލުކުރުމާ އެކު ލީ ކުއާން ޔޫ ނިންމެވީ, ގާބިލު މީހުން ބޭރުން އެ ގައުމަށް ގެނައުމަށެވެ. އެގޮތުން ސިންގަޕޫރު މިއަދު މިދެކޭ ތަރައްގީގެ ފަހަތުގައި ހުރި އެންމެ ވަރުގަދަ އެއް ސިކުނޑިއަކީ ލީ ކުއާން ޔޫގެ އެޑްވައިޒަރަކަށް މަސައްކަތްކުރެއްވި, ނެދަލޭންޑްސްގެ އިކޮނޮމިސްޓެއް ކަމަށްވާ, ޑރ. އެލްބާޓް ވިންސެމިއަސްއެވެ. އެލްބާޓް ވިންސެމިއަސްގެ ލަފާގެ މަތިން, ލީ ކުއާން ޔޫ ވަނީ ވަސީލަތެއް ނެތް ސިންގަޕޫރު މެނުފެކްޗަރިން ހަބަކަށް ބަދަލު ކުރައްވައިފައެވެ. އަދި، ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއި ސިންގަޕޫރު ގުޅުވާލައިދިނެވެ. ސިންގަޕޫރުގެ މުޅި އިގުތިސާދީ ބިންގާ ފުރަތަމަ ބައްޓަންކުރެއްވީ ބޭރުގެ ތަޖުރިބާކާރުންނަށް ބަރޯސާވެގެންނެވެ. އެގޮތުން، ސިންގަޕޫރުގެ ރައްޔިތުންނަކީ އިންޑަސްޓްރިއަލް ތަޖުރިބާ ނެތް ބަޔަކަށް ވާތީ އެ މީހުން ތަމުރީނުކުރުމަށް ދުނިޔޭގެ ފެންވަރުގެ ކުންފުނިތައް ގެނެސް އެ މަސައްކަތް ފެއްޓެވިއެވެ. އޭގެ ތެރޭގައި ތެޔޮ ވިއްކާ ބޮޑު ކުންފުނި, ޝެލްއާއި ސީމެންސްއާއި ސޮނީގެ އިތުރުން ހިޓާޗީއާއި ޖެނެރަލް އިލެކްޓްރިކް ފަދަ ބޮޑެތި ކުންފުނިތައް ސިންގަޕޫރަށް ގެނައެވެ. މި ކުންފުނިތަކުން ބޭރު ގައުމުތަކުން މެނޭޖަރުންނާއި އިންޖިނިއަރުން އަދި ޓެކްނީޝަނުން ގެނެސް ސިންގަޕޫރުގެ އެތައް ހާސް ރައްޔިތުން ތަމުރީނުކުރިއެވެ. އެ މީހުން ކައިރިން ދަސްކޮށްގެން ފަހުން ސިންގަޕޫރު މީހުން އެ ދާއިރާތަކުން އުހަށްއަރައިގެން ދިޔައެވެ. އިންފްރާސްޓްރަކްޗާ ބިނާ ކުރުމަށް ލީ ކުރެއްވި ކަމަކީ ވެސް ބޭރުގެ އިންޖިނިއަރުން އައްޔަންކުރެއްވުމެވެ. ސިންގަޕޫރުގެ ފުރަތަމަ ޖެނެރޭޝަން އިންފްރާސްޓްރަކްޗާ ޑިޒައިންކޮށްފައިވަނީ ނެދަލެންޑްސްގެ ތަޖުރިބާކާރުން ބޭނުންކޮށްގެންނެވެ. އަދި، އެ ގައުމަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ, ޕޯޓް ތަރައްގީކޮށްފައިވަނީ އިނގިރޭސިވިލާތުގެ ޕޯޓް ޕްލޭނަރުންނެވެ. އެ ގައުމުގެ އިންޑަސްޓްރިއަލް މަސައްކަތްތައް ބަދަލުކޮށްލެއްވީ ޖަޕާނުގެ އިންޖިނިއަރުން ބޭނުން ކުރައްވައިގެންނެވެ. މީގެ އިތުރުން، އެ ގައުމުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށާއި ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން ޗަންގީ އެއާޕޯޓް ވެސް އެންމެ ފުރަތަމަ ތަރައްގީކުރެއްވީ ވެސް އެ ގައުމުން ބޭރުގެ އެކްސްޕާޓުން ބޭނުން ކުރައްވައިގެންނެވެ. https://www.sun.mv/210190 އެ ގައުމުގެ ސަރުކާރު ކުންފުނިތައް ވަރުގަދަކޮށް, ބޮޑުކުރުމަށްޓަކައި ލީ އެންމެ އިސްކަން ދެއްވި އެއް ކަމަކީ ސީއީއޯއިންނާއި ސީނިއާ މެނޭޖަރުންނަށް ބޭރު މީހުން އައްޔަންކުރެއްވުމެވެ. އެގޮތުން، ސިންގަޕޫރުގެ ބޮޑެތި ކުންފުނިތައް ކޮޅަށް ޖެހެންދެން އެ ކުންފުނިތައް ހިންގީ ބޭރުގެ ތަޖުރިބާކާރުން ލައިގެންނެވެ. އޭގެ ދަށުން ސިންގަޕޫރު މީހުން ގެންގުޅެ, އެ މީހުންނަށް ދަސްކޮށްދޭ އުސޫލުންނެވެ. އެގޮތުން މިއަދު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް އެއާލައިން ކަމަށްވާ, ސިންގަޕޯ އެއާލައިންސް ފެއްޓެވީ, ޔޫރަޕާއި އޮސްޓްރޭލިއާގެ އޭވިއޭޝަން އެކްސްޕާޓުންނަށް ވަޒީފާ ދީގެންނެވެ. އެ ގައުމުގެ ޓެލެކޮމިއުނިކޭޝަން ދާއިރާއި ބޭންކިން ދާއިރާ ވެސް ވަރުގަދަކުރެއްވީ ބޭރު ގައުމުތަކުން އެ ކަމުގެ އެކްސްޕާޓުން ގެނެސް ވަޒީފާތައް ދެއްވައިގެންނެވެ. މީގެ އިތުރުން، ގައުމީ ސަލާމަތާއި ޝަރުއީ ދާއިރާ ހަރުދަނާކުރެއްވުމަށް ވެސް ލީ ގެންނެވީ ބޭރުގެ އެކްސްޕާޓުންނެވެ. މި ކާމިޔާބު ދަތުރުގައި ލީގެ ފިލޯސަފީ ވަރަށް ސާފެވެ. ލީ އެންމެ ފުރަތަމަ ކުރައްވާ ކަމަކީ ދުނިޔޭގެ ފެންވަރުގެ މީހުން އެ ގައުމުގެ ކުންފުނިތައް ހިންގެވުމަށް ގެންނެވުމެވެ. އެއަށް ފަހު އެ މީހުންގެ ދަށުން ސިންގަޕޫރު މީހުން ތަމުރީނުކުރެއްވުމެވެ. އޭގެ ފަހުން މަޑުމަޑުން ސިންގަޕޫރު މީހުންގެ އަތްމައްޗަށް ކުންފުނިތައް އެއްކޮށް ބަދަލުކުރެއްވުމެވެ. އަދި، މުވައްޒަފުން ތަމުރީނު ކުރެއްވުމަށް އެހެން ގައުމުތަކުގެ އެހީ ހޯދުމުގައި ދެމި ތިބުމެވެ. މީގެ ނަތީޖާ ކިތަންމެހާ ވެސް ރަނގަޅެވެ. ޗަންގީ އެއާޕޯޓަކީ ދުނިޔޭގެ އެއްވަނަ އެއާޕޯޓެވެ. ސިންގަޕޫރު އެއާލައިނަކީ އެ ދާއިރާގެ އެންމެ މަތީ ފަންތީގެ އެއް އެއާލައިނެވެ. އެ ގައުމުގެ ޕޯޓަކީ ދުނިޔޭގެ އެންމެ ބިޒީ އެއް ޕޯޓެވެ. ސިންގަޕޫރަކީ މިއަދު ދުނިޔޭގެ އެއް ނަންބަރު ފައިނޭޝިއަލް ހަބެކެވެ. ތައުލީމަށް ބެލި ނަމަވެސް އަދި ކުށާއި ކޮރަޕްޝަން ނައްތާލުމަށް ބެލި ނަމަވެސް ދުނިޔޭގެ އެފަދަ ދެވަނައެއް ނެތެވެ. ގާތްގަނޑަކަށް 50 އަހަރުން ހޯދޭނެ ކާމިޔާބީ 20 އަހަރުން އެ ވަނީ އެ ގައުމުން ހޯދައިފައެވެ. ސިންގަޕޫރުގެ ވާހަކަ އަބަދު ދިވެހި ސިޔާސީ ބޭފުޅުން ދެއްކެވިޔަސް ކަމެއް ހައްލެއް ނުވާނެއެވެ. އެ ގައުމުން ކަން ކުރި ކާމިޔާބު މޮޑެލްއަށް ކަންކަން ކުރަން އެބަޖެހެއެވެ. ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ދޯދިޔާކޮށް ހިންގުން ކަމަށްވާއިރު މިކަން އިސްލާހު ކުރުމަށް ލީ ކުއާން ޔޫގެ މި މޮޑެލް ބޭނުން ކުރެވިދާނެއެވެ. އެގޮތުން، ކުންފުނިތައް ހިންގަން މިހާރު ހަވާލުކޮށްފައި ތިބި ސިޔާސީ ވަފާތެރިންގެ ބަދަލުގައި ބޭރުގެ ތަޖުރިބާކާރުން ގެނައުން ވަރަށް މުހިންމެވެ. އެއަށް ފަހު ސަރުކާރުން ކުންފުނިތަކަށް ފޯރުވާ ސިޔާސީ ނުފޫޒު ހުއްޓާލަން ޖެހެއެވެ. ހަމައެއާއެކު ބޭރުގެ ތަޖުރިބާކާރުންގެ ދަށުން ދިވެހީން މަސައްކަތްކޮށް ދިވެހީން މޮޅުކުރަން އެބަޖެހެއެވެ. އެގޮތަށް 20 އަކަށް އަހަރު މަސައްކަތްކުރާއިރު, ރައީސް ވިދާޅުވާ ކޮންމެ ކަމަކަށް އެއްބަސްވުމުގެ ބަދަލުގައި, ވިޔަފާރި ދަނެގެން ކަންކަން ކުރަން އެނގޭ ކަހަލަ ކިތަންމެ ދިވެއްސެއް އުފެއްދޭނެއެވެ. މިއަދު ސަރުކާރު ކުންފުނިތަކުގެ ޗެއާމަނުންނާއި އެމްޑީންނާއި ސީއީއޯއިންނަށް ބަލާލި ނަމަވެސް ފެންނަނީ އުންމީދީ މަންޒަރެއް ނޫނެވެ. ނާގާބިލުކަމުގެ ހެއްކަކީ އެ ކުންފުނިތައް އެ އޮތް ހާލެވެ. ސިޔާސީ ހަރުގެއެއް ހިންގާހެން ކުންފުނިތައް ހިންގާނަމަ އޭގެ ގެއްލުން ދުވަހަކުން ދުވަހެއް ދާނީ އިތުރުވަމުންނެވެ. އެކަން އިސްލާހުކުރަން ލީ ކުއާން ޔޫގެ މި ފިލާވަޅު އިބުރަތަކަށް ފުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ