ރިވައިވަލް އަށް ބޮޓްސްވާނާ މުބާރާތުގެ ކުއާޓާގެ ގިނަ މެޗުތަކެއް ރިވައިވަލް އަށް ބޮޓްސްވާނާ މުބާރާތުގެ ކުއާޓާގެ ގިނަ މެޗުތަކެއް

ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ ކުއާޓާ ފައިނަލް ތިން އިވެންޓެއްގެ ފަސް މެޗެއްގައި ވާދަކުރަން ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން ތައްޔާރުވެއްޖެ އެވެ.
އެ ގޮތުން، މިއަދު ކުރިއަށްދާ ބޮޓްސްވާނާ އިންޓަނޭޝަނަލްގެ ކުއާޓާ ފައިނަލް މެޗުތަކުގައި ރިވައިވަލް އިން ވާދަކުރާނީ، އަންހެން ސިންގަލްސް ކުއާޓާގައި އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ކުޅޭ ދެ މެޗާއި، ފިިރިހެން ޑަބަލްސްގައި ހަސަން ޒަޔާން އާއި ހައިޝަމް އިބްރާހިމް އަލީގެ ޕެއާ ކުޅޭ މެޗާއި ފިރިހެން ޑަބަލްސްގައި ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ ކުޅޭ މެޗުގެ އިތުރުން، މިކްސް ޑަބަލްސްގައި، ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ ކުޅޭ މެޗެވެ.
އަންހެން ސިންގަލްސްގެ ގަދަ 16 ބުރުގައި ނަބީ ކުޅުނީ ބޮޓްސްވާނާގެ ފާތިމާ ޖޯޝުއާއާ އެވެ. އެ މެޗުން 21-12، 21-05 އިން މޮޅުވެ، ކުއާޓާ ފައިނަލުގައި ނަބީ ކުޅޭނީ ޕޮލެންޑުގެ ގަބްރިއެލާ ސްކޮރްކޯޯސްކާއާ އެވެ. އަންހެން ސިންގަލްސް ގަދަ 16 ބުރުގައި، ނަބާ ކުޅުނީ ބޮޓްސްވާނާގެ ކޯޕޯ ތަބީލޭއާ އެވެ، އެ މެޗުން، 21-10، 21-05 އިން މޮޅުވެ، ކުއާޓާ ފައިނަލުގައި ނަބާ ކުޅޭނީ އިންޑިއާގެ އަންވިތާ ވިޖޭއާ ދެކޮޅަށެވެ.
ފިރިހެން ޑަބަލްސްގެ ގަދަ 16 ބުރުގައި، ޒަޔާން ޒަކީ އާއި ނިބާލްގެ ޕެއާ އިން ވަނީ ވިމްބާބްވޭގެ ޓްރިނިޓީ ޗިޕޫމޯ އާއި އަޝެލް ޑީޒީވާ އަތުން 23-21، 21-08 އިން މޮޅުވެ، ކުއާޓާ ފައިނަލުގައި، މޮރިޝަސްގެ ލޫކަސް ޑޫސް އާއި ކެމްޓިޝް ރާއި ނުންޑާއާ ކުޅެން ތައްޔާރުވެފަ އެވެ.
ފިރިހެން ޑަބަލްސް ކުއާޓާ ފައިނަލުން ހަސަން ޒަޔާން އާއި ހައިޝަމްގެ ޕެއާ އިން ޖާގަ ހޯދީ ގަދަ 16 ބުރުގައި، ޔޫގާންޑާގެ ފްރެޑް ކިރާބޯ އާއި އިވާން މަޔޭގާ އަތުން 21-15، 21-16 އިން މޮޅުވެގެންނެވެ. ކުއާޓާގައި ހަސަން ޒަޔާން އާއި ހައިޝަމްގެ ޕެއާ ކުޅޭނީ އިންޑިއާގެ ތަންމޯއި ބިކާޝް ބޮރުއާ އާއި ކުލްދީޕް ކަމާލްގެ ޕެއާއާ އެވެ.
މިކްސް ޑަބަލްސްގެ ކުއާޓާގައި ޒަޔާން އާއި ނަބާގެ ޕެއާ އިން ކުޅޭނީ ބޮޓްސްވާނާގެ ޓުމެލޯ މޮއިލްވާ އާއި ކެލެޓްސޯ އެންޓެބެލާއާ އެވެ. އަދި، އަންހެން ޑަބަލްސްގެ ސެމީ ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ ކުޅޭނީ ބޮޓްސްވާނާގެ ޓެސާ ކަބޭލޯ އާއި ޓެބޯގޯ އެންޑްޒިންގޭއާ އެވެ.
ދާދި ފަހުން ނިމުނު ޒެމްބިއާ އިންޓަނޭޝަނަލްގައި ރިވައިވަލް އިން ވަނީ ޒަޔާން ޒަކީ އާއި ނަބާ ވާދަކުރި މިކްސް ޑަބަލްސް އިން ރަން މެޑަލް ހޯދުމުގެ އިތުރުން، ނަބީ އާއި ނަބާ ވާދަކުރި އަންހެން ޑަބަލްސް އިން ރިހި މެޑަލް ހޯދައިފަ އެވެ. މިއީ، މި އަހަރު މެއި މަހު ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑްކޮށް، މީގެ އެއް މަސް ކުރިން ލުއި ދިން ފަހުން، ރާއްޖޭގެ ކުޅުންތެރިން ބީޑަބްލިއުއެފް މުބާރާތެއްގައި ކުޅުނު ފުރަތަމަ ފަަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ