އިތުރު ވަގުތުގެ އެލަވަންސް ކެޕްކުރީ ހަމައެކަނި މުސާރަ އިތުރުކުރުމުގެ ނިޔަތް ދޫކުރުވަން: ފިނޭންސް މިނިސްޓްރީ

އިތުރު ވަގުތުގެ ފައިސާ، މުސާރައިގެ 10 ޕަސެންޓަށް ވުރެ އިތުރަށް ނުދޭ ގޮތަށް ނިންމީ ހަމައެކަނި މުސާރަ ދިނުމުގެ ނިޔަތުގައި މުސާރަ އިތުރުކުރުމުގެ ނިޔަތް ދޫކޮށްލާގޮތް ހެދުމަށް ކަމަށް، ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިއަދު ބުނީ، މި ބަދަލު ގެންނަން ނިންމި ސަބަބަކީ ސިވިލް ސާވަންޓުން އަދާކުރާ ވަޒީފާގެ މުސާރައަކީ އެ މަސައްކަތަށް އެކަށޭނެ މުސާރައަކަށް ހެދުމަށް ކަމަށެވެ. މި ބަދަލު ގެނައި އިތުރު ސަބަބުތަކެއް ކަމަށް މިނިސްޓްރީން ބުނީ، ސިވިލް ސާވަންޓުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި 'ވޯކް ލައިފް ބެލެންސް'އެއް ގެންގުޅުމަށް ބާރު އެޅުމާއި، ވަޒީފާގެ ރަސްމީ ވަގުތު ފެންވަރު ރަނގަޅު ޚިދުމަތްދިނުމަށް ބާރު އެޅުމާއި ބައެއް މަސައްކަތްތަކުގެ ބާވަތުން މުވައްޒަފުންނަށް ލުއިފަސޭހަ ގަޑިތައް ހަމަޖައްސައިދީ ބޭކާރުވާނެ ވަގުތު ސަލާމަތްކުރުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި މި ބަދަލުގެ ސަބަބުން ހަފުތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި ރަސްމީ މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް ހާޒިރީ އެލަވަންސް ލިބޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. ފިނޭންސް މިނިސްޓްރީން ވަނީ ޕޭ ފްރޭމްވޯކަށް އައި ބަދަލާއެކު، ސިވިލް ސާވިސް މުވައްޒަފުންގެ އަސާސީ މުސާރަ އެންމެ ކުޑަ އުޖޫރައަށް ވުރެ އިތުރުވާނެ ކަމާއި، މިހާރު ލިބޭ މުސާރައާއި އިނާޔަތްތަކަށް ބަލާއިރު އެއްވެސް އުނިކަމެއް އަންނަ ނަމަ އެ މުވައްޒަފުންނަށް "މައިގްރޭޝަން އެލަވަންސް"ގެ ނަމުގައި ޚާއްސަ އިނާޔަތެއް ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން ދީފައެވެ. މިއަދުން ފެށިގެން ސިވިލް ސާވިސްގެ ބައެއް މަގާމުތަކަށް ދޭ މުސާރައަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި، ބިޒްނަސް އެޑްމިނިސްޓްރޭޓިވާއި ތައުލީމާއި ސިއްހީ ދާއިރާގެ އިތުރަށް އެހެނިހެން މަދަނީ ދާއިރާތައް ހިމެނެއެވެ. އެ ދާއިރާތަކުގެ ތެރެއިން، އިދާރީ މުވައްޒަފުންނާއި ފިސްކަލް އެނަލިސްޓުންނާއި އެކައުންޓެންޓުންނާއި މީޑިއާ ކޮމިޝަނުގެ މުވައްޒަފުންނާއި އޭވިއޭޝަން ކޮމާންޑުގައި ހަރަކާތްތެރިވާ މުސާރައަށް ގެންނަ ބަދަލުގެ ތަފްސީލުތައް، ފިނޭންސް މިނިސްޓްރީގެ ޖޮބް މެޓްރިކްސްގައި ވަނީ ހިމަނާފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، މިހާތަނަށް ބޮޑުކޮށްފައިނުވާ ހުރިހާ މުވައްޒަފުންގެ މުސާރަ މި ފެށޭ ނޮވެމްބަރު މަހު ބޮޑުކުރައްވާނެކަން ހާމަކުރައްވާފައެވެ. މި އަހަރު ރިޔާސީ ބަޔާން އިއްވަވަމުން ވެސް ރައީސް ވަނީ ހުރިހާ މުވައްޒަފުންގެ މުސާރައަށް މި އަހަރު ހެޔޮ ބަދަލު އަންނާނެކަން އިއުލާނުކުރައްވާފައެވެ. މި އަހަރުގެ ބަޖެޓުގައި ވެސް އެ ކަމަށް 500 މިލިއަން ރުފިޔާ ހިމެނިއެވެ. ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތް ފެށީ، ކަރަމާތްތެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ވަރުގެ ރަނގަޅު އުޖޫރައެއް ދިނުމުގެ މަގުސަދުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ