ފަތުރުވެރިންގެ އަދަދު 9 ޕަސެންޓު އިތުރުވިޔަސް ހޭދަކުރާ މުއްދަތު ކުރުވެއްޖެ

މިދިޔަ ޖުލައި މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ނުވަ ޕަސެންޓު އިތުރުވި ނަމަވެސް، މިދިޔަ އަހަރާ ބަލާއިރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ކުރުކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭން އާންމުކުރި ޖުލައި މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މަހު 186،738 ފަތުރުވެރިން ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައިވެއެވެ. އެއީ، މިދިޔަ އަހަރުގެ ޖުލައި މަހު ޒިޔާރަތްކުރި 167،528 ފަތުރުވެރިންނަށް ވުރެ 11 ޕަސެންޓު އިތުރު އަދަދެކެވެ. އެމްއެމްއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހާ އަޅާބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ބެޑްނައިޓްސް ނުވަ ޕަސެންޓު އިތުރުވެފައިވެއެވެ. މި މުއްދަތުގައި ގެސްޓްހައުސްގެ ބެޑްނައިޓްސް 55 ޕަސެންޓު އިތުރުވިއިރު ރިސޯޓުތަކުގެ ބެޑްނައިޓްސް ދެ ޕަސެންޓު އިތުރުވި ކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ. މީގެ އިތުރުން، މި އަހަރުގެ މި މުއްދަތުގައި ޚިދުމަތަށް 1،673 އެނދު އިތުރަށް ނެރުނުއިރު، 963 އެނދު އިތުރަށް ރެޖިސްޓްރީކޮށްފައިވެއެވެ. އެހެންކަމުން، މި އަހަރުގެ މި މުއްދަތާ ހަމައަށް ޖުމުލަ 63،077 އެނދު ޚިދުމަތަށް ނެރެފައިވާއިރު، 64،413 އެނދު ރަޖިސްޓްރީކޮށްފައިވާ ކަމަށް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހާ އަޅާ ބަލާއިރު، މި އަހަރުގެ މި މުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ މުއްދަތު ވަނީ ކުރުވެފައެވެ. މިިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހުގައި އެވަރެޖްކޮށް 7.6 ދުވަހު ފަތުރުވެރިން ހޭދަކުރިއިރު، އެ އަދަދު ވަނީ މި އަހަރުގެ އެ މުއްދަތުގައި 6.9 ދުވަހަށް ވެއްޓިފައެވެ. މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 1،468،740 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ، މިދިޔަ އަހަރާ އަޅާބަލާއިރު 9.3 ޕަސެންޓުގެ އިތުރުވުމެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭގޮތުގައި އެންމެ ގިނަ ފަތުރުވެރިން މި އަހަރު އައީ ޗައިނާއިންނެވެ. އެގޮތުން، ޗައިނާއިން 231،337 ފަތުރުވެރިން އައިއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ރަޝިއާއިން 175،161 ފަތުރުވެރިން އައިސްފައިވެއެވެ. އަދި، އިނގިރޭސި ވިލާތުން 133،063 ފަތުރުވެރިން އައިއިރު، ޖަރުމަނުން 101،081 ފަތުރުވެރިން، އިޓަލީން 105،571 ފަތުރުވެރިން، އަދި އިންޑިއާއިން 83،784 ފަތުރުވެރިން އައިސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ