މި މަހަށް ރޭވި މުއިއްޒުގެ އައްޑޫ ދަތުރު އަންނަ މަހަށް ފަސްކޮށްފި މި މަހަށް ރޭވި މުއިއްޒުގެ އައްޑޫ ދަތުރު އަންނަ މަހަށް ފަސްކޮށްފި

މި ހަފުތާގެ ތެރޭ ރައީސް މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރައްވަން ރޭވި ދަތުރު، އަންނަ މަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒު އައްޑޫއަށް ވަޑައިގަންނަވަން ނިންމެވީ އާދިއްތަ ދުވަހު އެވެ. އެކަން ކައުންސިލަށާއި އިދާރާތަކަށް އަންގާ، އެމަނިކުފާނާއެކު ވަޑައިގަންނަވާ ބައެއް ސިޔާސީން ޓިކެޓު ނެގި ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
އެ ދަތުރު މިހާރު ވަނީ އަންނަ މަހުގެ ތާރީހަކަށް ފަސްކޮށްފަ އެވެ. ނަމަވެސް، ރައީސް އޮފީހުން ވަނީ މުއިއްޒުގެ ދަތުރު ފަސްނުކުރާ ކަމަށް ބުނެފަ އެވެ. މި ނޫހުން ސުވާލުކުރުމުން އެ އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ މުއިއްޒުގެ ދަތުރު ފަސްކުރަން ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް ވަޑައިގަންނަވާ ތާރީހެއް ވިދާޅެއް ނުވެ އެވެ.
އައްޑޫ ދަތުރު ފަސްކުރަން ނިންމެވުމަށްފަހު، މުއިއްޒު އިއްޔެ ވަނީ އަތޮޅުތެރެއަށް އިތުރު ދަތުރެއް ފަށްޓަވާފަ އެވެ. މި ދަތުރުގައި އެމަނިކުފާނު ވަޑައިގަންނަވާނީ ޅ. އަތޮޅުގެ ރަށްތަކާއި ކ. އަތޮޅުގެ ބައެއް ރަށްރަށަށެވެ.
މުއިއްޒުގެ އައްޑޫ ދަތުރު ފަސްކުރަން ނިންމާފައިވާއިރު، އައްޑޫ ސިޓީ ކައުންސިލް ބައިބައި ކުރުމަށް ހޮނިހިރު ދުވަހު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގި އެވެ. އެ ވޯޓުގައި ވަކިވާން ނިންމީ ހުޅުދޫ، އަދި މީދޫ އިންނެވެ. ފޭދޫ ރައްޔިތުން ނިންމީ ސިޓީ ކައުންސިލާއެކު ދެމި އޮންނާށެވެ.
މި ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، ފޭދޫ ވޯޓުގެ ނަތީޖާ އަކީ ސަރުކާރަށް ލިބުނު ބޮޑު ބައްޔެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އެ މީހުން އެގޮށް ބުނާ މައިގަނޑު ސަބަބަކީ އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) އަދި އޭނާގެ ދަރިފުޅު ހޯމް މިނިސްޓަރު، އަލީ އިހުސާން ކުރެއްވި ކެމްޕޭނެވެ. އެ ދެ ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ އަމިއްލަ ހައިސިއްޔަތުން، ފޭދޫ ރައްޔިތަކަށް ވީތީ ކުރި ކެމްޕޭނެކެވެ.
ވޯޓުގެ ނާކާމިޔާބީގެ އިތުރުން، އައްޑޫ ދަތުރު ފަސްކުރަން ނިންމީ އިތުރު ބައެއް މަސައްކަތްތަކެއް ނުނިމި ހުރުމުން ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އެގޮތުން، އައްޑޫ ހިތަދޫގައި އަލަށް ހުޅުވާ ބީއެމްއެލްގެ އޭޓީއެމް އާއި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ތަރައްގީކުރާ އެމްއެންޑީއެފް ޑްރޯން ބޭސްގެ މަސައްކަތް އަދި ނުނިމޭ ކަމަށް މައުލޫމާތު ލިބެ އެވެ.
ކަނޑާއި ވައިގެ ސަރަހައްދު ބަލަހައްޓަން އެމްއެންޑީއެފްއަށް މިދިޔަ އަހަރު ގެނައި ޑްރޯންތަކުގެ އިތުރުން، ދައުލަތުން ބޮޑު ހަރަދުކޮށްގެން އައްޑޫ ބޭސް އަށް ގެނެސްފައިވަނީ ބައިރަކްތާރު ޓީބީ-2 ގެ ތިން ޑްރޯން ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ. މި ޑްރޯންތައް ގެނައީ އޮކްޓޯބަރު 15، އަދި އޮކްޓޯބަރު 17، ގެ ރޭ ވަކަވަކިން ތުރުކީއިން ޔޫއޭއީ އަށް ގެންގޮސް، ގަމަށް ގެނައި ތިން ޝިޕްމެންޓެއްގަ އެވެ.
އެމްއެންޑީއެފްގެ ބޭނުމެއް އައްޑޫ ގަމުން ބިމެއް ދޭން އުޅޭ ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު އަޑު ފެތުރުނެވެ. އޭރު އަޑުފެތުރުނު ގޮތުގައި ގަމުން އެމްއެންޑީއެފްއަށް ދެނީ 980،000 އަކަފޫޓުގެ ބިމެކެވެ. މިކަން މިހާތަނަށް ސަރުކާރުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ގަން އެއާޕޯޓުގެ ރަންވޭގެ ދެކުނުން އޮތް ސަރަހައްދެއްގައި ޑްރޯން ބޭސް ތަރައްގީކުރަމުންދާކަން ސެޓްލައިޓު ފޮޓޯތަކުން ވެސް ދައްކަ އެވެ. ސިފައިން މިހާރު ކުރަމުންދަނީ ޑްރޯން ބޭސް އާއި ގަމުގެ ރަންވޭ ގުޅާލައި، ޓެކްސީވޭއެއް ހެދުމުގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ