ގަސްގަނޑު ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަނީ

ލ. ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ސަރުކާރުން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގައި ސޮއިކުރީ، ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ބައިވެރިވެވަޑައިގެންނެވި ޖަލްސާގަ އެވެ. ޓޫރިޒަމް މިނިސްޓްރީން އެ މަސައްކަތް ހަވާލުކޮށްފައިވަނީ ބައިސަން މޯލްޑިވްސްއާ އެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ރިސޯޓު ތަރައްގީ ކުރުމުން ގަމުގެ ޒުވާނުންނާއި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ލިބި، މުޅި އަތޮޅަށް ވެސް އިގްތިސާދީ ގޮތުން ފައިދާ ވާނެ ކަމަށެވެ. އަދި ލ. އަތޮޅަކީ ފަތުރުވެރިކަމުން ކުރިއަރާފައި އޮތް އަތޮޅަކަށް ހަދައިދޭނެ ކަމަށް ވިދާޅުވި އެވެ.
"ދާދި އަވަހަށް އިރާދަކުރެވިއްޔާ މި އަތޮޅުގެ ރައްޔިތުންނަށް ހަމަ ޖުމްލަކޮށް ފެނިވަޑައިގަންނަވާނެ އަދި އިތުރު ދެތިން ހަތަރު ރިސޯޓު ހެދުމަށް އެކި ފަރާތްތަކުން އެކި އިންވެސްޓަރުން އެގްރީމަންޓުތައް ހަދައި، މަސައްކަތްތައް ފަށާތަން،" ރައީސް ވިދާޅުވި އެވެ.
ލ. އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ