ޕީއެސްޖީ، އިންޓަ އަދި އާސެނަލަށް ބޮޑު މޮޅެއް ޕީއެސްޖީ، އިންޓަ އަދި އާސެނަލަށް ބޮޑު މޮޅެއް

ލަންޑަން (އޮކްޓޫބަރު 22) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީ އާއި ރަނަރަޕް އިންޓަ މިލާނުގެ އިތުރުން، މިދިޔަ ސީޒަނުގައި ސެމީ ފައިނަލަށް ދަތުރުކުރި އާސެނަލުން ބޮޑު މޮޅެއް ހޯދައިފި އެވެ.
ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު އޮތީ މި ތިން ޓީމެވެ.
އެ ގޮތުން، ބަޔާ ލެވަކޫސަން އަތުން ޕީއެސްޖީން 7-2 އިން މޮޅުވިއިރު، އާސެނަލުން ވަނީ އެތުލެޓިކޯ މެޑްރިޑު 4-0 އިން ބަލިކޮށްފަ އެވެ. އަދި، އިންޓަ މިލާނުން ވަނީ 4-0 އިން ސެއިންޓް ގިލޮއިސްގެ މައްޗަށް ކުރިހޯދައިފަ އެވެ.
މެޗުގެ ކުރިން އެތުލެޓިކޯ އިން ވަނީ އާސެނަލްގެ ދަނޑުގައި ހޫނުފެން ނުލިބުމުގެ ޝަކުވާ ޔުއެފާ އަށް ހުށަހަޅައިފަ އެވެ. އެ މެޗުގައި އާސެނަލުން އެތުލެޓިކޯ ބަލިކުރިއިރު، ހަތަރު ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، އާސެނަލްގެ ފުރަތަމަ ލަނޑު ޖެހީ، ޑެކްލައިން ރައިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ގަބްރިއެލް މަގާޅައެސް އެވެ. އަދި، ގަބްރިއެލް މާޓިނެލީ އާސެނަލަށް ދެ ވަނަ ލަނޑު ޖަހައިދިންއިރު، އެ ޓީމުން ޖެހި ފަހު ދެ ގޯލު ކާމިޔާބުކުރީ، ވިކްޓަ ޔޯކެރޭޝް އެވެ. މިއީ، މި ފަހުން ލަނޑު ނުޖެހި މެޗުތަކެއް ފުރިހަމަކުރަން ޖެހުނު ޔޯކެރޭޝް ޖެހި ފުރަތަމަ ގޯލުތަކެވެ.
ލެވަކޫސަން އާއި ޕީއެސްޖީން ރޭގެ މެޗު ނިންމާލަން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެ ގޮތުން، ލެވަކޫސަންގެ ދަނޑުގައި ވިލިއަން ޕަޗޯގެ ގޯލުން ޕީއެސްޖީން ލީޑުގައި އޮއްވައި، ލެވަކޫސަނަށް އެއްވަރުކޮށްދޭން ލިބުނު ފުރުސަތުގައި އަލެކްސް ގްރިމާލްޑޯ އަށް ޕެނަލްޓީ ކާމިޔާބެއްނުވި އެވެ. އޭގެ ފަހުން، 31 ވަނަ މިނިޓްގައި، ލެވަކޫސަންގެ މިޑްފީލްޑަރު، ރޮބަޓް އަންޑްރިޗް އަށް ރަތް ކާޑެއް ދެއްކިއިރު، އޭގެ ހަ މިނިޓް ފަހުން، ޕީއެސްޖީގެ ޑިފެންޑަރު، އިލިއާ ޒަބާނިއޭ އަށް ވަނީ ރަތެއް ދައްކައިފަ އެވެ.
އަލެކްސް ގާސިއާގެ ޕެނަލްޓީން ލެވަކޫސަން އެއްވަރުކުރިއިރު، އޭގެ ފަހުން، ޕީއެސްޖީން ވަނީ ތަފާތު ދައްކައި މުހިންމު މޮޅެއް ހޯދައިފަ އެވެ. ލެވަކޫސަނުން އެއްވަރުކުރި ފަހުން، ޕީއެސްޖީން ފުރަތަމަ ޖެހީ ހަތަރު ލަނޑެވެ. އެއީ، ޑެޒެއާ ޑޫއޭ ޖެހި ދެ ގޯލާއި ކްވިޗާ ކްވަރަޝްކޭލިއާ އަދި ނޫނޯ މެންޑޭޒް ޖެހި ލަނޑުތަކެކެވެ. އޭގެ ފަހުން، އަލެކްސް ގާސިއާ ވަނީ ލެވަކޫސަނަށް އިތުރު ގޯލެއް ޖަހައިދީފަ އެވެ. މި ލަނޑަށް ފަހު، ޕީއެސްޖީން އަނެއްކާ އެޓޭކް ރަނގަޅުކޮށް، އޮސްމާން ޑެމްބެލޭ އާއި ވިޓީނިއާގެ ލަނޑުތަކުން މި މޮޅު ހޯދި އެވެ.
ގިލޮއިސް ދަނޑުގައި ރޭ އިންޓަ މިލާނުން ފުރަތަމަ ހާފުގައި ވެސް ދެ ގޯލުގެ ލީޑެއް ނެގި އެވެ. މިއީ، ޑެންޒެލް ޑަމްފްރީސް އާއި ލައުޓާރޯ މާޓީނޭޒް ޖެހި ލަނޑުތަކަކުން ލިބުނު ލީޑެކެވެ. ދެ ވަނަ ހާފުގައި އިންޓަގެ ލަނޑުތައް ޖެހީ، ހަކަން ޗަނޮނޯލޫ ޕެނަލްޓީ އަކުންނާއި ފްރަންސެސްކޯ އެސްޕޮސީޓޯ އެވެ.
ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އާއި ދެ ވަނައިގައި އޮތް އިންޓަ އަދި ތިން ވަނައިގައި އޮތް އާސެނަލަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، މި ތިން ޓީމުގެ ފަރަގަކީ ލަނޑުގެ ތަފާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ