އެސްއީޒެޑް ގާނޫނަށް ގެންނަ ބަދަލުން ދައުލަތުގެ އާމްދަނީއަށް އަސަރުކޮށް ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބޭނެ: ފައްޔާޒު އެސްއީޒެޑް ގާނޫނަށް ގެންނަ ބަދަލުން ދައުލަތުގެ އާމްދަނީއަށް އަސަރުކޮށް ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބޭނެ: ފައްޔާޒު

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ފައްޔާޒު އެކްސްގައި ވިދާޅުވީ މިއީ ޓޫރިޒަމަށް ދެވޭ ބޮޑު ގެއްލުމެއްގެ އިތުރުން ދައުލަތަށް ލިބެން އޮތް ވަރަށް ބޮޑު އާމްދަނީއެއް ގެއްލިގެންދާނެ ކަމެއް ކަމަށެވެ. މި ސަރުކާރުން ސަސްޓެއިނެބަލް ޓައުންޝިޕަކަށް ބަދަލުކުރާ ޕްރޮޖެކްޓަކީ އެމްޑީޕީގެ ސަރުކާރުގައި ޑިސެމްބަރު 2022، ގައި ގެނައި ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ޕްރޮޖެކްޓު ގެނައީ އެއްވެސް ލުއިތަކެއް ދޭ ގޮތަކަށް ނޫން. އެންމެ ޕްރޮޖެކްޓަކަށް ބޭއިންސާފުން ލުއި ދިނުމަކީ ސަރުކާރުގެ މަގްސަދާއި މެދު ޝައްކު އުފެދޭ ކަމެއް. ނ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް އިންވެސްޓަރުން ހޯދަން ޓެކްސް ލުއިތަކެއް ދޭން ނުޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.
ޓޫރިޒަމްގެ ގާނޫނަށް ޖޫން 19، 2023 ގައި ހުށަހެޅި އިސްލާހުގައި ޓޫރިޒަމްގެ ހުރިހާ ރިއަލް ސްޓޭޓް މުއާމަލާތަކުން ހަތަރު ޕަސެންޓު ޓެކުހެއް ދައްކަން ޖެހޭ ގޮތަށް އޮތް ނަމަވެސް މި ސަރުކާރުން ނޮވެމްބަރު 2023، ގައި އެ އިސްލާހު އަނބުރާ ގެންގޮސްފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ސަރުކާރުގެ ނުބައި ނިޔަތް ހާމަވެގެން ދަނީ މުޅި ސިނާއަތަށް ފައިދާ ކުރުމުގެ ބަދަލުގައި ވަކި މަޝްރޫއުތަކެއްގައި އެކަން ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާތީ،" ފައްޔާޒު ވިދާޅުވި އެވެ.
މި ބިލުގެ ބަހުސްގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވެސް ވަނީ މިއީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ވިދާޅުވެފަ އެވެ.
މިހާރު ހުށަހަޅާފައިވާ ބިލުގައި ވާގޮތުން ސަސްޓެއިނެބަލް ޓައުންޝިޕެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދަކުން ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދޭއިރު، އެ ކޮޓަރިއެއް ނުވަތަ ވިލާއެއްގެ ހައްގުތައް ވިއްކައިގެން ލިބޭ އާމްދަނީން ޕްރޮޕާޓީ ޓްރާސްފާ ޓެކްސްގެ ގޮތުގައި ފުރަތަމަ ފަހަރު ދައުލަތަށް ދައްކަންޖެހޭނީ އެ އާމްދަނީގެ އެއް ޕަސެންޓެވެ. ދެވަނަ ފަހަރު ދެ ޕަސެންޓު އަދި ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކުން ލިބޭ އަމްދަނީ ހަތަރު ޕަސެންޓު ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭނެ އެވެ.
އޭގެއިތުރުން އެފަދަ ސަރަހައްދެއްގައި ހިންގާ ވިޔަފާރިއެއްގެ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭނެ ކަމަށް އެ ބިލުގައި ބަޔާން ކޮށްފައި ވަނީ ފުރަތަމަ 10 އަހަރަށް ފަސް ޕަސެންޓުގެ ރޭޓުންނެވެ. 11 ވަނަ އަހަރުން ފެށިގެން 20 ވަނަ އަހަރާ ހަމައަށް 10 ޕަސެންޓުގެ ރޭޓުން ޓެކްސް ދައްކަންޖެހޭއިރު، 21 ވަނަ އަހަރުން ފެށިގެން 15 ޕަސެންޓު ދައްކަންޖެހޭނެ ކަމަށް އެ ބިލުގައި ބަޔާން ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ