ފްލެޓުތަކާއި ގޯތިތައް ހަވާލު ކުރުން ލަސްވަމުންދާ ދިޔުމާއި މިދިޔަ ސަރުކާރުން ހިއްކަން ފެށި ފަޅުތަކުގެ މަސައްކަތް ނުނިންމައި ފުށިދިއްގަރު ފަޅު ހިއްކަމުން ދިޔުމުގެ ސަބަބުން އެތައް ބަޔަކު ބޯހިޔާވަހިކަމުން މަހުރޫމުވަމުންދާ ދިޔުމަށް ހައްލެއް ހޯދުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު އެވެ. މިއަދުގެ ޖަލްސާގައި ވަނީ އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ.
މައުރޫފް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޭން ނިންމި ފްލެޓުތަކާއި ގޯތިތައް އޭގެ ހައްގުވެެރިންނަށް ހަވާލު ކުރުން އިންތިހާއަށް ލަސްވަމުންދާ ކަމަށެވެ.
އަދި ގިރާވަރުފަޅާއި ގުޅީފަޅު އަދި ހުޅުމާލެ ފޭސް ތިނެެއްގެ އިތުރުން އުތުރުތިލަފަޅު ހިއްކުމުގެ ބަދަލުގައި ފުށިދިއްގަރު ފަޅަށް އިސްކަން ދީގެން އެ މަސައްކަތް ކުރަމުން ދިޔުމުގެ ސަބަބުން އެތައް ބަޔަކު ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމްވަމުންދާ ކަމަށެވެ.
އެ ގަރާރުގައި ގޮވާލާފައި ވަނީ އެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ހޯދުމަށެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދެވި ވާހަކަތައް ވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކުރީ ސަރުކާރުން އެއްވެސް ރައްޔިތަކަށް ދީފައިވާ ފްލެޓެއް ގޯއްޗެއް އެ ދިން ތަނަކު ދެއްވާނެ ކަމަށް މުއިއްޒު ވެވަޑައިގެންނެވި ވައުދު އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ނަމަވެސް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 4000 މީހުންގެ ތެރެއިން 585 މީހަކަށް ފްލެޓު ނުލިބޭނެކަން މި ސަރުކާރުން އަންގާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
އަދި ސަރުކާރާއެކު އެއްބަސްވުމެއް ހަދައި ފްލެޓު ކަނޑައަޅައި ލިޔުން ދީފައިވާ މީހުންގެ އަތުން ޝަރުއީ ކޯޓެއް މެދުވެރިކޮށް މެނުއީ ފްލެޓު އަތުނުލެވޭނެ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
އޭގެއިތުރުން ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި 13763 މީހުންގެ ތެރެއިން ފުރަތަމަ ފްލެޓު ލިބުނު މީހުން ނަގާފައި ދެން ތިބި 9763 މީހުންނަށް ފްލެޓު ދިނުމަށްޓަކައި އިންޑިއާގެ އެލްއޯސީ މެދެވެރިކޮށް ފައިސާ ހަމަޖައްސައިގެން އިންޑިއާގެ ކޭޕީއައިއެލް (އެންބީސީސީ) އާ އަޅަން ހަވާލުކުރި 6000 ފްލެޓާއި އެޕޯލޯ ކުންފުންޏާ އަޅަން ހަވާލުކުރި 1000 ފްލެޓުގެ މަސައްކަތް ކުރިއަށް ނުދާކަން އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
މިދިޔަ ސަރުކާރުން އިއުލާނުކުރި ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ދެވަނަ ސްކީމުގައި ފްލެޓަށް އެދި ހުށަހެޅި 21،347 މީހުންނާއި ގޯއްޗަށް އެދި ހުށަހެޅި 19،347 މީހުންގެ ނަންތަކާއެކު ގެޒެޓު ކޮށްފައިވީ ނަމަވެސް އެ ފޯމުތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން ނުދާކަން ވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ހައްގަށް ބެލުމެއްނެތި ރަސްމާލެއަށް އިސްކަންދޭ މައްސަލައިގައި ގަރާރެއް ހުށަހަޅައިފި ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ހައްގަށް ބެލުމެއްނެތި ރަސްމާލެއަށް އިސްކަންދޭ މައްސަލައިގައި ގަރާރެއް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ