އަލަށް އުފަންވާ ކުދިން މަދުވެ، ރާއްޖެ "ސުޕަ އޭޖްޑް" ގައުމަކަށްވުމުގެ މަގުމަތީ އަލަށް އުފަންވާ ކުދިން މަދުވެ، ރާއްޖެ "ސުޕަ އޭޖްޑް" ގައުމަކަށްވުމުގެ މަގުމަތީ

އަލަށް އުފަންވާ ކުދިންގެ އިންސައްތަ މަދުވެ، މީގެ 27 އަހަރު ފަހުން އުމުރުން ދުވަސްވީ މީހުންގެ އާބާދީ ދިވެހިރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކުރި "މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން" ގައި ބުނެފައި ވަނީ 2052 ވަނަ އަހަރުން ފެށިގެން ދިވެހިންގެ އާބާދީގެ ތެރެއިން ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކީ 65 އަހަރުން މަތީގެ މީހަކަށްވާނެ ކަމަށެވެ.
"2045 އާއި 2051 އާ ދެމެދު ރާއްޖޭގެ އާބާދީ އުމުރުން ދުވަސްވެފައިވާ އާބާދީއަކަށް ބަދަލުވާނެ. އަދި 2052 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެ ވެގެންދާނީ ސުޕަ އޭޖްޑް ގައުމަކަށް. ދިވެހިންގެ ތެރެއިން ކޮންމެ ހަތަރު މީހަކުން އެކަކު ވެގެންދާނީ އުމުރުން ދުވަސްވީ މީހަކަށް،" ޕޮޕިއުލޭޝަން ޕްރޮޖެކްޝަނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، 2062 ވަނަ އަހަރުން ފެށިގެން، އުމުރުން ދުވަސްވީ އާބާދީގެ ތެރެއިން ވެސް ދުވަސްވުން އިތުރުވާނެ ކަމަށް ޕްރޮޖެކްޝަނުގައި ބުނެ އެވެ. އެ އަހަރުން ފެށިގެން އުމުރުން ދުވަސްވީ މީހުންގެ އާބާދީ މަދުވެގެން 120،000 އަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.
"[2062 ވަނަ އަހަރުން ފެށިގެން] އުމުރުން ދުވަސްވީ އާބާދީގެ ތެރެއިން އެންމެ ބާރު މިނެއްގައި އިތުރުވެގެންދާނީ އުމުރުން 80 އަހަރުން މަތީ މީހުންގެ ހިއްސާ. މިއިން ދައްކައިދެނީ އުމުރުން ދުވަސްވީ އާބާދީގެ މީހުން ވެސް ދުވަސްވަމުންދާ ކަން،" ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފައިވެ އެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި، 2022 ވަނަ އަހަރު، ދިވެހި އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ދަރިމައިވާ އުމުރުގެ އަންހެނުންނެވެ. އެކަމަކު، 2062 ގައި، އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވެ، ދަރިމައިވާ އުމުރުގެ މީހުންގެ ޕަސެންޓޭޖު ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ލަފާ ކުރެވެ އެވެ.
ލަފާ ކުރެވޭ ގޮތުގައި 2062 ވަނަ އަހަރު، އަންހެނުންގެ އާބާދީ ހުންނާނީ 205،648 ގަ އެވެ. އެކަމަކު ދަރިމައިވާ އުމުރުގެ އަންހެނުންގެ އާބާދީ އެއިރު ހުންނާނީ 78،538 ގަ އެވެ. އެއީ އަންހެނުންގެ އާބާދީއިން އެންމެ 38 ޕަސެންޓު މީހުންނެވެ.
ޕޮޕިއުލޭޝަން ޕްރޮޖެކްޝަނުގައި ބުނެފައި ވަނީ ސުޕަ އޭޖްޑް އާބާދީއެއް ބެލެހެއްޓުމަށް ދިވެހިރާއްޖެ ވަރަށް ބޮޑަށް ތައްޔާރުވާންޖެހެ އެވެ. އޭގެ ތެރޭގައި، ދެމެހެއްޓެނިވި ސިއްހީ އަދި ޕެންޝަންގެ ނިޒާމެއް ގާއިމް ކުރުމާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެވޭނެ ގޮތްތަކެއް ހަމަޖެއްސުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ