ދީޕިކާއާއި ރަންވީރުގެ ދަރިފުޅުގެ ފޮޓޯއެއް ދައްކާލައިފި

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯންއާއި ރަންވިރު ސިންގްގެ ދަރިފުޅު ދުއާ ދީޕިކާ ސިންގްގެ ފޮޓޯ ފުރަތަމަ ފަހަރަށް އާއްމުންނަށް ދައްކާލައިފިއެވެ. ދަރިފުޅު ދުއާގެ ފޮޓޯ އާއްމުކޮށްފައިވަނީ އިންޑިއާގައި ފާހަގަކުރި މި އަހަރުގެ ދިވާލީ ފެސްޓިވަލްއާ ދިމާކޮށެވެ. ދީޕިކާ އާއި ރަންވީރުގެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި މި ފޮޓޯތައް އާއްމުކުރިތާ ހަތަރުގަޑިއިރުތެރޭ 4.1 މިލިއަން ލައިކްސް އެ ފޮޓޯތަކަށް ލިބި 69 މިލިއަން މީހުން ވަނީ ދުއާ ހިމެނޭހެން ހިއްސާކުރި ފޮޓޯތަކަށް ކޮމެންޓްކޮށްފައެވެ. ދީޕިކާގެ ދެމަފިރިން އަލަތު ދަރިފުޅުގެ ފޮޓޯ އާއްމުކޮށްފައި މިވަނީ ދަރިފުޅަށް އެއް އަހަރު ފުރުނުތާ އެއް މަސް ވެފައި ވަނިކޮށެވެ. ބޮލީވުޑްގެ އެންމެ މަގުބޫލު އަދި މީޑިއާގެ އެންމެ ބޮޑު ސަމާލުކަމެއް ލިބޭ ދީޕިކާއާއި ރަންވީރަކީ އަބަދުވެސް އަމިއްލަ ދިރިއުޅުމުގެ ކަންކަން ވަރަށް ޕްރައިވެޓްކޮށް ބޭއްވުމަށް ލޯބިކުރާ ތަރިންނެވެ. ދީޕިކާ އާއި ރަންވީރު ކައިވެނީގެ ހަފްލާގައި--ފޮޓޯ/ބޮލީވުޑްހަންގާމާ އެގޮތުން ދެ ތަރިން ކައިވެނި ކުރުމުގެ ކުރިން ދިގު މުއްދަތަކަށް ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު ވެސް އެކަން މީޑިއާތަކާ ހިއްސާކޮށްފައެއް ނުވެއެވެ. ހަމައެއާއެކު ދެ ތަރިންގެ ކައިވެނީގެ ހަފުލާތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް އާއްމުކުރީ ކައިވެންޏަށް ފަސް އަހަރުވީ ފަހުންނެވެ. މީގެ އިތުރުން އަލަތު ދަރިފުޅަށް ބަލިވެއިންކަން ވެސް ދީޕިކާ އިއުލާނުކޮށްފައިވަނީ ދަރިފުޅަށް ބަލިވެއިންތާ ފަހެއް ނުވަތަ ހަ މަސް ފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ދަރިފުޅު ދުއާގެ ފޮޓޯތައް އާއްމު ކުރުމާ އެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ އިތުރުން ދެމަފިރިންގެ ސަޕޯޓަރުން ވަނީ އެކަމާ އުފާ ފާޅުކޮށް ދުއާއަށް ހެޔޮ ދުއާކޮށް ސޯޝަލް މީޑިއާގައި މެސެޖުތައް ބަދަލުތައް ކޮށްފައެވެ. މި ފޮޓޯތަކާ އެކު ކުރިއަށް އޮތް ތަނުގައި އެފަދަ ފެސްޓިވަލްތަކާ ދިމާކޮށް ދަރިފުޅުގެ ފޮޓޯތައް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. މި ފޮޓޯތައް އާއްމުކުރުމުގެ ކުރިން ރަންވީރާއި ދީޕިކާ ވަނީ ދަރިފުޅު ވިހެއުމަށް ފަހު މީޑިއާއާ ވަކިން ބައްދަލުކޮށް ދަރިފުޅުގެ ފޮޓޯ މީޑިއާ ރިޕޯޓަރުންނަށް ދައްކާފައެވެ. އަދި، ދެ ތަރިންގެ ހުއްދަނެތި ދަރިފުޅުގެ އެއްވެސް ފޮޓޯއެއް ނުނެގުމަށް ރިޕޯޓަރުން ގާތު ދެ ތަރިން ވެސް ވަނީ އެދިފައެވެ. މިއީ މިފަހަކަށް އައިސް ބޮލީވުޑްގެ ވަރަށް ގިނަ ފިލްމީ ތަރިން އަމަލުކުރާ ގޮތެކެވެ. އަމިއްލަ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބޭނުމުގައި ކުދިންގެ ފޮޓޯ މީޑިއާތަކާ އަދި އާއްމުންނާ އެކު އެއްވެސް ވަރަކަށް ހިއްސާ ނުކުރާ ފިލްމީ ތަރިން ވެސް އިންޑަސްޓްރީގައި އެބަތިއްބެއެވެ. އޭގެ ތެރޭގައި ބަތަލާ ރާނީ މުކަރުޖީ، އަނުޝްކާ ޝަރުމާ އަދި ދާދިފަހުން ކުއްޖަކު ލިބުނު ޔާމީ ގޯތަމް އާއި ކިއާރާ އަދުވާނީ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ