ކާވާ ކަޕް ފޯ މެން މިއަދު ފަށަނީ، ދިވެހި ޓީމުގެ މެޗުތައް އެސްއެސްޓީވީން ވަގުތުން
ބަންގްލަދޭޝްގައި މިއަދު ފަށާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ)ގެ މެންސް ކަޕު 2025 ގައި ރާއްޖޭގެ ސީނިއާ ގައުމީ ވޮލީބޯޅަ ޓީމު ކުޅޭ ހުރިހާ މެޗެއް އެސްއެސް ޓީވީން ވަގުތުން ގެނެސްދޭގޮތަށް ހަމަޖެހިއްޖެއެވެ. ރައުންޑް ރޮބިން އުސޫލުން ބާއްވާ މި މުބާރާތް ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 28 ގެ ނިޔަލަށެވެ. ރާއްޖެއާއެކު ޖުމުލަ ހަ ގައުމެއް މި މުބާރާތުގައި ވާދަކުރެއެވެ. އެއީ މުބާރާތް ބާއްވާ ބަންގްލަދޭޝް، ނޭޕާލް، ސްރީ ލަންކާ، ތުރުކުމެނިސްތާން އަދި އަފްގާނިސްތާނެވެ. ޑާކާ ސިޓީގެ ޝަހީދު ސުހްރާވަރްދީ އިންޑޯ ސްޓޭޑިއަމްގައި ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ރާއްޖެގަޑިން 16:30 ގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ބަންގްލަދޭޝްއާއެވެ. މުބާރާތުގައި ރާއްޖެ ކުޅޭ މެޗުތައް އެސްއެސްޓީވީން ވަގުތުން ގެނެސްދޭއިރު، އެހެން ގައުމުތައް ކުޅޭ މެޗުތަކާއެކު މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ. ކޯޗު މުހައްމަދު ޝަރަފްގެ އިރުޝާދުގެ ދަށުން ވޮލީޓީމު ޓްރެއިނިންތައް ފެށިއިރު، މި ފަހަރުގެ ސްކޮޑުން ވަނީ މުޅިން އަލަށް ޒުވާން ކުޅުންތެރިއެއް ކަމަށްވާ އިޔާން އަލީއަށް ފުރުސަތު ދީފައެވެ. ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އަލީ ހުޒާމް (ހުޒަންޓެ)އާއި ހުސެއިން ވިޝާމް (ބުޅިކެ) މި ފަހަރުގެ ސްކޮޑުގައި ހިމެނުނީ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހެވެ. ދެން މި ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ޒުވާން އުންމީދީ ތަރި ހުސެއިން ރަައްޒާނެވެ. މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމާއެކު ކުޅިވަރު ވަޒީރު، އެސޯސިއޭޝަނުގެ އިސްވެރިން-- ފޮޓޯ: ކުޅިވަރު ވުޒާރާ ދެން މި ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)، އާދަމް ފައިރޫޒް، ހުސެއިން ޝާހިދު (ޝާޑު)، ހުސެއިން ޔޫސުފް (ޓޯއި)، އަލީ ނިމާލް، ހަސަން ނިލާމް (ޕާޓޭ)، ޝަމާއިލް ހުސެއިން، މުހައްމަދު މިމްރާހު ހަސަން (މިންމި)، މުހައްމަދު ނައީމް (ނައިންޓޭ)، ޝާމިލް މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ