ފެނަކައިގެ އޮޑިޓް ރިޕޯޓް: ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން 1.3 ބިލިއަންގެ އެއްބަސްވުން ހެދި

ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން 1.3 ބިލިއަން ރުފިޔާގެ އެއްބަސްވުން ފެނަކަ ކޯޕަރޭޝަނުން ހަދާފައިވާ ކަމަށް އެ ކުންފުނީގެ ހާއްސަ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓް ރިޕޯޓް މިރޭ ވަނީ އާންމުކޮށްފަ އެވެ. އެ ރިޕޯޓްގައި އެ ކުންފުނިން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ މާލީ މުއާމަލާތްތަކާއި ގުޅޭ ތަފްސީލް ހިމަނާފައިވެ އެވެ. އެ ގޮތުން ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން 1.3 ބިލިއަން ރުފިޔާގެ އެއްބަސްވުން އެ މުއްދަތުގައި ހަދާފައިވާކަން ފާހަގަކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން މި މުއްދަތުގައި 2,239,640,958 (ދެ ބިލިއަން ދުއިސައްތަ ތިރީސް ނުވަ މިލިއަން ހަ ލައްކަ ސާޅީސް ހާސް ނުވަސަތޭކަ ފަންސާސް އަށެއް) ރުފިޔާގެ އެއްބަސްވުން ފެނަކައިން ހަދާފައިވެ އެވެ. އޭގެ ތެރެއިން 1,373,126,496 (އެއް ބިލިއަން ތިން ސަތޭކަ ހަތްދިހަ ތިން މިިލިއަން އެއް ލައްކަ ސައްބީސް ހާސް ހަތަރު ސަތޭކަ ނުވަދިހަ ހައެއް) ރުފިޔާގެ މުދަލާއި ހިދުމަތް ހޯދުމަށް ހަވާލުކޮށްފައި ވަނީ އާންމު ބީލަމުގެ އުސޫލުން ކަމަށް ވަނީ ބުނެފަ އެވެ.
މި އެއްބަސްވުންތައް ހެދީ ދެތީން ފަރާތަކުން އަގު ހޯދައިގެން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އޮޑިޓްގައިވާ ގޮތުން އާންމު ބީލަމުގެ އުސޫލުން ބޭރުން ހޯދާފައިވާ މުދަލާއި ހިދުމަތްތަކަށް ބަލާއިރު 439 އެއްބަސްވުމެއްގެ ދަށުން ހޯދި މުދަލާއި ހިދުމަތް ހިމެނެ އެވެ. އެއީ ކަރަންޓް ކޭބަލް ގަތުމާއި ޖަނަރޭޓަރު ސެޓްތައް ގަތުމާއި ޓްރާސްފޯމަރު ގަތުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ އެކި މަސައްކަތްތައް ހެދި އެއްބަސްވުން ކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މި ކަންކަމަށް މަގުފަހި ކުރުމަށް ކުންފުނީގެ އުސޫލުތަކަށް ބަދަލު ގެނެސް ގަވާއިދު ވެސް ވަނީ ބަދަލުކޮށްފައި ކަަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ