ޑީކޮމްޕްރެޝަން ޗެމްބާ ހަތް ރަށެއްގައި، އެމްއާރްއައި އަދި ސީޓީ މެސިން އަތޮޅު ހޮސްޕިޓަލްތަކަށް

މުޅި ރާއްޖޭގެ ސިއްހީ ދާއިރާގެ ބިނާރު ތަރައްގީ ކުރެއްވުމަށް، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ކުރެއްވުމަށް ނިންމަވާފައިވާ މުހިންމު މަސައްކަތްތަކެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިޢުލާން ކުރައްވައިފި އެވެ.
ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މާލެއިން ބޭރުގައި ބަހައްޓާ ފުރަތަމަ ޑީކޮމްޕްރެޝަން ޗެމްބާ، މާދަމާ ގުރައިދޫގައި އިފްތިތާހު ކޮށްދެއްވާނޭ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން -- 
އަދި، ޑީކޮމްޕްރެޝަން ޗެމްބާ ބެހެއްޓުމަށް ވައުދުވެވަޑައިގެންފައިވާ ސަރަޙައްދުތައް ކަމުގައިވާ، އައްޑޫ ސިޓީ، ފުވައްމުލައް، ވިލިގިލި، ރަސްދޫ، ތިނަދޫ، އަދި މާލޭގައި ގިނަވެގެން ހަތަރު މަސްދުވަހުގެ ތެރޭގައި، މި ޗެމްބަރުތައް ބެހެއްޓޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން -- 
މީގެ އިތުރުން، އެމްއާރްއައިގެ ހިދުމަތް ނެތް ހުރިހާ ޓާޝަރީ ހޮސްޕިޓަލެއްގައި، އެންމެ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ހިދުމަތް ގާއިމު ކުރައްވާނޭ ކަމަށް ވިދާޅުވި އެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި، ހުރިހާ އަރބަން ސެންޓަރެއްގައި ސީ.ޓީ މެޝިން ބަހައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން -- 
އަދި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި، 15 އަތޮޅު ހޮސްޕިޓަލެއްގައި، ދަތުގެ ފަރުވާގެ އެންމެ ފުރިހަމަ ސެޓަޕްތައް ގާއިމުކުރައްވާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ، ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން، ހިދުމަތްތައް ހޯދޭނޭ މަގު ފަހިކޮށްދެއްވައި، ހިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރައްވައި، ލާމަރުކަޒީ ސިޔާސަތު ތަންފީޒުކުރެއްވުން ކަމުގައި ރައީސް މިރޭ ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ