ނިއުކްލިޔާ ހަތިޔާރާ ނުލައި ދެން އީރާނަށް ރައްކާތެރިކަން ނުލިބޭނެ: އީރާން

ތެހެރާން (20 ސެޕްޓެމްބަރު 2025): ނިއުކްލިޔާ ހަތިޔާރާ ނުލައި ދެން އީރާނަށް އަމިއްލަ ނަފުސު ދިފާއު ނުކުރެވޭނެކަމަށް އީރާނުގެ ޕާލަމެންޓްގެ ނައިބު ރައީސް އަހްމަދު ނާދްރީ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާ ވާހަކަ ދައްކައިގެން އީރާނުގެ ނިއުކްލިޔާ މައްސަލައަށް ދުވަހަކު ވެސް ހައްލު ނުލިބޭނެއެވެ. ނިއުކްލިޔާ ޓެކްނޮލޮޖި ފަދަ ބާރުވެރި ޓެކްނޮލޮޖީ އީރާނުން ހޯދުމަށް އެގައުމުތަކުގެ ރުހުން ދުވަހަކުވެސް ނުލިބޭނެ ކަމަށް ނާދިރީ ވިދާޅުވިއެވެ. އީރާނުގެ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައި ނާދިރީ ވިދާޅުވީ އެމެރިކާއާއި ޔޫރަޕްގެ ވިސްނުންހުރީ ނިއުކްލިޔާ ޓެކްނޮލޮޖި ފަދަ ބާރުވެރި ހުރިހާ ޓެކްނޮލޮޖީއެއް ހުންނަންޖެހޭނީ ހަމައެކަނި ޔޫރަޕާއި އެމެރިކާއި އިސްރާއީލުގައި ކަމަށެވެ. އެއީ އީރާން ފަދަ ގައުމުތަކަށް ހައްގުވާ އެއްޗެއް ނޫންކަމުގައެވެ. މިފަދަ ޓެކްނޮލޮޖީ އަކީ އިސްލާމީ ގައުމަކަށް ނޫނީ ތަރައްގީވަމުން އަންނަ އޭޝިއާ އެފްރިކާ އަދި ލެޓިން އެމެރިކާގެ ގައުމަކަށް ހައްގު އެއްޗެއް ނޫންކަމުގައެވެ. ޚާއްސަކޮށް އިސްލާމީ ގައުމުތައް ނިއުކްލިޔާ ބާރުން ބާރުވެރިވުމަކީ އެމެރިކާއާއި ޔޫރަޕަށް ކެތްކުރެވޭނެ ކަމެއް ނޫންކަމަށް ނާދިރީ ވިދާޅުވިއެވެ. ނާދިރީ ވިދާޅުވިގޮތުގައި ހުޅަނގުން އިރާގާއި ލީބިޔާ އަށް ހަމަލާދީ އެދެގައުމު ހަލާކުކޮށްލައި މިލިޔަނުން މީހުން މަރައި އެގައުމުތަކުގެ ސައެންޓިފިކް ކުރިއެރުންތަކާއި ސައެންޓިސްޓުން މަރައި އެމީހުން ނައްތާލިގޮތަށް އީރާން އާމެދުވެސް އަމަލުކުރަން ނުވަތަ އެގޮތް އީރާނަށްވެސް ހަދާލަން އެމެރިކާއާއި ޔޫރަޕް އަދި އިސްރާއީލު އޮތީ ކެތްމަދުވެފައެވެ. އިސްރާއީލާއި އެމެރިކާ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްވެ ހަމަލާދީ އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓުން ޝަހީދުކޮށް ބޮޑެތި ގެއްލުންތަކެއް ދިނީ މި ބޭނުމުގައި ކަމަށާ ނަމަވެސް އެގައުމުތަކާ ޚިލާފަށް އީރާނުން އިސްރާއީލަށް ރައްދު ހަމަލާދީ އިސްރާއީލަށް ބޮޑެތި ގެއްލުންތައް ދޭން ފެށުމުން ހަމަލާތައް ހުއްޓާލަން މަޖުބޫރުވީކަމަށް އޭނާ ވިދާޅުވިއެވެ. ނާދިރީ ވިދާޅުވިގޮތުގައި މި ހަމަލާތަކުގެ އަލީގައި އީރާނުގެ ކުރިމަތީގައި އޮތް ހަމައެކަނި ޗޮއިސް އަކީ ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާ (އެންޕީޓީ) އިން ވަކިވުމަށްފަހު ނިއުކްލިޔާ އެންބިގުއިޓީ ޕޮލިސީއެއް (ނިއުކްލިޔާ ވާނުވާ ނޭންގޭ ޕޮލިސީއެއް) ގެންގުޅެން ފެށުންކަމުގައެވެ. އީރާނަކީ ބޭނުންވެއްޖެ ހާލަތެއްގައި ދުވަސްކޮޅެއްގެ ތެރޭގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ހުރިގައުމަކަށްވާއިރު އެންޕީޓީން ވަކިވެއްޖެނަމަ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ބަލައި ފާސްކުރުމުގެ ފުރުސަތު ގެއްލިގެން ދިޔުމުން އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދާކަން ނުވަތަ ނޫންކަން ނޭންގޭ ހާލަތަަކަށް ދާނެކަމަށް އޭނާ ވިދާޅުވިއެވެ. މިހާލަތު ދަންމާލުމަށްފަހު ޕާކިސްތާނާއި ނޯތު ކޮރެއާ އަމަލުކުރި ގޮތަށް ދަނޑިވަޅު ބަލާފައި އީރާނަށް ނިއުކްލިޔާ ތަޖުރިބާތަކެއް ކުރެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ. ނިއުކްލިޔާ ހަތިޔާރާއި ނުލައި ދެން އީރާނަށް އަމިއްލަ ނަފްސު ދިފާއު ނުކުރެވޭނެކަމަށް ނާދިރިީ ވިދާޅުވިއެވެ. ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާ (އެންޕީޓީ) ން ވަކިވުމާބެހޭ ބިލެއް އީރާނުގެ ޕާލަމެންޓަށް ދާދިފަހުންވަނީ ހުށަހަޅާފައެވެ. މިބިލް ފާސް ނުކޮށް އަދި ބާއްވަނީ 2015 ވަނަ އަހަރު ދުނިޔޭގެ ބޮޑު 5 ބާރާއި ޔޫރަޕްގެ އިއްތިހާދުން އީރާނާއެކު ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމުގެ މުއްދަތު ހަމަވާން ގާތްވެފައިވާތީ ކަމަށްވަނީ ބެލެވިފައެވެ. މި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މި މުއްދަތުގެ ކުރިން އީރާން "އެންޕީޓީ" ން ވަކިވެއްޖެނަމަ އދ. މެދުވެރިކޮށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތުމަކީ މިކަމަށް އީރާން ފަސްޖެހޭ މައިގަނޑު ސަބަބުކަމަށްވަނީ ބެލެވިފައެވެ. ނަމަވެސް ޔޫރަޕްގެ ބާރުތަކާއި އެމެރިކާ މަސައްކަތް ކުރަނީ އީރާން "އެންޕީޓީ" ން ވަކިނުވިނަމަވެސް އެމުއްދަތުގެ ކުރިން އދ. މެދުވެރިކޮށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އެޅުމަށެވެ. "އެންޕީޓީ" ވަކިނުވެ އަދި ނިއުކްލިޔާ އެއްބަސްވުމާ އީރާން ޚިލާފު ނުވާހާ ހިނދަކު އދ. މެދުވެރިކޮށް އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަލުން ނޭޅޭނެކަމަށް ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ރަޝިއާއާއި ޗައިނާ ބުނެއެވެ. އެގޮތަށް ކަންތައް ކޮށްފިނަމަ އެއީ ޣައިރު ގާނޫނީ އަމަލެއްކަމަށް ބަލައި އެކަން ގަބޫލު ނުކުރާނެކަމުގެ އިންޒާރު ރަޝިއާއާއި ޗައިނާ ވަނީ އެމެރިކާއާއި ޔޫރަޕަށް ދީފައެވެ. އީރާން ބުނާގޮތުން އދ. މެދުވެރިކޮށް ދަތިކުރުމުގެ ފިޔަވަޅު އެޅިޔަސް އީރާނަށް ވާނެ އިތުރު ގެއްލުންތަކެއް ނެތެވެ. އެއީ އދ. ން އުވާލި ފިޔަވަޅުތައް އެމެރިކާއާއި ޔޫރަޕް ގުޅިގެން އަލުން އީރާނާ ދެކޮޅަށް އަޅާފައިވާތީއެވެ. އީރާނުގެ ޕާލަމެންޓްގެ ގާތްގަނޑަކަށް ހުރިހާ މެންބަރުންވެސްވަނީ ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާ (އެންޕީޓީ) ން ވަކިވުމަށްފަހު ނިއުކްލިޔާ ގޮތްނޭންގޭ ޕޮލިސީ އެއް (އެންބިގުއިޓީ) ޕޮލިސީއެއް އީރާން ގެންގުޅެން ގޮވާލައި އެކަމަށް ތާއީދު ކުރާކަން ހާމަ ކުރައްވާފައެވެ. އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީގެ އިނިސްޕެންޓަރުން އީރާނުގެ ނިއުކްލިޔާ ސައިޓްތަކަށް ވަނުމުގެ ފުރުސަތު ދޭން އީރާނަށް މަޖުބޫރުވަނީ މި މުއާހަދާގައި ބައިވެރިވެފައިވާތީއެވެ. މި މުއާހަދާއިން ވަކިވެއްޖެނަމަ އީރާނުގެ ނިއުކްލިޔާ ސައިޓްތަކަށް ވަދެ އެތަންތަން ބަލައި ފާސްކުރުމުގެ ގާނޫނީ އިޚްތިސާސް އާއި މެންޑޭޓް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީއަށް ގެއްލިގެންދާނެއެވެ. އީރާނުގެ ނިއުކްލިޔާ ސައިޓްތަކުގެ ހަގީގަތްތައް އެމެރިކާއާއި އިސްރާއީލަށް ފޯރުކޮށްދީ އެދެގައުމަށް ޖާސޫސުކޮށްދެނ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ބަލައި ފާސްކުރާ އިނިސްޕެކްޓަރުން މެދުވެރިކޮށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ ގެ އިސްވެރިންކަމަށް އީރާނުން ތަކުރާރުކޮށް ބުނެއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ދިން ހަމަލާތަކަށްފަހު އީރާން ވަނީ އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީގެ ހުރިހާ އިނިސްޕެންޓަރުން ވަގުތީގޮތުން އެގައުމުން ބޭރުކޮށްލާފައެވެ. ނަމަވެސް ދާދިފަހުން އީރާންވަނީ އިނިސްޕެކްޓަރުން އަލުން އައިސް މަސައްކަތް ފެށުމުގެ ވަގުތީ އެއްބަސްވުމެއްގައި އެއެޖެންސީ އާއެކު ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި އެމެރިކާއާއި އިސްރާއީލު ހަމަލާދިން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިނިސްޕެކްޓަރުން ވަނުމުގެ ހުއްދަ ދީފައެއް ނުވެއެވެ. އދ. މެދުވެރިކޮށް އީރާނާ ދެކޮޅަށް އަލުން ފިޔަވަޅުތައް އަޅާނެކަމުގެ ބިރު އެމެރިކާއާއި ޔޫރަޕުން ދައްކަނީ މިކަމާ ގުޅިގެންނެވެ. އެމެރިކާއާއި އިސްރާއީލު ހަމަލާދިން އީރާނުގެ ސައިޓްތަކަށް އިނިސްޕެކްޓަރުން ވެއްދުމުގެ ފުރުސަތު އީރާނުން ނުދޭތީ އެކަމަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުންނެވެ. ބޭނުމަކީ ހަމަލާތަކުގައި ލިބިފައިވާ ގެއްލުންތަކުގެ މިންވަރާއި އެކަމުގެ މައުލޫމާތު އިނިސްޕެކްޓަރުން މެދުވެރިކޮށް އެމެރިކާއާއި އިސްރާއީލަށް ލިބޭނެ މަގު ތަނަވަސް ކުރުންކަމަށް ބުނެ އީރާން ވަނީ މިކަމަށް ފުރުސަތު ނުދޭނެކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ