ހދ. ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ބީޗްހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ހަތަރު ވަނަ މެޗުގައި، ވާދަވެރި ކުޅުމަކަށް ފަހު ބަންގްލަދޭޝް އަތުން ބަލިވެއްޖެ އެވެ.
ރާއްޖޭން މި މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން ސްރީ ލަންކާ އާއި ދެކުނު އެފްރިކާ އަތުން މޮޅުވި ނަމަވެސް، ދެން ކުޅުނު ދެ މެޗުން މި ވަނީ ޕާކިސްތާނާއި ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ. ރޭ ޕާކިސްތާން އަތުންނާއި މިއަދު ބަންގްލަދޭޝް އަތުން ބަލިވީ ޕެނަލްޓީ ޝޫޓްއައުޓްގަ އެވެ.
ހަ ގައުމުގެ މެދުގައި ކުރިއަށްދާ މި މުބާރާތުގައި، މިއަދު ހަވީރު، ކުޅުނު މެޗުގައި ފުރަތަމަ ސެޓު ގެންދިޔައީ ރާއްޖޭންނެވެ. ދިވެހި ޓީމުން ވަރުގަދަ ރޫހެއްގައި ކުޅެލި މި ސެޓުގައި، އެ ޓީމުގެ އަހުމަދު ރަޒްނީ މުހައްމަދު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ސެޓް ރާއްޖޭން ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 20-14 ގެ ނަތީޖާއަކުންނެވެ.
ދެ ވަނަ ސެޓުގައި، ދެ ޓީމުގެ ފަރާތުން ގިނަ މައްސަލަތަކެއް ފެނިގެންދިޔައިރު، ރާއްޖޭގެ ކުޅުންތެރިންގެ މެޗު ކޮންސަންޓްރޭޝަން ނަގާލުމަށް ބަންގްލަދޭޝް ކުޅުންތެރިންނާއި އޮފިޝަލުންގެ ފަރާތުން ގިނަ ހަރަކާތްތަކެއް ފެނިގެންދިޔަ އެވެ. އަދި، މުހިންމު ވަގުތުތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ޕްރެޝަރު ކުރިމަތިކުރުވައި، މި ސެޓުގެ ކުޅުން ދިގުވެގެންދިޔައިރު، ބަންގްލަދޭޝް އިން 16-19 އިން ސެޓު ގެންގޮސް، ނަތީޖާ ނެރެން ޕެނަލްޓީ ޝޫޓައުޓް އަށް ދިޔަ އެވެ. ޝޫޓްއައުޓް ސެޓުގައި، ބަންގްލަދޭޝް އިން ކުރީކޮޅުގައި ލީޑެއް ނަގައި، 6-7 ގެ ނަތީޖާއަކުން މެޗުން މޮޅުވި އެވެ.
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުޅޭ ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއް ވަނަ ޓީމާއި ހަތަރު ވަނަ ޓީމު ވާދަކުރާނެ އެވެ. ސެމީގެ ދެ ވަނަ މެޗުގައި ވާދަކުރާނީ ލީގު ބުރުގެ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމެވެ. އެ އަށް ފަހު ސެމީ ފައިނަލުގެ ދެ މެޗުން ބަލިވާ ޓީމުތަކުގެ މެދުގައި ތިން ވަނަ ހޮވާ މެޗެއް ކުޅޭއިރު، ލީގު ބުރުގެ ފުލަށް ދާ ދެ ޓީމުގެ މެދުގައި ރޭންކިން މެޗެއް ކުޅޭނެ އެވެ.
ސެމީ ފައިނަލުގެ ޖާގަތައް ކަނޑައެޅިގެންދާނީ، މިރޭ ކުޅޭ ލީގު ބުރުގެ ފަހު ތިން މެޗަށް ފަހު އެވެ. މިރޭ، 20:00 ގައި ބަންގްލަދޭޝާއި ޕާކިސްތާނުން އެއް ވަނަ މަގާމަށް ވާދަކުރާ މެޗުުގައި ކުޅޭއިރު، 21:00 ގައި، ލަންކާ އާއި ދެކުނު އެފްރިކާ ކުޅޭނެ އެވެ. އަދި، ލީގު ބުރުގެ ފަހު މެޗުގައި، މިރޭ، 22:00 ގައި ރާއްޖޭން ކުޅޭނީ އިންޑިއާއާ އެވެ.
ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް: ރާއްޖެ އަތުން ބަންގްލަދޭޝް އަށް މޮޅެއް ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް: ރާއްޖެ އަތުން ބަންގްލަދޭޝް އަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ