ރަކީދޫގެ ގިނަ ރައްޔިތުން ބޭނުމީ މާލެ ކައިރި ރަށަކަށް ބަދަލުވާން

ވ. ރަކީދޫގައި މިވަގުތު ތިބި ގިނަ މީހުން ބޭނުންވަނީ އެހެން ރަށަކަށް ހިޖުރަކުރުމަށް ކަން އެ ރަށު ރައްޔިތުން ހާމަކޮށްފި އެވެ.ރައީސް މުއިއްޒު ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަކީދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުން އެ ރަށުގެ ރައްޔިތުން ވަނީ އެހެން ރަށަކަށް އާބާދީ ބަދަލުވުމަށް އެދޭކަން ހާމަކޮށްފަ އެވެ.ރައްޔިތުންގެ މި ހުށައެޅުމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އާބާދީއާއި ތަރައްގީ އެއްފަސްކުރުމަށް އަދުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިކަމުގައި ގޮތެއް ނިންމަވާނީ، ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެން ކަމަށެވެ. އަދި އެގޮތަކީ، ރަށުގެ އާބާދީގެ އެންމެ މަދުވެގެން 80 އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ވާންޖެހޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ."ރަށުގައި އުޅޭ މީހުން އެކަންޏެއް ނޫން. ރަށުން ބޭރުގަ އުޅޭ ރަށުގެ ރައްޔިތުންގެ ޚިޔާލުވެސް ހޯދާނަން. ބޭނުންވަނީ ހަމައެކަނީ މެޖޯރިޓީ 50 ޕަސެންޓެއް ނޫން. 80 ޕަސެންޓުގެ ތާޢީދާއެކު މީހުން ބަދަލުކުރުމަށް." ރައީސް ވިދާޅުވިއެވެ.ރައީސް ވަނީ، ރަކީދޫން އެހެން ރަށަކަށް މީހުން ހިޖުރަކުރި ނަމަވެސް، އެ ރަށުގައި ފަށާފައިވާ ގެސްޓްހައުސްގެ ވިޔަފާރި ހުއްޓާލަން ނުޖެހޭނެކަމުގެ ޔަގީންކަން ދެއްވައިފަައެވެ. މިވަގުތު ދެ ގެސްޓްހައުސް ހިންގަމުން އަންނަ ރަކީދޫގައި އިތުރު މަސައްކަތްތަކަށް ވެސް ބިންތައް ގެންދަނީ ދޫކުރަމުންނެވެ.ފާހަގަކުރެވޭ ގޮތުގައި ގާތްގަނޑަކަށް 360ގެ އާބާދީއެއް އޮންނަ ރަކީދޫގައި މިވަގުތު ދިރިއުޅެނީ 61 މީހުންނެވެ. އެ ރަށުގެ ބޮޑު އާބާދީއަކީ އުމުރުން ދުވަސްވީ މީހުންނެވެ.ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަނީ އެ ރަށުން މީހުން ބަދަލު ކުރުމުގެ ބަދަލުގައި ރަށުގައި ބަނދަރަކާއި ސްކޫލެއް އިމާރާތް ކޮށްފައެވެ. ބޮޑު އެ ސްކޫލުގެ ކިޔެވުން ފެށީ ތިން ދަރިވަރުންނާއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ