ޑޮލަރާއެކު ޓިކެޓުގެ އަގު ވެސް އުފުލި، ދަތުރުކުރާ މީހުންގެ އަދަދު މަދުވެއްޖެ
ރާއްޖޭގައި ޑޮލަރުގެ އަގު އުފުލެމުން އަންނައިރު، ވައިގެ ދަތުރުފުރަށް ނަގާ ޓިކެޓުގެ އަގު ވެސް ބޮޑުވެ، ދަތުރުކުރާ މީހުންގެ އަދަދު މަދުވެއްޖެއެވެ. ބޭންކު ރޭޓުގައި ޑޮލަރެއް އަދިވެސް ލިބެނީ 15.42އަށް ނަމަވެސް، އެންމެ ގިނަ ބަޔަކު ޑޮލަރު ހޯދާ ގޮތް ކަމަށްވާ ކަޅު ބާޒާރުގައި ޑޮލަރެއް ލިބެނީ 20 ރުފިޔާއަށް ވުރެ ބޮޑުކޮށެވެ. ޑޮލަރުގެ އަގު އުފުލުމުގެ އަސަރު އެކި ވިޔަފާރިތަކަށް ކުރަމުން އަންނައިރު، ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ކުރިއާއަޅައިބަލާއިރު މިހާރު ޓިކެޓުތަކުގެ އަގުތައް ވެސް ބޮޑުކަން ފާހަގަކޮށްފައެވެ. އަންނަ ހަފުތާއަކީ ސްކޫލުތަކަށް ޓާމުގެ މެދުތެރެއިން ލިބޭ ޗުއްޓީއެކެވެ. އެފަދަ ޗުއްޓީތަކުގައި ދިވެހީން އާންމު ގޮތެއްގައި ބޭސްފަރުވާއަށް ފަދަ ޒަރޫރީ ބޭނުންތަކަށް ދަތުރުތައް ކުރާއިރު، ޓިކެޓުގެ އަގު ބޮޑުވުމުން އެފަދަ ދަތުރުތައް ވެސް ކުރަން ފަސްޖެހޭ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން ސުވާލުކުރުމުން، ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވެލް އޭޖެންސީ އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު 'ސަން'އަށް ވިދާޅުވީ، ޓިކެޓުގެ އަގުތައް ބޮޑުވެފައިވާކަން އޭނާއަށް ވެސް ފާހަގަކުރެވޭ ކަމަށެވެ. ފިރާގު ވިދާޅުވި ގޮތުގައި، ކުރިއާ އަޅައިބަލާއިރު، މިހާރު ޓިކެޓެއްގެ އަގުވަނީ ވިއްސަކަށް އިންސައްތަ ބޮޑުވެފައެވެ. މަތިންދާބޯޓެއް ޖައްސަން އަންނައިރު، އެއާޕޯޓުގެ ދެ މުވައްޒަފުން ރަންވޭ މަތީގައި: އެއާލައިން ޓިކެޓެއްގެ އަގު ވަނީ ބޮޑުވެފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން އެކަން ދިމާވާ ސަބަބު ވެސް ފިރާގު ތަފުސީލުކޮށްދެއްވިއެވެ. އެގޮތުން، އެއާލައިންތަކުން މުއާމަލާތު ކުރަނީ ޑޮލަރުން ކަމަށްވާއިރު، ދިވެހި އޭޖެންޓުން އެ ފައިސާ ހޯދަން ޖެހެނީ ކަޅު ބާޒާރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެއާލައިންތަކަށް ޑޮލަރުން ފައިސާ ދައްކަންވީމަ އެ ތަފާތު މި އަންނަނީ. 20 ވަރަކަށް ޕަސެންޓުގެ ބޮޑުވުމެއް އުޅޭ އާންމުކޮށް. ވަކި ޚާއްސަ އިނާޔަތްތަކެއް ވިޔަފާރިތަކަކަށް ނޯވޭ. އަދި އެއާލައިންތަކަށް މާ އުނދަގޫ ބޭރު ފައިސާ ހޯދަންއިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ހަމައެއާއެކު، ރާއްޖެއިން ބޭރަށް ފުރާ ކޮންމެ މީހަކަށް ނަގާ ޓެކްސްއާއި މީރާއިން ނަގާ އެފަދަ އެހެނިހެން ޓެކްސް ދައްކަން ޖެހެނީ ވެސް ޑޮލަރުންކަން ފާހަގަކުރައްވައި، އެ ޑޮލަރު ހޯދުމަކީ ދިމާވާ ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކުރިއާ އަޅައިބަލާއިރު މީހުން ވައިގެ ދަތުރުފަތުރު ކުރާ މިންވަރު ވެސް މަދުވެފައިވާކަން ފާހަގަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކުރިން އާންމު ވިޔަފާރިވެރިން ވެސް ގިނައިން ދަތުރުކުރާ ކަމަށާއި ނަމަވެސް އެފަދަ ދަތުރުތައް މަދުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅިގެން، ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޮފިޝަލަކާ ވެސް 'ސަން'އިން ސުވާލުކުރުމުން ވިދާޅުވީ، މި އަހަރު ތެރޭގައި ޓިކެޓުގެ އަގު ބޮޑުވެފައިވޭތޯ ޖެހޭނީ ބަލަން ކަމަށެވެ. ނަމަވެސް، ވަރަށް ފަހުން ބައެއް ދަތުރުތަކަށް އެ އެއާލައިނުން އަގުހެޔޮ ޕެކްތަކެއް ތައާރަފުކޮށްފައިވާކަން އޮފިޝަލް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ދަރަނި ބޮޑުވުމުން ދައުލަތުން ޑޮލަރުގެ އާމްދަނީ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ދިވެހީން ހިމެނޭ ގޮތަށް، ރާއްޖެއިން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސްވަނީ މިދިޔަ ޑިސެންބަރު މަހު ބޮޑުކޮށްފައެވެ. މީގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ޑޮލަރު ވައްދައިދޭ ދާއިރާ ކަމަށްވާ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކޮށް، މަރުކަޒީ ބޭންކަށް އޭގެ ތެރެއިން ގިނަ ޑޮލަރު ދަނީ ނަގަމުންނެވެ. ސަރުކާރުން އަޅާ ފިޔަވަޅުތަކާއެކު، ޑޮލަރުގެ އަގު ވެއްޓޭނެ ކަމަށް ބުނި ނަމަވެސް، ޑޮލަރުގެ އަގު ދަނީ އަދިވެސް އުފުލެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ