މީޑިއާ ބިލަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: ބާ ކައުންސިލް

މީޑިއާ ރެގިއުލޭޓުކުރުމުގެ ނަމުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް، މީޑިއާގެ ކަމާބެހޭ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ބޮޑެތި އިސްލާހުތަކެއް ގެންނައުމަށް ބާ ކައުންސިލުން ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - ނޫސްވެރިކަމާއި މީޑިއާތަކާއި ސޯޝަލް މީޑިއާގައި ފާޅުކުރާ މިނިވަން ހިޔާލުތަކަށް ވަރަށް ބޮޑަށް ހުރަސްއެޅޭގޮތަށް ފަރުމާކޮށްފައިވާ ބިލު، އާ އިސްލާހުތަކާއެކު އެ ބިލު ދިރާސާކުރާ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
މަޖިލިސް ޗުއްޓީގައި އޮއްވާ އަވަސްއަރުވާލައިގެން މި ބިލު ކޮމިޓީން ފާސްކުރިއިރު ދައުރުން ބޭރު ޖަލްސާއެއް މާދަމާ ބޭއްވުމަށްވެސް މިހާރު ވަނީ ނިންމާފަ އެވެ. މިއަދު ކޮމިޓީން މި ބިލު ފާސްކުރިއިރު ވެސް ބިލުގައި ހުރި ކަންބޮޑުވާ މާއްދާތަކަށް ހައްލު ލިބިދީފައި ނުވާއިރު، މާދަމާ ޖަލްސާގައި މި ބިލު ފާސްކޮށްފާނެކަމުގެ ކަންބޮޑުވުންތައް ނޫސްވެރިން ދަނީ ފާޅުކުރަމުންނެވެ.
ތަފްސީލް - ބާ ކައުންސިލުން މިރޭ 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ބިލަށް އެ ކައުންސިލުގެ ހިޔާލު ހުށަހަޅާފައިވާނެ ކަމަށެވެ. ބާ ކައުންސިލުން ބުނީ:
ލީގަލް ރިފޯމް އެންޑް ރިސާޗް ކޮމިޝަން (އެލްއާރްއާރްސީ)ގެ ހުށަހެޅުންތަކާ އެއްގޮތްވާގޮތުގެ މަތިން ގާނޫނުއަސާސީއާ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭ
ބިލު ފާސްކުރުމުގެ ކުރިން މީޑިއާގެ ކަމާބެހޭ ފަރާތްތަކާއިއެކު ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށް އަދި ބިލަށް އާންމުންގެ ހިޔާލު ހުށަހަޅަން އެކަށީގެންވާ ވަގުތު ދިނުމަށް މަޖިލީހަށް ގޮވާލަން
އެނގުން މުހިންމު - ނޫސްވެރިންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބިލު ބޭރުކުރަން ގޮވާލަމުން ދަނިކޮށް، ބިލަށް ކުދިކުދި އިސްލާހުތަކެއް ގެނެސް ކޮމިޓީން މިއަދު ފާސްކުރިއިރު، އެ ބިލަށް އަަލަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި އޮތީ ބިލާ މެދު އިތުރަށް ކަންބޮޑުވާން ޖެހޭ ގޮތަށެވެ.
އޭގެ ތެރޭގައި، މި ބިލުގެ ދަށުން އުފައްދާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން'ގެ މެންބަރުން އައްޔަންކުރަން ރައީސްއަށް ބާރުދީފައި އޮތް އޮތުން އުނިކުރުމަށް ފަހު، އެ ބާރު މަޖިލީހަށް ލިބޭ ގޮތަށް އިސްލާހު ގެނެސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ