ކްލަބް އީގަލްސް އަތުން 2-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް ހަ ވަނަ ފަހަރަށް ހޯދައިފި އެވެ.
އެންމެ ގިނަ ފަހަރު ޝީލްޑް އުފުލާލުމުގެ ރެކޯޑް އޮތް މާޒިޔާ އިން ވަނީ 2015، 2016، 2017، 2021، 2023 އަދި 2025 ވަނަ އަހަރު ޝީލްޑް ހޯދައިފަ އެވެ. އެންމެ ފަހުން ހަތަރު ފަަހަރު ވެސް ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އިން ކުޅުނެވެ. ދެ ފަހަރު އީގަލްސް ބަލިކުރިއިރު، އެއް ފަހަރު ވެލެންސިއާ އަތުން މޮޅުވި އެވެ. މާޒިޔާ ބަލިވީ 2020 ވަނަ އަހަރު އީގަލްސް އަތުން 3-2 އިންނެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗަށް ނުކުތްއިރު، އަނިޔާގެ ސަބަބުން މާޒިޔާގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ނުކުޅެ އެވެ. ދެ ޓީމުގެ ފަރާތުން ލިބޭ ފުރުސަތުތަކުގައި އެޓޭކް ކުރެވޭތޯބަލަމުންދިޔައިރު، ލިބޭ ފުރުސަތުތަކުގައި ރަނގަޅަށް ބޭނުންހިފޭ ގޮތް ނުވި އެވެ.
މާޒިޔާ އިން ލީޑުނެގީ 45 ވަނަ މިނިޓްގައި، އަހުމަދު އައިހަމް (ފަތޯ) ޖެހި ގޯލުންނެވެ. އީގަލްސްގެ މިޑްފީލްޑް ލައިނުތެރެއިން ބޯޅަ ނަގައިފައި، އޭރިއާ ރޮނގުކައިރިން އައިހަމް ފޮނުވާލި ބޯޅަ ގޯލަށް ވަނީ، އޭރިއާތެރޭގައި ހުރި އީގަލްސް ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ.
އީގަލްސް އިން ދެ ވަނަ ހާފު ފަށައިގެން ބޯޅަ ހިފަހައްޓައިގެން ކުޅެ، ލަނޑު ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ އެވެ. އެކަމަކު، މާޒިޔާ ޑިފެންޑަރުން ދިޔައީ އީގަލްސްގެ އެޓޭކްތައް ހުއްޓުވުމުގައި ކާމިޔާބު ހޯދަމުންނެވެ. އީގަލްސް ކޮޅަށް މާޒިޔާ އިން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 66 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، ނާއިޒު ހަސަން (ދާދު) އެވެ. އައިހަމް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ އީގަލްސްގެ ކީޕަރު، މުހައްމަދު އަޝްވާން އަތުގައި ނުޖެހި ދިޔަ ވަގުތު ދާދު ވަނީ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.
މިއީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަހުން އީގަލްސްގެ ސީނިއާ ޓީމު ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. މާޒިޔާ އިން ވަނީ އެފްއޭއެމް އިން މެއި މަހު ބޭއްވި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި، މި ފަހަރުގެ ސީޒަން މި ފެށީ ޝީލްޑް ކާމިޔާބުކޮށްގެންނެވެ.
ޗެރިޓީ ޝީލްޑް ކާމިޔާބުކުރުމުން، މާޒިޔާ އަށް ލިބުނު އިނާމު ފައިސާގެ ގޮތުގައި ލިބުނު 100،000 ރުފިޔާގެ ތެރެއިން ވަކި ޕަސެންޓެއް އެ ކްލަބުން ވަނީ ބީވިޒަމް (ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް) އަށް ދޭން ނިންމައިފަ އެވެ.
ތިން ދުވަސް ފަހުން ފަށާ ދިވެހި ޕްރިމިއާ ލީގުގެ މެޗުގައި ވެސް މާޒިޔާ އިން ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.
އީގަލްސް ބަލިކޮށް މާޒިޔާ އިން ހަ ވަނަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލައިފި އީގަލްސް ބަލިކޮށް މާޒިޔާ އިން ހަ ވަނަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ