އެމްޑީޕީ ޕީޖީ މުޒާހަރާގައި ފުލުހުންގެ ސަފުތައް ފޫ އަޅުވާލުމުން ހޫނުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ، ވެރިކަން ކުރާ ޕީއެންސީން މާދަމާ ފާސްކުރަން މަސައްކަތް ކުރަމުންދާ މީޑިއާ ކޮންޓްރޯލް ބިލު ބޭރުކުރުމަށް ގޮވާލައި، އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕް (ޕީޖީ)ން ބޭއްވި މުޒާހަރާގައި ފުލުހުންގެ ސަފުތައް ފޫއަޅުވާލައިފިއެވެ. ޓްރެފިކް ބޮޑު ޗާންދަނީ މަގުގައި ބޭއްވި އެ މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)ގެ އިތުރުން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހިމެނެއެވެ. މީޑިއާ ބިލާ ދެކޮޅަށް ޒުވާނުން މުޒާހަރާއަށް ނިކުތުމަށް ގޮވާލައްވައި، ނާޒިލް ވިދާޅުވީ، މީޑިއާތައް ކޮންޓްރޯލް ކުރަނީ ވައްކަންތަކުގެ ވާހަކަތައް ދައްކާތީ ކަމަށެވެ. https://x.com/sunbrk/status/1967640881017872464 "މި ކުރާ ވައްކަމަށް އަޅުގަނޑުމެން ޖާގަ ދޭން ޖެހޭތޯ. ނުޖެހޭ ދޭކަށް. ރައްޔިތުން މިރެއިން މިރެއަށް މިކަން ނިންމާލަން ޖެހޭ. ރައްޔިތުން ނިކުންނަންވީ. މީޑިއާ ބިލާ އެކީގައި ރައްޔިތުން ނިކަމެތިވާނީ. މިކަން ހުއްޓުވަން ޖެހޭ،" ނާޒިލް ވިދާޅުވިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން މުޒާހަރާގައި ވާހަކަދައްކަވަނީ: އެ މުޒާހަރާއަށް ގިނަ ބަޔަކު ނިކުންނަން އެޕާޓީން އަންނަނީ ގޮވާލަމުން--- ސަން ފޮޓޯ/ މޫސާ ނަދީމް އޭނާ ވިދާޅުވީ މިހާރު އޮތީ ނާގާބިލު ސަރުކާރެއް ކަމަށާއި މީޑިއާ ބިލު ފާސްކުރުމުން ރައްޔިތުން އިތުރަށް ނިކަމެތިވާނެ ކަމަށް ވިދާޅުވެފައެވެ. މުޒާހަރާއާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވިއިރު، މީޑިއާ ބިލު ބޭރު ކުރުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފައެވެ. މުޒާހަރާގެ ވަކި ހިސާބަކުން، މުޒާހަރާގެ ބައިވެރިން ހިނގަން ފަށައި، ފުލުހުންގެ ސަފުތައް ފޫއަޅުވާލިއެވެ. އެ ހިސާބުން ބައެއް މީހުންގެ ފަހަތުން ފުލުހުން ދާ މަންޒަރާއި، އެ މީހުން ހުއްޓުވަން އުޅޭ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެނެއެވެ. ފާހަގަކުރެވޭ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަޑުއަހަން ގޮސް ތިބި ބައެއް ނޫސްވެރިންނާއި އާންމުން އިހުތިޖާޖުކުރަމުންދަނިކޮށް، މީޑިއާ ކޮންޓްރޯލް ބިލަށް ބައެއް އިސްލާހުތައް ގެނައުމަށް ފަހު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. https://sun.mv/211356 ބިލު ހުށަހެޅި ދުވަހުން ފެށިގެން ނޫސްވެރިން އަންނަނީ ބިލު ބޭރުކޮށްލަން ގޮވާލާ އިހުތިޖާޖުކުރަމުންނެވެ. ޕީއެންސީގެ މަޖިލިސް މެންބަރަކު ވަނީ މާދަމާ ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ޖަލްސާއަށް މީޑިއާ ބިލު ހުށަހަޅައި ފާސް ކުރަން އެ ޕާޓީން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ