މަޝްހޫރު ފެޝަން ބްރޭންޑް އަރްމާނީގެ ބާނީ ޖޯޖިއޯ އަރްމާނީ މަރުވެއްޖެ

ދުނިޔޭގެ މަޝްހޫރު ފެޝަން ބްރޭންޑެއްކަމަށްވާ "އަރްމާނީ"ގެ ބާނީ ޖޯޖިއޯ އަރްމާނީ މިރޭ މަރުވެއްޖެއެވެ. އަރްމާނީ ގްރޫޕުން ނެރުނު ބަޔާނެއްގައިވާ ގޮތުން އޭނާ މަރުވީ، އޭނާގެ އާއިލާ މީހުން ކައިރީގައެވެ. މަރުވިއިރު އޭނާގެ އުމުރަކީ 91 އަހަރެވެ. އަރްމާނީ ގްރޫޕުން ބުނީ އޭނާގެ އުމުރުގެ ފަހު ދުވަސްތަކާ ހަމައަށް ވެސް ކުންފުނީގައި ހަރަކާތްތެރިވެ، ކަލެކްޝަންތަކާއި ކުރިއަށް ހުރި މަސައްކަތްތައް ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ފަހުން ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ޖޫން މަހު އޮތް މިލާން މެންސް ފެޝަން ވީކުގައި އަރްމާނީ ބައިވެރިނުވެއެވެ. މިއީ އޭނާގެ 50 އަހަރުގެ ކެރިއަރުގައި އޭގައި ބައިވެރިނުވި ފުރަތަމަ ފަހަރެވެ. ނަވާރަސަތޭކަ ތިރީސް ހަތަރުވަނަ އަހަރުގެ ޖުލައި 11 ވަނަ ދުވަހު އިޓަލީގެ ޕިއަޗެންޒާގައި އުފަންވި އަރްމާނީ، ފުރަތަމަ ކިޔެވީ މެޑިސިންއެވެ. އޭގެ ފަހުން 1960ގެ އަހަރުތަކުގައި ނީނޯ ޗެރޫޓީގެ ވިންޑޯ ޑްރެސަރެއްގެ ގޮތުގައާއި ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތްކުރުމަށްފަހު ފެޝަން ދާއިރާއަށް ވަނެވެ. އަދި 1975 ގައި އާކިޓެކްޓެއް ކަމަށްވާ ސާޖިއޯ ގަލެއޮޓީއާއެކު ޖޯޖިއޯ އަރްމާނީ އެސްޕީއޭ އުފެއްދިއެވެ. އަރްމާނީއަކީ މުލައިމު، ސްޓްރަކްޗާ ނެތް ޓެއިލަރިންގެ އައު ގޮތެއް ތަޢާރަފުކުރި މީހެކެވެ. އޭނާގެ ޑިޒައިންތަކަށް ދުނިޔޭގެ މަޝްހޫރުކަން ލިބުނީ ހޮލިވުޑް މެދުވެރިކޮށެވެ. އެގޮތުން އެމެރިކަން ޖިގޮލޯ (1980) ފަދަ ފިލްމުތަކުގައި ތަރިންނަށް ހެދުން ފަރުމާކޮށްދިނުމާއި ރެޑް ކާޕެޓްތަކުގައި ސެލެބްރިޓީ ފެޝަން އިތުރަށް ފުރިހަމަކުރުން ހިމެނެއެވެ. އަރްމާނީގެ ވިޔަފާރި، ފެޝަން ޑިޒައިންއަށްވުރެ ފުޅާކޮށް، އަރްމާނީ ޕްރިވޭ ކޯޗާ، ބިއުޓީ، ފްރޭގްރަންސް، ހޮޓާ، އަދި އިތުރު ކަންކަމަށް ފުޅާވެގެން ދިޔައެވެ. އޭނާ ނިޔާވިއިރު އަހަރަކު 2.7 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީ އެއް ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ