މަކަރާއިހީލަތުން އޮޅުވާލައިގެން ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރި މައްސަލާގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަންހެނުން ސާރާ ނަތަންޔާހޫގެ މައްޗަށް ޝަރީއަތް ފަށައިފިއެވެ.
ސާރާ ނަތަންޔާހޫގެ މައްޗަށް ޝަރީއަތް މިފެށީ، ބޮޑުވަޒީރުގެ ގޭގައި ކައްކާއެއް ނެތްކަމަށްބުނެ، އެކި ފަހަރުމަތިން ބޭރުން ކާއެއްޗެހި އޯޑަރުކޮށްގެން ގެނައުމަށް ލައްކައެއްހާ އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވާ މައްސަލާގައެވެ.
އިސްރާއީލުގެ ފުލުހުން ހިންގި ތަހްގީގަކަށްފަހު މިއަހަރުގެ ޖޫންމަހުގެ ދައުލަތުގެ ޕްރޮސެކިއުޓަރަކު ކޯޓަށް ހުށަހެޅި ދައުވާގެ ލިއުންތަކުގައި ބުނެފައިވަނީ، ބޮޑުވަޒީރުގެ ރަސްމީ ގޭގައި ވަޒީފާ ދީފައިހުރި ކައްކާއެއް ހުއްޓާވެސް، ކައްކާއެއް ނެތްކަމަށް ބުނެ ސާރާ ނަތަންޔާހޫ ރެސްޓޯރަންޓްތަކަށް އޯޑަރުކޮށްގެން އެތައްފަހަރަކު ގެއަށް ކާއެއްޗެހި ގެންގޮސްފައިވާ ކަމަށެވެ. އަދި އެކަމަށް ޚަރަދުކޮށްފައިވަނީ ދައުލަތުގެ ފައިސާ ކަމަށާއި، ގޭގައި ކައްކާނެ މީހަކު ނެތްކަމަށް ސާރާ ބުނެފައިވަނީވެސް އޮޅުވާލައިގެން ކަމަށްވެސް ދައުވާގައި ވެއެވެ.
2010 ވަނަ އަހަރާއި، 2013 ވަނަ އަހަރާ ދެމެދު ސާރާ ނަތަންޔާހޫއާއި، އޭނާގެ އާއިލާ، އަދި ގެއަށްދާ މެހްމާނުން ކެއުމަށް، ތަފާތު އެތައް އައިޓަމްތައް ހިމެނޭގޮތަށް އެތައްސަތޭކަ ކެއުންތައް އެތައް ފަހަރެއްގެމަތިން ބޭރުން އޯޑަރުކޮށްގެން ގެންގޮސްފައިވާކަން ތަހްގީގަށްވަނީ ސާބިތުވެފައެވެ.
ބޭރުން އޯޑަރުކޮށްގެން ގެންގޮސްފައިވާ ކާތަކެއްޗަށް 359،000 ޝެކެލްސް (99،700 އެމެރިކާ ޑޮލަރު) ޚަރަދު ކޮށްފައިވާކަންވެސް ހާމަވެފައި ވެއެވެ.
ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލާގައި ނަތަންޔާހޫގެ އަންހެނުންގެ މައްޗަށް ޝަރީއަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ