ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުދުވަހުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓަށްވެސް ބާޠިލްނުކުރެވޭނެ ކަމަށާއި ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ރައީސް ނަޝީދަށް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލްއެފެއާޒް މިނިސްޓަރު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާޒިމާ މިހެން ވިދާޅުވީ "ޕީއެސްއެމް ނިއުސް" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ އާޒިމާ ވިދާޅުވީ ނަޝީދު މިވަގުތު ހުންނެވި ޙާލަތަށް ބަލާއިރު، އެހުންނެވީ ސުޕްރީމްކޯޓުން ކޮށްފައިވާ ނިހާއީ ޙުކުމެއްގެ ދަށުން 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރުމުގެ ތެރޭގައިކަމަށެވެ. އެޙުކުމް އަދިވެސް އޮތީ އޮތްގޮތަކަށްކަމަށާ އެޙުކުމް ބާޠިލްނުވާހާ ހިނދަކު ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ހަމައެއް ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ އާޒިމާ ވިދާޅުވީ ރާއްޖޭގައި ސުޕްރީމްކޯޓުން ކުރާ ނިހާއީ ޙުކުމެއް އަލުން ބަދަލުކުރުމުގެ ބާރު ޤާނޫނީ ގޮތުން ސުޕްރީމްކޯޓަށް ވެސް ލިބިދީފައި ނެތްކަމަށެވެ.
"ސުޕްރީމް ކޯޓުގެ ިންމުމަކީ ފައިނަލް ނިންމުމެއް. އެހެންވީމަ 1 ފެބްރުއަރީގެ އަމުރުގައިވެސް އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން ސުޕްރީމްކޯޓުން ނިންމާފައި އޮތް ނިންމުމެއް، އަމުރަކުންނެއް ބާޠިލެއް ނުކުރެވޭނެ. އަދި ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގަ ސުޕްރީމް ކޯޓުގެ ޙުކުމެއް އަލުން އަޑުއަހާފައި އަލުން ބަދަލުކުރެވޭނެ އެއްވެސްކަހަލަ ޤާނޫނީ ފުރުސަތެއް ނެތޭ، ރާއްޖޭގެ ޤާނޫނީ އޮނިގަނޑަކުއެއް. ދުނިޔޭގެ ބައެއް ތަންތާ މިސާލަކަށް، މިސްކަރޭޖް އޮފް ޖަސްޓިސް ހުރި ކަމަށްވަންޏާ ސުޕްރީމް ކޯޓުން ނިމުނަސް އެވަރުގެ ކަމެއް ފެނިއްޖެއްޔާ ފަހުން އެފުރުސަތުތައް އޮންނަ ޤާނޫނީ އޮނިގަނޑުތައްހުރޭ. އެހެންނަމަވެސް ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގައި އެއީ ހަމަ ސީލްޑް، ނިމިފައި އޮތް ނިންމުމެކޭ ސުޕްރީމްކޯޓުން ކޮށްފައި އޮތް ޙުކުމެއް. އެހެންވީމަ ފަހުންކުރާ އަމުރަކުންނެއް އެއެއް ޗޭންޖެއް ނުކުރެވޭނެ. އެއަށް ބަދަލުގެނައުމުގެ ބާރު ސުޕްރީމްކޯޓަކަށްވެސް ނުލިބޭ." މިނިސްޓަރ އާޒިމާ ވިދާޅުވިއެވެ.
މިނިސްޓަރ އާޒިމާ ވިދާޅުވީ ސުޕްރީމްކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރުގެ ހުރިހާބައެއްހެން މިހާރުވަނީ ބާޠިލްވެ ނިމިފައިކަމަށާ މިއީ އަލުން ބަޙުސްކުރަންޖެހޭ ކަމެއްވެސް ނޫންކަމަށެވެ.
ނަޝީދުގެ ޙުކުމް ސުޕްރީމް ކޯޓަށް ވެސް ބާޠިލެއް ނުކުރެވޭނެ - އާޒިމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ