އިނގިރޭސި ޙިމާޔަތަށް ރާއްޖެ ދާންޖެހުނު ސަބަބުތައް ކޮންމެ ދިވެއްސަކަށް އެނގެންޖެހޭ

ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހަކީ، ކޮންމެ ދިވެއްސަކުވެސް ފިލާވަޅުތަކެއް އެކަމުން ދަސްކުރަންޖެހޭ ދުވަހެކެވެ. މިނިވަންކަން ހޯދުމަށް ބަޔަކު މަސައްކަތްކުރިއިރު، ރާއްޖޭގައި އޮތް ގަދީމީ ރަސްކަން އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދާން މެދުވެރިވި ސަބަބުތައް ދެނެގަތުމަކީވެސް މުހިއްމު ކަމެކެވެ. ޤައުމުގެ މިނިވަންކަމަކީ އެކަމުގައި ކޮންމެ މީހެއްގެވެސް ޒިންމާއެއް ގުޅިފައިވި ކަމަކަށްވާއިރު، ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބަސްބުނުމުގެ ޙައްޤު ދިވެހީން ނޫން އެހެން އެއްވެސް ބަޔަކަށް އޮވެގެން ނުވާނެއެވެ.
ދުނިޔޭގެ ވިޔަފާރި އެ ސަރަހައްދަކަށް ބަރޯސާވެ ހިނގަހިނގާ އޮތް ސަރަހައްދެއްގެ މެދުގައި، މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އެންމެ ގަދީމީ ޒަމާނުގައިވެސް ރާއްޖެ ދެމިއޮތެވެ. ދިވެހިރާއްޖެއަކީ، އެ ގަދީމީ ވިޔަފާރީގެ ތެރޭގައި އަގު ބޮޑެތި ތަފާތު މުދަލުގެ ބާވަތްތައް ބޭރު ކުރި ދައުލަތެކެވެ. ހަމައެއާއެކު މިސަރަޙައްދުން ދަތުރުކުރާ ވިޔަފާރި ބޯޓު ފަހަރަށް ރާއްޖެއަކީ، ޓްރާންސިޓް ބަނދަރެކެވެ. އެހެންކަމުން ދިވެހީންނަކީ އަމިއްލަ ފޯރުންތެރިކަން އޮތް، މުސްތަޤިއްލު ޤައުމެކެވެ.
މީލާދުން 15 ވަނަ ޤަރުނުގައި ވިލާތުގެ އިސްތިއުމާރު މި ސަރަހައްދަށް އައުމުގެ މައިގަނޑު ސަބަބަކީވެސް މިސަރަޙައްދުގެ މުއްސަނދިކަމާއި ލިބެންހުރި ވަޞީލަތުގެ އަގުބޮޑު ކަމުންނެވެ. ޕޯޗުގީޒުންނާއި، ލަންދޭސީންނާއި، ފަރަންސޭސިންނާ އަދި އެއަށްފަހު އައި އިނގިރޭސިންގެ އިސްތިއުމާރާ މި ސަރަހައްދުގެ ޤައުމުތަކުން ކުރިމަތިލާން ޖެހުނީ، މިސަރަޙައްދުން މުޅި ދުނިޔެއާއި ގުޅައިދޭ ދަތުރުފަތުރުގެ މަގުތަކާ ހެދިއެވެ. ދުނިޔޭގެ ވިޔަފާރީގައި މިހާރު ޑޮލަރަށް ލިބިފައިވާ ފަދަ ދަރަޖައެއްގައިވި ފައިސާއަކީ، ދިވެހި ބޮއްޔެވެ.
19 ވަނަ ޤަރުނު ފެށިގެން ދިޔައިރު، ކޮޅުނބާއި ގާލީ އަދި ބަލައްސޯރު ފަދަ ދިވެހީން ވިޔަފާރި އައިގެން ގޮސް އުޅުނު ބަނދަރުތައް ވަނީ އިސްތިއުމާރުގެ ދަށަށް ގޮސްފައެވެ. ގްލޯބަލް ކަރަންސީއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ބޮލި ބޭނުންކުރުން ހުއްޓިއްޖެއެވެ. ދަތުރުފަތުރުގެ ނިޒާމަށް ގެނުވި އިންޤިލާބީ ބަދަލާއެކު ބޯޓު ދެލިން ދަތުރުކުރި ނައުފަހަރު، އާގުބޯޓު ފަހަރަށް ވަނީ ބަދަލުވެފައެވެ. ދުނިޔެއަށް އަންނަމުން ދިޔަ ބަދަލުތަކާ އެއްވަރަށް ދިވެހިރާއްޖެ ދީލާ ނުލެވުމުގެ ސަބަބުން އިޤްތިސާދީ ހީނަރުކަމާއި ކުރިމަތިލާން ޖެހުނެވެ. ނަތީޖާއެއްގެ ގޮތުން 1818 ވަނަ އަހަރު ބޮޑު ތަދު ކުރިމަތިވިއެވެ.
ރާއްޖޭގެ ވަށައިގެންވާ ހުރިހާ ޤައުމެއް އިސްތިއުމާރު ކުރިއިރުވެސް ރާއްޖެ އެމީހުންގެ ބާރުގެ ދަށަށް ނުދެއެވެ. 1835 ވަނަ އަހަރު ރަސްކަމުގައި ހުންނެވި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އަވަހާރަވުމާއި ގުޅިގެން ރާއްޖޭގެ ތަޚުތަށް އިސްވެވަޑައިގަތީ، އެރަދުންގެ ދަރިކަލުން އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނެވެ. އެއަށްފަހު އައި އަހަރުތަކަކީ، ރާއްޖޭގެ ސިޔާސީ ހަމަނުޖެހުން ބޮޑު އިޤްތިޞާދީ ހީނަރުކަންވެސް ބޮޑު ދުވަސްވަރެކެވެ.
އެދުވަސްވަރު މާލޭގެ އެންމެ ބޮޑު ދެ ޢާއިލާ ކަމުގައިވާ ކަކާގެއާއި ގަލޮޅުގެއާއި ދެމެދު އޮތީ، ސިޔާސީ ފިތުނަވެރި ކޯޅުންގަނޑެކެވެ. މީގެ ބޭނުންހިފާ އެދުވަސްވަރު ރާއްޖޭގެ ވިޔަފާރި ތެރެއަށް ވަނުމަށް މަސައްކަތް ކުރި ބުންބާ ވޯރާއިންނަށް ފުރުސަތު ލިބުނެވެ. ގަލޮޅުގޭގެ ބާރު ދުއްވާލުމުގެ ވިސްނުންފުޅުގައި، ވޯރާއިން ދިވެހިރާއްޖޭގައި ދާއިމީކޮށް ވަޒަންވެރިކުރުވާ ވިޔަފާރި ކުރުމުގެ ހުއްދަ ދެއްވުމަށް އެއިރުގެ ބޮޑުވަޒީރު ކަކާގޭ އަލީ ރަންނަބަނޑޭރި ކިލޭގެފާނު ރަދުންނަށް ދެއްވި ލަފާފުޅާއެކު 1857 ވަނަ އަހަރު ޝާހީ ގަނޑުވަރުން މި ހުއްދަ ނެރުއްވިއެވެ.
1882 ވަނަ އަހަރު މުސްކުޅި ބަންޑާރައިން އަވަހާރަވިއެވެ. ދެން ތަޚުތައް އިސްކުރެވުނީ، ރަދުންގެ ދެވަނަ ދަރިކަލުން އައްސުލްޠާން އިބްރާހިމް ނޫރައްދީނެވެ. މިރަދުން ދިވެހި ރަސްކަމުގެ ތަޚުތައް އިސްވެ ވަޑައިގެންނެވިއިރު، ދިވެހި ރާއްޖޭގެ މުޅި ވިޔަފާރި އެކީ އޮތީ، ވޯރާ ވިޔަފާރިވެރިންގެ އަތްދަށުގައެވެ.
1886 ވަނަ އަހަރާއި 1887 ވަނަ އަހަރަކީ، ރާއްޖޭގެ ސިޔާސީ މަސްރަޙު ހަލަބޮލި އަހަރުތަކެކެވެ. މީގެ ބޭނުންހިފާ ރާއްޖޭގެ ދާޚިލިއްޔަތަށް އިނގިރޭސީން އަތްގަދަ ކުރިއެވެ. ބަޑީގެ ބާރުގައި ރަސްގެފާނު އައްސުލްޠާން މުޙައްމަދު މުޢީނުއްދީން ރަސްކަމުގައި އިނގިރޭސި ރާނީ ކްއީން ވިކްޓޯރިޔާގެ ސަރުކާރުން ހުށައެޅުއްވި ހިމާޔަތުގެ ފަތްކޮޅުގައި ސިއްކަފުޅު ޖެއްސެވީ، 1887 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގައެވެ. އެއަށްފަހު އިނގިރޭސީންގެ ބާރުގައި ރާއްޖޭގެ ވެރިކަން ބަދަލު ކުރިއެވެ.
ދިވެހިރާއްޖެ އޮތީ، އޭގެ ޒާތުން މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައެވެ. އިނގިރޭސި ހިމާޔަތާއިއެކު މަނާވެގެންވަނީ، އިނގިރޭސި ދައުލަތުގެ ހުއްދައެއް ނެތި ބޭރުގެ ދައުލަތްތަކާއި، ސިޔާސީ ގުޅުން ބަދަހި ކުރުމެވެ. މުޅި ހިމާޔަތުގެ އެގްރީމަންޓުގެ އަސްލަކީވެސް މިއީއެވެ.
އެދުވަސްވަރު ކޮޅުނބަށް ދިވެހި ރަސްރަސްކަލުން ލަންދޭސީންގެ ޒަމާނުން ފެށިގެން ވެދުމައިގެން ފޮނުއްވަމުން ގެންދެވި ފަތްފަތްކޮޅުތައް މިހާރުވެސް ކޮޅުނބުގެ ޤައުމީ އަރުޝީފުގައި ރައްކާ ކޮށްފައިވެއެވެ. ޒަމާނުއްސުރެ ރަހުމަތްތެރިކަން އާލާ ކުރެއްވުމަށް ދިވެހިރާއްޖޭގެ ރަސްގެފާނު އަވައްޓެރި ސަރުކާރުތަކަށާއި، އިގިރޭސީންނަށް ފޮނުއްވަމުން ގެންދެވި ވެދުން ހުއްޓުމަކަށް އައީ، 24 އޭޕްރިލް 1948 ގައެވެ.
ހިމާޔަތުގެ އެގްރީމަންޓެއްގައި ދެ ދައުލަތުގެ ފަރާތުން ސިއްކަ ޖެހެވުނެއްކަމަކު ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް އިނގިރޭސީން ފައިބާ ވަޒަންވެރިވެފައެއް ނުވެއެވެ. އަލަށްވެސް އިނގިރޭސީން ދިވެހިރާއްޖެއަށް ފައިބަން ޖެހުނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، މުޅި މި ކަނޑަށް ޖަޕާނާއި ޖަރުމަނީންގެ ހަމަލާތައް ކުރިމަތިވެގެންނެވެ. ހަނގުރާމައިގެ ކުއްލި ހާލަތުގައި އައްޑު އަތޮޅަށާއި، ތިލަދުންމައްޗަށް އިނގިރޭސި ސިފައިން ފޭބިއެވެ. އެހެންނަމަވެސް ހަނގުރާމަ ހުއްޓުމާއިއެކު އެބައިމީހުން ވަނީ، އެތަންތަން ދޫކޮށް ގޮސްފައެވެ.
ދެވަނަ ފަހަރަށް އައްޑު އަތޮޅަށް އިނގިރޭސީން ފައިބަން ގަސްތު ކުރީ، އޭގެ މާފަހުން މީލާދުން 1950ގެ އަހަރުތަކުގެ އެންމެ ފަހުކޮޅުގައެވެ. އިނގިރޭސީންގެ އެދުމަކަށްވީ، އައްޑު އަތޮޅު ގަމުގައި ސްޓޭޖިން ޕޯސްޓެއް ހެދުމެވެ. ދިވެހީން އެބައިމީހުންގެ ހިމާޔަތުން ދުރުވުމުގެ ދަތުރު ފެށޭ ހިސާބަކީވެސް މިއެވެ.
އިނގިރޭސިންވަނީ، ރާއްޖޭގައި ދާޚިލީ މައްސަލަތައް އުފަންކޮށް އެކަމުގެ ތެރެއަށް ވަނުމަށް މަސައްކަތް ކޮށްފައެވެ. އޭގެ 78 އަހަރު ފަހުން، އެ ހިމާޔަތުގެ އެގްރީމަންޓާ ދެކޮޅަށް ދިވެހި ސަރުކާރުގެ އިސްވެރީންނާއި އާއްމު ދިވެހީން ތެދުވާން ޖެހުނީ ރާއްޖޭގެ ދާޚިލީ މައްސަލަތަކެއްގެ ތެރެއަށް ވަނުމުގެ ސަބަބުންނެވެ.
ޖަލާލަތުލް މަލިކު މުހައްމަދު ފަރީދުގެ ރަސްކަމުގެ ތެރޭގައި އެރަދުންގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު އިސްވެ ހުންނަވާ އިނގިރޭސިންނާ ދެކޮޅަށް ކުރެއްވި މިންނެތް މަސައްކަތާ އަދި އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއެކު ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލެވުނެވެ.
ރަދުންނާއި ބޮޑުވަޒީރާއި އަދި ކުރީގެ ބޮޑުވަޒީރު ފާމުލަދޭރި ކިލޭގެފާނު ސިލޯނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެއާއި، އިނގިރޭސި ސަރުކާރާ ދެމެދު ހިމާޔަތުގެ އެގްރީމަންޓު އުވާލިކަމުގެ ސޮއި ކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ސިލޯނު ގަޑީން 10:00 ޖެހިއިރުއެވެ. މި ރަސްމިއްޔާތު އޮތީ، އިނގިރޭސި ސަފީރުގެ ރަސްމީ ގެކޮޅު ކަމުގައިވާ ވެސްޓު މިނިސްޓަރ ހައުސްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ