މޫސުން ގޯސްވި ނަމަވެސް ދެ ކުދިން ހޯދުމުގެ މަސައްކަތް ކުރިއަށް

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު މޫދަށް އެރި އުޅެނިކޮށް އައްޑޫ ސިޓީން ގެއްލުނު ދެކުންދިން ހޯދުމުގެ މަސައްކަތް، މޫސުން ގޯސްވިނަމަވެސް ކުރިއަށް ދާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ތިން ކުއްޖަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން ފުއްޓަރު ފަރާތު މޫދަށް އެރި އުޅެނިކޮށް ނެގި ބިޔަރާޅުތަކާ އެކު ދަމައިގަތް ހާދިސާއަށްފަހު، ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދަނީ، ހިތަދޫ ޗަނބޭލީގެ އަލީ ފަހުމީ،17 އާއި އެ ރަށު ޓޮޕާޒް، މަޔާމިން އަލީ،14 އެވެ. އެ ހާދިސާގައި ސަލާމަތް ވެފައިވަނީ، އަލީ ރާއިފު،16 އަހަރު އެކަންޏެވެ.
ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަދި އާންމުން ގުޅިގެން ކުރިއަށްގެންދާތާ ހަފްތާއެއް ވެފައިވާއިރު އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ، ވިއްސާރަވި ނަމަވެސް ކުދިން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ.
"ވިއްސާރައިގެ ސަބަބުން ވަކި ދައްޗެއް ކުރިމައްޗެއް ނުވޭ. ހަމަ ހުއްޓުމެއް ނެތި މަސައްކަތް ކުރިއަށް މިގެންދަނީ،" އޭނާ ވިދާޅުވިއެވެ.
ގެއްލުނު ދެ ކުދިން ހޯދުމަށް ހެލިކޮޕްޓަރާއި ޑްރޯން ބޭނުން ކޮށްގެންނާއި ޑައިވަރުންނާއި އެކު ކަނޑުގެ އަޑީގެ ބޮޑު ސަރަހައްދެއް މިހާތަނަށް ވަނީ ބަލައިފައެވެ. މިހާރު ބަލަމުންދަނީ ޑައިވިން ރޮބޯޓް ބޭނުންކޮށްގެންކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އިއްޔެވެސް ކަނޑުގެ ސާފޭސްގެ 29.7 މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ