ސުޕްރީމް ކޯޓުގެ ހުކުމާ އެކު އަދުނާން ފުލުހުންގެ ވަޒީފާއަށް

މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ އިބްރާހިމް އަދުނާން އަނީސް ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމުން، އޭނާ އަލުން ވަޒީފާއަށް ނުކުންނަވަން ފައްޓަވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ސުޕްރިޓެންޑެންޓުގެ ރޭންކާ އެކު، އަދުނާން މިދިޔަ ހަފުތާގައި މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސްގެ މަގާމުގައި ހުންނަވަނިކޮށް އޮގަސްޓް، 2012 ގައި އަދުނާން ވަޒީފާއިން ވަކިކުރީ ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތުގެ ނަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ނެރުނު ރިޕޯޓެއްގައި އޭނާ ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ. އޭނާ ވަކިކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން 2014 ގައި ހުކުމް ކުރިޔަސް، ހައި ކޯޓުން 2018 ވަނަ އަހަރު ވަނީ އެ ހުކުމް ބާތިލްކޮށް، އަދުނާން ވަކިކުރީ ރަނގަޅަށް ކަމަށް ހުކުމްކޮށްފަ އެވެ.
Adnan fuluhun ge vazeefaa in vaki kuree goas koh: SC
The most trusted news source in the Maldives
Mihaaru
އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މިދިޔަ ޖެނުއަރީ މަހު 13 ގައި ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ. ނަމަވެސް އޭނާއަށް އަލުން ވަޒީފާ ދިނުމަށް ނުވަތަ ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން ސުޕްރީމް ކޯޓުން އަންގާފައެއް ނުވެ އެވެ. ސަބަބެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އަލުން ވަޒީފާ ދިނުމަށް ނުވަތަ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ދަށު ކޯޓުގައި އަދުނާން އެދިފައި ނެތުމުން، ދަށު ކޯޓުގައިި އެދިފައި ނެތް ކަމަކަށް އިސްތިއުނާފް މަރުހަލާއިން ފަރުވާ ދެވެން ނެތުމެވެ.
މަތީ ކޯޓުގެ ހުކުމުގައި ވަނީ ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ ގާނޫނާއި ގަވައިދާ ހިލާފު ކަމެއް ކުރިކަން ފުލުހުންގެ ތަހުގީގަކަށް ސާބިތުވުމާ އެކު އެއީ އެ މީހަކު ވަކިކުރަން އެކަށީގެންވާ ސަބަބަކަށް ވެގެން ކަމަށެވެ. އެކަމަކު އަދުނާން ވަކިކުރަން ނިންމީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުނު ކޮން ހެކިތަކަކަށް ބިނާކޮށް ކަމެއް އަދި އެގޮތަށް ބޯޑަށް ބުރަވެވުނު ގޮތެއް ދައުލަތަށް ސާބިތުކޮށް ދެވިފައިނުވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
އަދުނާންގެ އިތުރުން ފުލުހުންގެ ވަޒީފާއިން ވަކިކުރި ގިނަ އޮފިސަރުންތަކަކަށް އަލުން ވަޒީފާ ދިނުމަށް މި ސަރުކާރު އައި ފަހުން ކޯޓުތަކުން ހުކުމްކޮށްފައި ވެ އެވެ. އޭގެ ތެރެއިން، މިހާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް އޮގަސްޓް، 2012 ގައި ވަކިކޮށްފައި ވަނިކޮށް އޭނާއަށް އަލުން ވަޒީފާދޭން ސުޕްރީމް ކޯޓުން ހުކުމްކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ