އަނެކާއަށް ދެރަދީފައި މޮޅު ހޯދާ މީހެއް ކަމުގައި ތިބާ ނުވާށެވެ.

އިންސާނީ ފިތުރަތަކީ ރީތި އެއްޗިއްސަށް ލޯބި ކުރުމެވެ. މީރު ކާނާ ކާން ބޭނުންވުމެވެ. އަދި ހިތް ފަސޭހަ ، ހިތްހަމަ ޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންވުމެވެ. މި ޙަޔާތުގައި އެންމެން ވެސް ޙާޞިލް ކުރަން ބޭނުންވާނެ ދުނިޔަވީ މަންފާތަކަކީ މިފަދަ ކަންކަމެވެ. ބަލިމަޑުކަމެއް ހިތްދަތިކަމެއް ނެތި ، އުފަލާ އަރާމުގައި ދުވަސްތައް ހޭދަ ކުރުމެވެ.
މި އަމާޒަށް ވާޞިލްވުމަށް ޓަކައި ބައެއް މީހުން އިޚްތިޔާރު ކުރަނީ ފަންނީ ، ނަން މަޝްހޫރު މީހަކަށް ވުމެވެ. އަނެއްބަޔަކު ބޭނުންވަނީ އަމިއްލަ މަސައްކަތެއްކޮށް އާމްދަނީ އިތުރުކުރުމެވެ. ޙަޤީޤަތަކީ ކޮންމެ ގޮތަކުން ނަމަވެސް އަމާޒަކީ އެއް އަމާޒެކެވެ. އެއީ ހިތްފަސޭހަ ހިތްހަމަ ޖެހޭ ދިރިއުޅުމެއް ހޯދުމެވެ. ވިސްނަންވި ކަމަކީ މީހަކަށް ދެރައެއް ދީފައި މޮޅު ހޯދަން މަސައްކަތް ނުކުރުމެވެ. އެއީ ކޮންމެ ދާއިރާއެއްގައި ނަމަވެސް ނުވަތަ ކޮންމެ މުޖުތަމަޢެއް ، ޢާއިލާއެއް ނަމަވެސް މެއެވެ. ތިމާގެ އަޚާއަށް ދެރައެއް ދީފައި ލިބިދާނެ ވަގުތީ ފައިދާއެއް އޮތް ނަމަވެސް ، އެއީ ދާއިމަށް ލިބޭނެ އުފަލެއް ނޫނެވެ. ހަމައެހެންމެ ޙަޤީޤީ ހިތްހަމަ ޖެހުމެއް އޮތްކަމެއް ވެސް ނޫންމެއެވެ.
ނަޒަރު ހިންގަވާ ލައްވާށެވެ. މައިންބަފައިން ނިޔާވުމުން ، ގޯތި ގެދޮރު ބެހުމުގެ އެތައް އެތައް މައްސަލައެއް ނުނިމި ހުރީ ، ތިމާގެ އަޚާއަށް ނުވަތަ އުޚުތާއަށް ބައެއް ލިބުނު ނުދޭން ނުވަތަ ލިބޭ ބައި ކުޑަކުރަން ކުރާ ޝަކުވާތަކާއި ގުޅިގެންނެވެ. އޮފީހުގައި އެކުގައި މަސައްކަތްކުރާ ރަޙުމަތްތެރިޔާއާއި ގުޅުން ކެނޑިގެންދަނީ ،ރަޙުމަތްތެރިޔާ ދެރަކޮށްލާފައި ތިމާ ކުރި ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުންނެވެ. ކުޑަމިނުން މައިންބަފައިންގެ ލޯބި ހޯދަން ބައެއް މީހުން މަސައްކަތް ކުރާ މަގަކީ ވެސް ތިބާގެ އަޚާ ނުވަތަ އުޚުތާގެ ގޯސްވާހަކަ އުފަން ކުރުމެވެ.
ވިސްނަންވީ މި ނަޒަރިއްޔާއިންނެވެ. ތިބާއަކީ ތަނަވަސް މީހެއް ނަމަވެސް ތިބާގެ އަޚާއަކީ އެކަމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހެއް ކަމުގައި ވެދާނެއެވެ. އެހެންނަމަވެސް އޭނާގެ ނިކަމެތިކަމަށް ދެރަ ބަސް ނުބުނާށެވެ. ވީ މިންވަރަކުން އެހީތެރިވާށެވެ. ހަމައެހެންމެ ތިބާ ކުރިއެރުން ހޯދަން އޮތް މަގަކީ އަނެކާ ހިތުގައި ޖެއްސުން ކަމަށް ނަމަނަމަ ނުހަދާށެވެ. އޭނާއަށް އަނިޔާ ލިބިގެންވާ ހިނދު ކުރާ ދުޢާ އަކީ ތިބާގެ މައްޗަށް އޮތް ނުހަނު ބޮޑު ހިތާމައަކަށް ވެސް ވެދާނެއެވެ.
ދުނިޔަވީ ކަންކަން އެކި މީހުންނަށް ޙާޞިލްވާނީ އެކި މިންވަރަށެވެ. ޙައްޤު ގޮތަކީ ހިތް ސާފުކަން މަތީގައި ކުރިއަރައިދާ މީހާއަށް ވެސް ހިނިތުންވެލުމެވެ. އަދި ތިބާވެސް ކުރިއަރައި ދިޔުމަށް މަސައްކަތް ކުރުމެވެ. ހަމައެހެންމެ ތިމާއަށް އުފާވެރިކަމެއް ، ކުރިއެރުމެއް ލިބޭނަމަ އެކަމުގެ އުފާވެރިކަން އެކުވެރިޔާއާއި ހިއްސާ ކުރާށެވެ. އެހެނީ ތިބާގެ ތަނަވަސްކަމަކީ މި ދުނިޔެއިން ވަކިވެގެންދާއިރު ކޮންމެވެސް މީހަކަށް ވާރުތަ ކުރާނެ ތަނަވަސްކަމެކެވެ. ވީއިރު ތިބާ ދުނިޔޭގައި ހުރިއިރުވެސް އެކަމުގައި އެހެން މީހުން ޝާމިލް ކުރާށެވެ.
ދުނިޔަވީ މަންފާތައް ހޯދުމުގައި އެކަކު އަނެކަކާ ރޭސް ޖެހުމަކީ މާނައެއް އޮތް ކަމެއް ނޫނެވެ. އެހެނެއްކަމަކު ވިސްނަންވީ ޙަޔާތުގެ މި ކުރު ދަންފަޅީގައި ﷲ ރުއްސަވާ ގޮތުގައި އުފާވެރިކަމާއި ހިތްހަމަ ޖެހުން ލިބިގަތުމަށެވެ. އަމުދުން ޙަޤީޤީ ހިތްހަމަޖެހުން ލިބެން އޮތް މަގަކީވެސް އެއީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ