ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުން ދުރަށްޖެހިވަޑައިގަންނަވަން ގާސިމް ނިންމަވައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުން ދުރަށްޖެހިވަޑައިގަންނަވަން ގާސިމް އިބްރާހީމް ނިންމަވައިފި އެވެ. ޖަރުމަންވިލާތުގައި ހުންނަވައި ރާއްޖެ ޓީވީއަށް ފޯނުން މިރޭ ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ އެމަނިކުފާނަށް ރާއްޖެވަޑައިގެންނެވުނު ދުވަހަކުން ޕާޓީގެ ކޮންގްރެސްއެއް ބާއްވައި ޕާޓީގެ ލީޑަރު ކަމަށް އެހެން ބޭފުޅަކު އިންތިޚާބު ކުރުމުގެ ކަންތައް ކުރިއަށްގެންދަވާނެ ކަމަށެވެ. "އަޅުގަނޑުގެ މަސައްކަތަކަށްވާނީ އަޅުގަނޑަށް ރާއްޖެ ދެވުނުހާ އަވަހަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޕާޓީގެ ކޮންގްރެސްއެއް ބޭއްވުން. ގޮސްގްރެސްއެއް ބާއްވައި އަޅުގަނޑު ކުރިމަތިނުލައި، ލީޑަރު ކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ބޭފުޅަކަށް އެފުރުސަތުދެއްވައި، ރައްޔިތުންގެ ވޯޓަކުން ކޮންގްރެސްއިން [ޕާޓީގެ ލީޑަރަކު] ހޮވިގެން އަންނަ ގޮތަށް ހޮވިގެން އައިމަ އެކަން އެ ނިމުނީ،" ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ލީޑަރުކަމުން އިސްތިއުފާދެއްވަނީ "ޕާޓީ މަގުމެދަށް ދޫކޮށްލަން" ނޫން ކަމަށާއި އެމަނިކުފާނު ޕާޓީގެ ލީޑަރުކަމުން ވަކިވެވަޑައިގަތުމުގެ ކުރިން ޕާޓީ ކުރިއަރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. ރާއްޖޭގެ ރައީސް ކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރުމާމެދު ގޮތެއް ނިންމަވާނީ ޕާޓީގެ ލީޑަރުކަމާ އަލަށް ހަވާލުވެވަޑައިގަންނަވާ ބޭފުޅަކު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސިއްޙަތު ސަލާމަތުން ހުރިއްޔާ މިދައުރު ނިމެންދެން މާމިގިލީ ދާއިރާގެ މެމްބަރުކަމުގައި ދެމިހުންނަވާނެ ކަމަށެވެ. ނަމަވެސް އިތުރު ދައުރަކަށް މަޖިލީސް އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ސިއްޙީ ދާއިރާ އަދި އެނޫންވެސް އެހެން ދާއިރާތަކުން ދިވެހީންނަށް މަތީތައުލީމް ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މިއަދާހަމައަށް މާލީގޮތުން އެތަކެއް ޚަރަދުތަކެއް ކުރައްވާފައިވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. މިހާތަނަށް ކުރެއްވި އެ މަސައްކަތްތަކުން ތައުލީމީ އެތަކެއް ދަރިންތަކެއް ރާއްޖޭގައި ބިނާކުރެވިފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ ފުޅާދާއިރާއެއްގައި ދިވެހި ދަރީންނަށް މަތީ ތައުލީމު އުނގަންނައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. "... މިދެންނެވި އިގްތިސޯދީ މަސައްކަތްތައް މިހާރަށްވުރެ ފުޅާދާއިރާއެއްގައިކޮށް، ރާއްޖެ ތަނަވަސް ގައުމަކަށް ހެދުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑުގެ އުމުރުގައި ބާކީ އޮތްބައި މަސައްކަތް ކުރާގޮތަށް ވިސްނާތީ މިހާރު މިގޮތަށް މިނިންމީ،" ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ ސިޔާސީގޮތުން ރާއްޖޭގައި ހަމަޖެހުން ގާއިމްވެ އިތުރު ތަރައްގީ ރާއްޖެއަށް އައުމަށް ކަމަށެވެ. އަދި އިޖުތިމާއީ ގޮތުންވެސް އިތުރު ކުރިއެރުމާއި ފާގަތިކަން ރާއްޖެއަށް ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ