ކައުންސިލްތަކަކީ މެނިފެސްޓޯ ތަންފީޒު ކުރުމަށް ވަރަށް މުހިންމު ބައެއް - މައުމޫން

ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކަކީ ސަރުކާރުގެ ސިޔާސަތުތަކާއި މެނިފެސްޓޯތައް ތަންފީޒު ކުރުމަށް ވަރަށް މުހިންމު ބައެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މިހާރު އޮތް މާލޭ ސިޓީ ކައުންސިލްގެ ތެރެއިން ވެސް ފެންނަ މަންޒަރަކީ ޒިންމާ އަދާނުކުރެވޭ މަންޒަރު ކަމަށެވެ.
އެކައުންސިލުން އަދާކުރަން ޖެހޭ ދައުރު އަދާ ނުކުރާ ކަމަށާއި އެކައުންސިލްގެ މަސައްކަތަކީ އެއްވެސް ދައުރެއް އަދާނުކޮށް ވާދަވެރި ސިޔާސީ ޕާޓީތަކަށް ޖެއްސުން ކުރުމަށް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
"އެމްޑީޕީ މާލޭ ސިޓީ ކައުންސިލްގައި އޮތީމާ ވާގޮތަކީ ސިޓީ ކައުންސިލުން އަދާ ކުރަންޖެހޭ ދައުރު އެއް ގޮތަކަށް ވެސް އަދައެއް ނުކުރޭ." މައުމޫން ވިދާޅުވި އެވެ.
ނަމަވެސް ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ މާލެ ސިޓީ ކައުންސިލްގެ ކެންޑިޑޭޓުންނަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ފެނިގެންދާނީ ރީތިކޮށް ހިނގާ ސިޓީ ކައުންސިލެއް ކަމަށާއި އެއްވެސް ބަޔަކާ ޖައްސައި ނުލާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުވެސް ކޯލިޝަނުން ކާމިޔާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ކޯލިޝަންގެ އަމާޒަކީ ވީހާވެސް ގިނަ ގޮނޑިތަށް ކާމިޔާބު ކުރުން ކަމަށެވެ.
މާލޭ ސިޓީގެ 11 ދާއިރާގެ ތެރެއިން 10 ދާއިރާއަކަށް ކޯލިޝަނުގެ ކެންޑިޑޭޓުން ވާދަކުރާއިރު އެއީ ޕީޕީއެމްގެ 7 ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ 3 ކެންޑިޑޭޓެކެވެ. މާލެ ސިޓީ ކައުންސިލަށް ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑީވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވާދަނުކުރާއިރު އަދާލަތުން އެއް ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ.
މި ރަސްމިއްޔާތުގައި ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމާއެކު ރަސްމީކޮށް އަދާލަތުން ކޯލިޝަނެއް ނުހެދި ނަމަވެސް ޕީޕީއެމް ޖޭޕީ އަދި އެމްޑީއޭއިން ލޯކަލް ކައުންސިލް އިންތިހާބުގައި ކުރިމަތި ނުލާ ދާއިރާތަކަށް އަދާލަތުން ކުރިމަތިލާފައިވާ ފަރާތްތަކަށް ތާއީދުކުރާނެ ކަމަށެވެ.
"އަދާލަތަކީ އަޅުގަނޑުމެންނާ ރަސްމީކޮށް ކޯލިޝަން ހަދާފައި ނެތް ނަމަވެސް ވަރަށް ގާތް ބައެއް ވަރަށް މުހިންމު ބައެއް، ޕީޕީއެމް، ޖޭޕީ، އެމްޑީއޭން ކުރިމަތި ނުލާ ދާއިރާތަކަށް އަދާލަތުން ނެރެފައިވާ ކެނޑިޑޭޓުންނަށް ތާއީދު ކުރަން ކޯލިޝަނުން ވާނީ ނިންމާފައި،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވީ އަދާލަތު ޕާޓީން ކޯލިޝަނާއި ރަސްމީކޮށް ގުޅިފައި ނުވި ނަމަވެސް އަދާލަތު ޕާޓީއާއި ކޯލިޝަނާއި ކައުންސިލް އިންތިހާބުގައި ހިޔާލު އެއްގޮތްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ