ބްރިޖް ނިމި 3 މަރުކަޒު ގުޅައިލުމުން ކަރަންޓު ލިބުމަށް އެއްވެސް ދަތިކަމެއް ނެތް: ޝުކޫރު

50 މެގަވޮޓުގެ ކަރަންޓް އުފެއްދުމަށް ސަރުކާރުން މިއަދު ހުޅުމާލޭގައި ފެށި މަޝްރޫއާއި ބްރިޖް މަޝްރޫއު ނިމި މާލެ، ހުޅުމާލެ އަދި ހުޅުލޭގައި ކަރަންޓުގެ ޚިދުމަތްދޭ މަރުކަޒުތައް އެއްވިޔުގައަކުން ގުޅައިލެވުމުން ކަރަންޓް ލިބުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްޝުކޫރު ވިދާޅުވެއްޖެއެވެ.
ޢަބްދުއްޝުކޫރު މިއަދު ވިދާޅުވީ މިއަދު ފެށި މަޝްރޫއަށް 104 މިލިއަން ޑޮލަރު ޚަރަދުކުރެވޭނެ ކަމަށެވެ. އެއިގެ ތެރެއިން 77 މިލިއަން ޑޮލަރު ދެނީ ޗައިނާގެ އެގްޒިމްބޭންކާއި ޗައިނާ ސަރުކާރުން ކަމަށެވެ. އަދި ބާކީ ފައިސާ ދެނީ މަސައްކަތްކުރާ ފަރާތުން ކަމަށެވެ. "މިއީ 100 އިންސައްތަ ލޯނު މަޝްރޫއެއް."
ޝުކޫރު މިއަދު ވަނީ ކަރަންޓުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށްވެސް ގޮވާލައްވައިފައެވެ. "ބައެއް ގޭގޭގައި އެއާ ކޮންޑިޝަން ހަރުކުރީންސުރެ ހަލާކުވަންދެން އެބަ ބަހައްޓާ ނިއްވާނުލާ. އޭސީ ބަހައްޓައިދޭ މީހުން އެމީހުން ގާތު ބުނަނީ ކަރަންޓް ކަނޑާފަ ޖެއްސީމަ ކަރަންޓް ޚަރަދު ބޮޑުވާނެ ކަމަށް."
ޢަބްދުއްޝުކޫރު ވިދާޅުވީ އެއީ ދޮގެއް ކަމަށާއި ބޭނުން ނުކުރާ ވަގުތުތަކުގައި ކަރަންޓް ކަނޑާފައި ބެހެއްޓުމުން ބިލަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށެވެ. އަދި އެކަން ތަޖުރިބާކޮށްލަން އެދިވަޑައިގަންނަވާ ކަމަށެވެ.
ޝުކޫރު ވަނީ ސްޓެލްކޯގައި ކޮންމެ ދުވަހަކު އަނދަމުންދާ ތެލުގެ އަދަދު މަދުކުރުމަށް އެހީތެރިވުމުގެ ގޮތުންވެސް ކަރަންޓު އިސްރާފް ނުކުރުމަށް އެދިވަޑައިގެންފައެވެ.
މިއީ ކަރަންޓް އުފެއްދުމަށް ރާއްޖޭގައި މިހައިތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ