މި މަހު 25ން ފެށިގެން ޕެންޝަން އޮފީސް ހިންގާނީ އުމަރު ޝޮޕިންގ އާކޭޑްގައި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޚިދުމަތްތައް އަންނަ ހަފްތާއިން ފެށިގެން ދޭނީ ޗާންދަނީ މަގުގައި ހުންނަ ޢުމަރު ޝޮޕިންގް އާކޭޑުގައެވެ.
ޕެންޝަން އޮފީސް މިހާތަނަށް ހިންގަމުން އައީ މޫކައި ސުއިޓްސް ހޮޓެލްގައެވެ.
ޕެންޝަން އޮފީހުން މިހަފްތާގައި ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ޑިސެމްބަރު 25 ވާ އާދީއްތަ ދުވަހުން ފެށިގެން، އެ އޮފީސް ހިނގަމުން ދާނީ އުމަރު ޝޮޕިންގް އާކޭޑުގައި ކަމަށެވެ.
އުމަރު ޝޮޕިންގް އާކޭޑަކީ، އެސްޓީއޯ އިލެކްޓްރޯނިކްސް މީގެ ކުރިން ހިންގަމުން އައި އިމާރާތެވެ. އިސްލާމީ މަރުކަޒާ ޖެހިގެން، ޗާންދަނީ މަގުގައި، އެ މަގާއި އަމީރު އަހްމަދު މަގާއި އޯކިޑް މަގު ގުޅޭ ޖަންކްޝަންގައި ހުންނަ އެ އިމާރާތް ބާވުމުގެ ސަބަބުން އެތަން ތަޅާލައި، 10 ބުރީގެ އިމާރާތެއް ވަނީ އަޅާފަ އެވެ.
ދިހަ ބުރީގެ އާ އިމާރާތް ތަރައްގީކުރަނީ އެސްޓީއޯ އަދި އެކުންފުނީގެ ސަބްސިޑަރީ، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ގުޅިގެންނެވެ. އެ އިމާރާތް އެޅުމުގެ މަސައްކަތް ކުރީ އަމީން ކޮންސްޓްރަކްޝަނުންނެވެ.
އުމަރު ޝޮޕިންގް އާކޭޑް ހުޅުވާ އިރު، އެތަނުގެ ތިން ފަންގިފިލާގައި އެސްޓީއޯ އިލެކްޓްރޯނިކްސްގެ ޝޯރޫމެއް ހުޅުވާ އިރު، އެލައިޑް އިންޝުއަރެންސްގެ އޮފީސް ހިންގުމަށް ވެސް ތިން ފަންގިފިލާ ލިބޭނެ ކަމަށް އެ ފަރާތުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ