ދީނީ ޖަމިއްޔާތަކަށް ޒަކާތު ފަންޑުން ފައިސާ ދޭން މަސައްކަތް ކުރަނީ

ޒަކާތު ފަންޑުން ފައިސާ ބަހާ އުޞޫލު މުރާޖަޢާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި ދީނީ ޖަމްޢިއްޔާތަކުގެ މާލީ ދަތިކަން ކުޑަ ކުރުމަށް މި ފަންޑުން ޖަމްޢިއްޔާތަކަށް ފައިސާ ދެވޭނެ ގޮތެއް މި އުޞޫލުގައި ހިމެނުމަށް މަސައްކަތް ކުރައްވާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވައި، ދީނީ ޝިޢާރު ފައުޅުކުރުމަށް އަމިއްލަ ގޮތުން ޙަރަކާތްތެރިވާ ބައެއް ޖަމްޢިއްޔާތަކާއެކު އިއްޔެ ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގައި އިއްޔެ ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ރާއްޖޭގައި އިސްލާމްދީނާ ގުޅުންހުރި ކަންތައްތަކަށް ޚިދުމަތްކުރާާ ގިނަ އަމިއްލަ ޖަމްޢިއްޔާތަކަކުން ވަނީ ބައިވެރިވެފައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން، ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު މުޞްޠަފާ އިބްރާހީމާއި ޑެޕިޔުޓީ މިނިސްޓަރ އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދާއި މިނިސްޓްރީގެ ޑިރެކްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވެސް ބައިވެރިވެވަޑައިގެންނެވިކަމަށާއި އަދި ދީނީ 11 ޖަމްޢިއްޔާއަކުން މި ބައްދަލުވުމުގައި ބައިވެރިވި ކަމަށް އިސްލާމިކް މިނިސްޓްރީ މައުލޫމާތު ދެއްވައެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދީނީ ކަންކަމުގައި ރައްޔިތުން ހޭލުންތެރިކުރުމުގެ މާތް މަޤްސަދުގައި ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދާ މިފަދަ ޖަމްޢިއްޔާތަކަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުވައި، އެދަތިތައް ޙައްލު ކުރުމުގައި މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމާއި، ދީނީ މިފަދަ އަމިއްލަ ޖަމްޢިއްޔާތަކަށް މިނިސްޓްރީއާއި ގުޅިގެން ކުރިއަށް ގެންދެވެން ހުރި ޙަރަކާތްތަކަކީ ކޮބައިކަން ދެނެގަނެ، އެކަންކަމަށް ޢަމަލީ ސިފައެއް ގެނެވޭނެ ގޮތްތަކާބެހޭގޮތުން މަޝްވަރާކުރުމެެވެ.
މި މަޤްޞަދުގައި މިފަދަ ބައްދަލުވުމެއް، ހުރިހާ ދީނީ ޖަމްޢިއްޔާތަކަށް ދަޢުވަތުދީގެން ކުރިއަށް ގެންދިޔަ ކަމަށްޓަކައި ޖަމްޢިއްޔާތަކުންވަނީ މިނިސްޓަރ އަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ގިނަ ޖަމްޢިއްޔާތަކުން ވަނީ އެ ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައިި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް މިނިސްޓަރ އާ ޙިއްޞާކުރައްވާފައެވެ. އެގޮތުން، އެންމެބޮޑު ދަތިކަމެއްގެ ގޮތުގައި ގިނަ ޖަމްޢިއްޔާތަކުން ފާހަގަކުރައްވާފައިވަނީ ދީނީ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ޖާގަ ނުލިބުމުގެ މައްސަލައެވެ.
އަދިހަމަ މިއާއެކު، ޖަމްޢިއްޔާތަކުން އިންތިޒާމްކުރާ ޙަރަކާތްތައް އިޢުލާނުކުރުމާއި އިޝްތިހާރުކުރުމުގައި ދަތިތަކެއް ހުރިކަމަށް ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން، ބައެއް ޖަމްޢިއްޔާތަކުން ފާހަގަކުރެއްވި ގޮތުގައި، އިވެންޓްތަކަށް ބޭނުންކުރާ އިކުއިޕްމަންޓްސް ރައްކާތެރިކަމާއެކު ގުދަންކޮށް ބެލެހެއްޓުމަށް ބޭނުންވާ ޖާގަ ނުލިބުމުގެ ދަތިކަން އެބަހުއްޓެވެ. މި މައްސަލަތަކާއި ބެހޭ ގޮތުން މިނިސްޓަރ ވަނީ ޚިޔާލުފުޅު ފާޅުކުރައްވާ، އެކަންކަމުގައި މިނިސްޓްރީގެ ފަރާތުން ޖަމްޢިއްޔާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.
ދީނީ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ތުއްތު އިރުއްސުރެ ކުޑަކުދިންގެ ހިތްތަކުގައި ދީނީ ލޯބި އަށަގެންނެވުމުގެ މުހިންމުކަމާ ބެހޭގޮތުން ޖަމްޢިއްޔާތަކުން ވާހަކަ ދެއްކެވުމުން، މިނިސްޓަރ ވަނީ އެ މަޤްސަދުގައި މިހާރުވެސް މިނިސްޓްރީން މަސައްކަތްތަކެއް ކުރިއަށްގެންދާ ކަމުގައި ވިދާޅުވެފައެވެ. ކޭމްބްރިޖް މުޤައްރަރުގައި ކިޔަވައިދެވޭ މަޢުޟޫޢުތަކަށް އިސްލާމީ ނަޒަރަކުން ބަލައި ވިސްނުމަށް ކުދިންނަށް އުނގަންނައި ދެވޭނެ ގޮތަކަށް ޓީޗަރުންގެ ޓީޗަރސް ގައިޑްތައް ބަދަލު ކުރުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މި މަޝްވަރާތައް އެޑިޔުކޭޝަން މިނިސްޓްރީ އާއި އެކު ކުރަމުން އަންނަ ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ