ކަލާމްގެ ހަނދާނުގައި ބާއްވާ ހަފްލާއެއްގެ ޝަރަފްވެރި މެހްމާނަކަށް ރައީސް މައުމޫން

އިންޑިއާގެ ކުރީގެ ރައީސް، ޑޮކްޓަރ އަބްދުލްކަލާމްގެ އުފަން ދުވަހުގެ ހަނދާނުގައި ބެންގަލޫރުގެ ގާޑްން ސިޓީ ކޮލެޖުން ބާއްވާ ޚާއްސަ ހަފްލާއެއްގައި ބައިވެރިވުމުގެ ދައުވަތު ކުރީގެ ރައީސް އަދި މައުމޫން ފައުންޑޭޝަންގެ ޗެއާމަން މައުމޫން އަބްދުލްގައްޔޫމްއަށް ލިބިވަޑައިގެންފިއެވެ.
ޝަރަފްވެރި މެހްމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ރައީސް މައުމޫން އަށް ލިބިވަޑައިގެންފައިވާއިރު، މި ހަފްލާ ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސް މައުމޫން އިންޑިއާގެ ބެންގަލޫރަށް ފުރާވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
މި ހަފްލާގައި ރައީސް މައުމޫން ބައިވެރިވެ ވަޑައިގަންނަވަނީ، ގާޑްން ސިޓީ ކޮލެޖުގެ ޗެއާމަން ޑޮކްޓަރ ޖޯޒެފް ވީ ޖޯޖް ދެއްވި ދައުވަތަކަށެވެ.
މި ޚާއްސަ ހަފްލާއަކީ އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ ބައިވެރިވުމާއެކު، ގާޑްން ސީޓީ ކޮލެޖުން [ސިމްޕްރެސް – ސްޕީކް ޔުއަރ މައިންޑް އެންޑް އެކްސްޕްރެސް] ކިޔާ ޕްރޮގްރާމެއް އިފްތިތާހު ކުރުމަށް ބާއްވާ ޚާއްސަ ހަފްލާއެއް ކަމަށް، މައުމޫން ފައުންޑޭޝަނުން މައުލޫމާތުދެއެވެ.
ރައީސް މައުމޫން އެ ޖަލްސާގައި ބައިވެރިވެވަޑައިގެން އެ ޕްރޮގްރާމް އިފްތިތާޙުކޮށް ދެއްވާނެ ކަމަށާއި، އަދި ދުނިޔޭގެ ސުލްހައާއި އަމަން އަމާންކަމާ ބެހޭގޮތުން އެމަނިކުފާނުގެ ވިސްނުންފުޅު ގެންގުޅުއްވާގޮތް ހާމަކޮށްދެއްވާ ވަރަށް  ހާއްސަ ތަގްރީރެއް އެ ޖަލްސާގައި ކުރައްވާނެ ކަމަށްވެސް، އެ ފައުންޑޭޝަނުން މައުލޫމާތުދެއެވެ.
ރައީސް މައުމޫން އަރިހުގައި މައުމޫން ފައުންޑޭޝަންގެ ވައިސް ޗެއާމަން އަހުމަދު ފާރިސް މައުމޫން ވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ